މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ (ފޮޓޯ/ހެލްތު މިނިސްޓްރީ)
މިނިސްޓަރު ބޭރު ދުނިޔެއަށް ދިނީ ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން
ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުއްވާނެކަމުގެ ޔަގީންކަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްވައިފި އެވެ.
ވީ ކިިހިނެއް؟- ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރައްވައި، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ގެނައި ބޮޑު ބަދަލާ ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފަނޑިޔާރުން ވަކިކުރުމުގެ ކުރިން، ކޮމަންވެލްތުން ވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ދިފާއީ ހައްގުތައް ފުރިހަމަ ގޮތުގައި ދީފައި ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބޭރުކުރަން ގޮވާލާފަ އެވެ.
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން، މީގެ ތިން ދުވަސް ކުރިން ފަނޑިޔާރުން ވަކިކުރައްވާފައިވާއިރު އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ވަނީ ފުރަތަމަ ފަހަރަށް ބޭރު ދުނިޔެއާ މުހާތަބު ކުރައްވާފަ އެވެ.
ކޮމަންވެލްތާއި އެ ޖަމިއްޔާގެ ވެރިން ޓެގްކުރައްވައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ފުރަތަމަ ވެސް ދެއްވީ، ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ނުފޯރުއްވާނެ ކަމުގެ ޔަގީންކަމެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ޝަރުއީ ދާއިރާގެ އެއްވެސް މައްސަލައަކަށް ރައީސް ހުރަހެއް ނާޅުއްވާނެ
-
[ފަނޑިޔާރުން ވަކި ކުރެއްވީ] ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގަކުން، މަޖިލީހުން
-
ރައީސް މަސައްކަތް ކުރައްވަނީ ހިންގުމުގެ ނިޒާމާއި ޝަރުއީ ދާއިރާ ވަކިކޮށް، މިނިވަންކޮށް ބޭއްވުމަށް
ކޮމަންވެލްތު ފަދަ ޖަމިއްޔާތަކަށް މިގޮތަށް ވިސްނިފައިވަނީ، އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގުވާހަކަތަކަށް ބުރަވެކަމަށް، ހަލީލްގެ ވާހަކައިން ދޭހަވެ އެވެ. މިނިސްޓަރު ވަނީ، އިދިކޮޅު ސިޔާސީ އިސް ފަރާތްތަކުން، ބޭރު ދުނިޔެއަށް ތެދު ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެނގުން މުހިއްމު- އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ކޮމެންޓް (2)
ތެފައާސާ.
އޭސީސީ