ރައީސް މުހައްމަދު މުއިއްޒު 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު' ތަސްދީގުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގޭންގު ކުށްތައް

ގޭންގުތަކަށް ހަރުކަށި އަދަބު ދެވޭ ބިލު ތަސްދީގުކުރައްވައިފި

ރާއްޖޭގައި ކުށްކުރާ ގްރޫޕުތަކަށް ނުވަތަ ގޭންގްތަކަށް މި ގާނޫނުގައި ކިޔަނީ 'އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު'

މީހުން މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް، ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހެޅި ގޭންގްތަކާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބިލު ތަސްދީގުކުރުމަށް މިއަދު ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ތަފްސީލް - 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މިއަދު ރައީސް ތަސްދީގު ކުރެއްވި ގާނޫނު ބުނާ ގޮތުން، މާރާމާރީ ހިންގައިގެން އެ ކުރި އަމަލަކުން މީހަކު މަރުވެއްޖެ ނަމަ، މަރުގެ އަދަބު ނުވަތަ 25 އަހަރަށް ޖަލަށްލުމާ އެކު، 3 މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން:

  • މާރާމާރީ ހިންގައިގެން މީހަކު މަރުނުވާ ހާލަތުގައި އަންނާނީ 20 އަހަރުގެ ޖަލު ހުކުމަކާ އެކު، 200،000ރ. އާއި 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް 

  • މީހަކު ކިޑްނެޕް ކޮށްފި ނަމަ، 15 އަހަރަށް ޖަލަށްލުމާ އެކު، 1 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން

  • މީހަކަށް ބިރުދައްކައިފި ނަމަ، 10 އަހަރަށް ޖަލަށްލުމާ އެކު، 750،000ރ. އާއި 500،00ރ. އަދަދަކުން ޖޫރިމަނާ ކުރުން

ރައީސް މުހައްމަދު މުއިއްޒު 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު' ތަސްދީގުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގޭންގު ކުށްތަކަށް ވެެސް ޖަލަށްލުމާ އެކު 10 މިލިއަނުން ޖޫރިމަނާ

ރާއްޖޭގައި ކުށްކުރާ ގްރޫޕުތަކަށް ނުވަތަ ގޭންގްތަކަށް މި ގާނޫނުގައި ކިޔަނީ، 'އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު' އެވެ. އެގޮތުން:

  • އެފަދަ ގްރޫޕެއްގެ ގޮތުގައި ބަލަނީ، ޖިނާއީ ބޮޑު ކުށެށް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށްކުރުމަށް، ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް މާލީ ނުވަތަ އެ ނޫން ވެސް މާއްދީ މަންފާއެއް ހޯދަން، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމްވެފައިވާ ގްރޫޕް

ރައީސް މުހައްމަދު މުއިއްޒު 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު' ތަސްދީގުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގާނޫނުގައިވާ ގޮތުން، މިފަދަ ކުށް ކުރާ ގުރޫޕެއް އުފެއްދުމާއި ހިންގުމަކީ ގާނޫނީ ކުށެކެވެ. އޭގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 3 މިލިއަން އާއި 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ގްރޫޕުތަކުން ކުށްކުރަން ބޭނުންކުރާ ތަންތަނުގެ ވެރިފަރާތާއި އެ ތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން އަދި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުގައިވެ އެވެ. އެގޮތުން:

  • ވަކި ތަނެއްގައި އިންތިޒާމްވެގެން ހިންގާ ކުށްކުރާކަން ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގައި އެ ވަގުތު އުޅޭ ފަރާތުން ނުވަތަ އެ ތަނެއް ބަލަހައްޓާ ފަރާތުން ނުވަތަ އެ ތަނަކާ ހަވާލުވެ ހުރި ފަރާތުން އެކަން ހިންގިޔަ ދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެއް

  • އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުމާ އެކު، 300،000ރ. އާއި 1 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން

ކޯޓު އަމުރަކާ ނުލާ ފުލުހުންނަށް ބައެއް ކަންކަން ކުރުމުގެ ބާރުތަކެއް 

ބައެއް ހާލަތްތަކުގައި، ފުލުހުންނަށް މިހާރު ނުލިބޭ ބާރުތަކެއް ދީ އަދި ކުށުގެ ތުހުމަތުވާ ފަރާތަށް މިހާރު ލިބޭ ބައެއް ހައްގުތައް ހަނިކުރުމަށް ވެސް ގާނޫނުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކަށް އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ އެކު އެކަހެރިކޮށް ބައްދަލުވެ މަޝްވަރާކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓިދާނެ

  • ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބޭނެ

  • ބޮޑެތި ކުށެއްގެ ތުހުމަތުވާ މީހަކާ މެދު ވަގުތުން ފިޔަވަޅު ނާޅައިފި ނަަމަ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކޮށްފާނެ ކަމަށް ބަލަން ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލާ އެ މީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ

  • ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހަކު ހައްޔަރުކުރަން އަމިއްލަ ތަނަކަށް ވަދެ، އޭނާ ހައްޔަރުކޮށް، އެ ތަނުގައި އެ މީހާ ބަލައި ފާސްކުރެވޭނެ އަދި އެކަށީގެންވާ ވަގުތަކަށް އެ ތަނެއްގައި މަޑު ވެސް ކުރެވޭނެ

ކޮމެންޓް (1)

ސިކުނޑި

25 މޭ 2025
ގާނޫނަކުން ކަނޑައެޅޭނީ ހަރުކަށި އަދަބު! އަދަބު ދެވޭނީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވެގެން! އިހަކަށްދުވަހު ކޯޓުން އެ ދޫކޮށްލީ ރޯމާދުވާލު އާންމުތަނެއްގައި މީހެއްގެ ގަޔަށް ވަޅިހަރައި މަރައިލި ބައެއް! ކުށް ސާބިތު ނުވެގެން! މަސްތުވާތަކެތި އެއްވެސް އިމެއްނެތި އެތެރެކޮށް އޭގެ ވިޔާފާރި ކުރަމުންދަނީ! ގާނޫނެއްްގައި ހަރުކަށި އަދަބު ކަނޑައެޅިއިރު އަމަލީގޮތުން މިކަން ހުއްޓުވަން ސަރުކާރު އެކުލަވާލީ ސިޔާސަތެއް ކުރި މަސައްކަތެއް ފެންނާކަށްނެތް 2 އަހަރު ވީއިރު! މިލިއަނުން ޖޫރިމަނާކުރަން ގާނޫނެއްގައި ލިޔެވިދާނެ! އެކަން ޢަމަލީ ގޮތުން ކުރެވޭނެގޮތެއް މިގައުމުގައި ނެތް! މިއީ ދެވަނަ ސަންސެޓް ގާނޫނު! ބިލު ވަރަށްފުރިހަމަ ވާނެ! ނަތީޖާ ސުމެއް! މިހާރު ވަރަށްބޮޑަށް ހީވޭ ސަރުކާރުން އެމެރިކާ ނަމޫނާއަކަށް ބަލައިގެން އުޅޭހެން!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް