ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫނާއި ނަޝީދު، 2014ގައި ގަލޮޅު ދަނޑުގައި ބޭއްވި ފުޓުބޯޅަ މެޗެއް ބައްލަވާލެއްވުމަށް އެ ތަނަށް ވަޑައިގެން ސެލްފީއެއް ނަންގަވަނީ. (ފައިލް ފޮޓޯ/ހަވީރު)
އެއްބައިވަންތަކަމުގެ ދުވަހު ނަޝީދާއި މައުމޫން ގޮވާލެއްވީ ސުލްހަޔަށް
މީގެ 17 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމް އާއި މުހައްމަދު ނަޝީދު މިއަދު ސުލްހަޔަށް ގޮވާލައްވައިފި އެވެ.
އެނގުން މުހިންމު - ސުނާމީ ކާރިސާ ކުރިމަތިވީ 26 ޑިސެމްބަރު 2004ގަ އެވެ. އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ފާހަގަކުރަމުން އަންނަނީ "ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް"ގެ ގޮތުގަ އެވެ.
ވީ ކިހިނެއް؟ - މި ދުވަހާ ގުޅިގެން، މައުމޫނާއި ނަޝީދު ވަނީ ދާދި އެއް މާނައެއް އެކުލެވިގެންވާ ޓުވީޓެއް ކުރައްވާފަ އެވެ. އެ ދެ ބޭފުޅުން ވެސް ގޮވާލައްވާފައި ވަނީ ސުލްހަމަސަލަސްކަމާއި ހަމަޖެހުން އިސްކުރުމަށެވެ. މީގެ އިތުރުން، މައުމޫން ކުރެއްވި ޓުވީޓް ނަޝީދު ވަނީ ރީޓްވީޓް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ދަންނަވައި މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ، "ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން ގައުމީ ކަންކަމުގައި ކުރިއަށް" ދިއުމަށް ގޮވާލައްވާފަ އެވެ.
"އެމްޑީޕީ އާއި އެމްޑީޕީގެ ވާދަވެރިން ވެސް، ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވާލަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން މިހާރު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ފަސްމަންޒަރު - މައުމޫނާއި ނަޝީދު މިގޮތަށް ޓުވީޓު ކުރައްވާފައި މި ވަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި 'އިންޑިއާ އައުޓް'ގެ ނަމުގައި ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ހިންގަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
މައުމޫނާއި ނަޝީދު ވެސް ވަނީ އެ ކެމްޕެއިނާ ދެކޮޅަށް މީގެ ކުރިން ވާހަކަދައްކަވާފަ އެވެ.