ސީއެސްއެސްއެސްގެ ވެރިޔާ ޑރ. އަތާއުﷲ އަހުމަދު ރަޝީދު (ވ): އޭނާއަކީ މި ޖާނަލްގެ އެޑިޓަރެއް. (ފޮޓޯ/އެމްއެންޔޫ)
އެމްއެންޔޫން ދިފާއީ ދާއިރާގެ ރާއްޖޭގެ ފުރަތަމަ ޖާނަލް ނެރެން ފަށައިފި
ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ގައުމީ ސަލާމަތާ ގުޅުންހުރި އިލްމީ މައުލޫމާތު ގެނެސްދޭ ރާއްޖޭގެ ފުރަތަމަ ޖާނަލް، 'މޯލްޑިވްސް ސެކިއުރިޓީ އައުޓްލުކް' (އެމްއެސްއޯ) ނެރެން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޖާނަލް ނެރެނީ، އެމްއެންޔޫގައި މިފަހުން އުފެއްދި ސެންޓަރު ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް (ސީއެސްއެސްއެސް)ންނެވެ.
ތަފްސީލް - މި ޖާނަލްގެ އެޑިޓަރުންނަކީ:
-
ސީއެސްއެސްއެސްގެ ވެރިޔާ ޑރ. އަތާއުﷲ އަހުމަދު ރަޝީދު
-
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރު އަހުމަދު ޒަކީ ނާފިޒު
-
މެރިޓައިމް ސެކިއުރިޓީގެ މާހިރު، ބަންގްލަދޭޝްގެ ޔުނިވަސިޓީ އޮފް ޑާކާގެ ޕްރޮފެސަރު ލައިލޫފަރު ޔަސްމީން
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލުންނާއި ދަރިވަރުންގެ އިތުރުން، ސެކިއުރިޓީ އަދި ސްޓްރެޓެޖިކް ސްޓަޑީޒްގެ ތަޖުރިބާކާރުންނަށް މި ޖާނަލްގައި ލިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޖާނަލްގައި 800 އާއި 1000އާ ދެމެދުގެ ދިގުމިނުގެ އަމިއްލަ ލިޔުންތައް ލިޔާ މައުލޫތަކަކީ:
-
ގައުމީ ސަލާމަތާއި ރައްކާތެރިކަން
-
އަސްކަރީ އަދި ދިފާއީ ދާއިރާ
-
ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން
-
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސަލާމަތީ ކަންކަން
-
މަސްތުވާތަކެތީގެ ވަގު ވިޔަފާރި
-
ޓެރަރިޒަމް
-
ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަން
ބުނީ ކީކޭ؟ - މި ޖާނަލްގެ އެޑިޓަރު އަތާއުﷲ ވިދާޅުވި ގޮތުގައި، އެމްއެސްއޯގެ މައިގަނޑު އަމާޒަކީ ގައުމީ އަދި ސަރަހައްދީ ސަލާމަތާ ބެހޭ މައުލޫތަކުގެ މަޝްވަރާތައް އިތުރުކޮށް، ސަލާމަތީ އަދި ސްޓްރެޓެޖިކް ދިރާސާތަކުގައި ހަރަކާތްތެރިވާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އިލްމީ އަދި ސިޔާސަތާ ގުޅޭ ކަންކަން އުފައްދައި ކުރިއެރުވުމެވެ.