މުލި އެއާޕޯޓު ހުޅުވުމަށް މިއަދު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
މ. މުލީގައި ތަރައްގީ ކުރި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - މުލި އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު އެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރުމަށް 2021 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެތެރޭގެ އުދުހުންތަކަށް އަމާޒުކޮށްގެން ތަރައްގީކުރި މި އެއާޕޯޓުގައި:
-
1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް
-
އެއްފަހަރާ 150 ފަސިންޖަރުންނަށް ހިދުމަތްދެވޭ ޓާމިނަލެއް
މުޅި މަޝްރޫއަށް 540 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ އެ އެއާޕޯޓު އާންމު ދަތުރުފަތުރަށް ހުޅުވާލީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
މުލި އެއާޕޯޓާ އެކު މ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ލުއިކަން ލިބޭނެ އެވެ. މީގެ އިތުރުން، މިއީ އެ އަތޮޅުގައި ޓޫރިޒަމް ފުޅާކޮށް ތަރައްގީކުރަން ލިބޭ ފުރުސަތަކަށް ވާނެ އެވެ.