ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ބޭއްވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްސަލަ ހައި ކޯޓަށް
ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިޔުޓާ ޖެނެރަޕް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ 31 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާ އުފުލާފައިވެ އެވެ؛
-
މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
-
މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
-
އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
-
ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
-
ޒަޔާން ނާސިރު، 23، ކެމީހިޔާ/އދ. މާމިގިލި
-
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
-
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
ތަފްސީލް - ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވަނީ މި ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި މި ފެށޭ ހަފްތާގައި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އެނގުން މުހިއްމު - ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން މިދިޔަ އޭޕްރީލް މަހު ކުރެއްވި ހުކުމުގައިވާ ގޮތުން، ކުށް ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ހެއްކަކީ ސީސީޓީވީ ފުޓޭޖުތައް ކަމަށްވީ އިރު، އޭގެ ރިޕޯޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން:
-
ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމައެއް ނުވޭ
-
ޓައިމްސްޕޭސްގެ މައްސަލަ ތަހުގީގު މަރުހަލާ އަދި ދައުވާކުރުމުގެ މަރުހަލާގައި އެނގުނު އިރު ވެސް ދައުލަތުން އެ މައްސަލަ ހިނގި ގޮތް އެއްވެސް ވަރަކަށް ޝަރީއަތަށް ސާފުކޮށްދީފައެއްނުވޭ
-
ހެކި ޝަރީއަތަށް ބަލައިގަނެވުނު ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ދެވޭނެ ބުރަދަން މި ހާލަތުގައި ވަރަށް ދަށް
އެނގުން މުހިންމު - ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ބުނާ ގޮތުން:
-
މިދުހަތަކީ، ހަމަލާދިނުމަށް އިތުރު ބަޔަކާ އެކު ރާވައި ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އެ ސަރަހައްދަށް ގޮސް ހަމަލާދިން މީހާ
-
ޖަޒްލާނަކީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ނޫރު މިސްކިތް ކައިރިއަށް މިދުހަތު ގެންދިޔަ މީހާ
-
މައިސާނަކީ ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އޭނާއަށް ހަމަލާދިނުމަށް މިދުހަތު އެ ސަރަހައްދަށް ދިޔަ ސައިކަލު ހޯދައިދީ އެކަމަށް މަހުގުފަހިކޮށްދީފައިވާ މީހާ
-
ދެން ތިބި މީހުންނަކީ ނޫރު މިސްކިތް ކައިރީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުން