ތެރަޕީ ދޭ ކުލިނިކެއްގެ މުވައްޒަފަކު ކުއްޖަކަށް އަނިޔާކުރި ތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

އިތުރު ބެލެނިވެރިއެއްގެ ޝަކުވާ: 'ގެއަށް އަންނަނީ އަނިޔާތަކާއެކުގައި'

އޯޓިސްޓިކް ކުއްޖެއްގެ ބެލެނިވެރިއަކު ބުނިގޮތުގައި އޭނާގެ ދަރިފުޅު ގެއަށް އަންނައިރު ވެސް 'ގޮތް ނޭނގޭ' އަނިޔާތައް ލިބިފައި ހުރޭ

"ކޮންމެ ދުވަހަކު ވެސް އެތަނަށް ގެންދަނީ ދަރިފުޅުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދުގައި. އެކަމަކު ގެއަށް އަންނަނީ ހަށިގަނޑުގެ އެތައް މިތަނަށް ލިބިފައި ހުންނަ އަނިޔާތަކާއި ޖަވާބު ނުލިބޭ ސުވާލުތަކާއެކުގައި،" އޯޓިސްޓިކް ކުއްޖެއްގެ ބެލެނިވެރިއަކު، ރޭ ފޭސްބުކްގައި ލިޔެފައި ވެ އެވެ.

އޭނާ އެ ވާހަކަ ހިއްސާކުރީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޮތެރަޕީ ދޭ، ފިޒިއޯ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރިތަން ފެންނަ ވީޑިއޯއެއް އިއްޔެ ފެންމަތިވުމާއެކު އެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރުމާ އެކު ފުލުހުން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެ ކްލިނިކުން ވަނީ އެތަނުގެ ތިން މުވައްޒަފުން ވަކިކޮށް، ތަން ވަގުތީ ގޮތުން ބަންދު ކުރިކަމަށް އިއްޔެ ބުނެފަ އެވެ.

އެކަމަކު ފޭސްބުކްގައި ވާހަކަ ހިއްސާ ކުރި ބެލެނިވެރިޔާގެ ބަހުން ނަމަ، މިއީ އެ ކްލިނިކުން ފުރަތަމަ ފަހަރަށް ފެންމަތިވި މައްސަލައެއް ނޫނެވެ. ވާހަކަ ނުދެއްކޭ، އޭނާގެ އޯޓިސްޓިކް ދަރިފުޅަށް ވެސް އެތަނުން އެތައް އަނިޔާ ލިބިފައިވާކަމަށް ބުންޏެވެ.

ފިޒިއޯ ކްލިނިކުން އަނިޔާ ލިބުނު ކަމަށް ބުނެ މީހަކު ފޭސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކެއް
ފިޒިއޯ ކްލިނިކުން އަނިޔާ ލިބުނު ކަމަށް ބުނެ މީހަކު ފޭސްބުކްގައި އާއްމުކޮށްފައިވާ ފޮޓޯތަކެއް

އެ ބެލެނިވެރިޔާ ވަނީ، އޭނާގެ ދަރިފުޅަށް ލިބުނު އަނިޔާތަކުގެ ފޮޓޯ އައި އެކަމާ މެދު ސުވާލުކޮށް ކްލިނިކަށް ފޮނުވާފައިވާ ޗެޓްލޮގްތައް އާއްމުކޮށްފަ އެވެ. އެއް ފޮޓޯއިން ފެންނަނީ ކުއްޖާގެ ދަތްދޮޅި ހަލާކުވެފައި އިންދަ އެވެ. އެހެން ދުވަހެއްގައި ފޮނުވި އެހެން ފޮޓޯއެއްގައި، ކުޑަކުއްޖާގެ ފައިގެ ކުޑަވާއިނގިލިން ލޭހިލި ދުޅަވެފައި ހުއްޓާ ފެނެ އެވެ.

ޗެޓްލޮގްގައި އެ ބެލެނިވެރިޔާ ވަނީ، މިއީ ކްލިނިކަށް ގެންދިޔަ ފަހުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެފަ އެވެ. އަދި މިހާބޮޑު އަނިޔާއެއް ލިބުނީ ކީއްވެގެންތޯ ސުވާލުކޮށްފައި ވެ އެވެ.

"އަހަރެންގެ ދަރިފުޅަކީ ހައިޕާ [މަޑުންނުހުރެވޭ] ކުއްޖެއް ނޫން. އޭނާ އިންނާނީ މަޑުމަޑުން. އަމިއްލަ ނަފްސަށް ވެސް އަދި އެހެން މީހުންނަށް ވެސް ގެއްލުމެއް ނުދޭނެ،" ބެލެނިވެރިޔާ، ކްލިނިކަށް ފޮނުވި މެސެޖުގައި ބުނެފައި ވެ އެވެ.

ފޭސްބުކްގައި ކުރި ޕޯސްޓުގައި އޭނާ ފަހުން ބުނިގޮތުގައި އެއިން އެއްވެސް ސުވާލަކަށް ކްލިނިކަކުން ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި އެ ފަދަ ޝަކުވާތަކައިގެން، ކޮންމެ ދުވަަހަކުހެން ބެލެނިވެރިން އެތަނަށް ދާކަން ވެސް އޭނާ ފާހަގަކޮށްފައި ވެ އެވެ.

"ތެރަޕީއަށް ގެންދާއިރު ނުވެ ހުންނަ އެތައް އަނިޔާއެއް ނިމިގެން ބަލާ ދާއިރު ލިބިފައި ހުންނަނީ. މައްސަލަ ޖެއްސީމަ ބުނަނީ ނޭނގެޔޯ. ކެމެރާއަކުން ފެންނާކަށް ނެތޯ،" ބެލެނިވެރިޔާ ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނިގޮތުގައި ދަރިފުޅަށް ފަރުވާ ދިނުމަށް، ކޮންމެ ދުވަހަކު ވެސް ކުއްޖާ ގޮވައިގެން އޭނާ ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގައި ދަތުރުކުރެ އެވެ. ދަރިފުޅު ލައްވާ އަޑުތަކަށް، އެ ދަތުރުމަތީގައި މީހުން ބަލައި [މަލާމާތަށް] ހީ ހަދާ ކަމަށާއި އެކަމަކު އެ ދަތުރު ކުރަނީ، ދަރިފުޅަށް ކޮންމެވެސް ވަރެެއްގެ ކުރިއެރުމެއް ލިބިދާނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.

"އެކަމަކު ގެއަށް މި އަންނަނީ އެތައް މިތަނަށް ލިބިފައިވާ އަނިޔާތަކާއެކުގައި. ..ޝަކުވާކޮށް މައްސަލަ ޖެއްސިޔަސް އެއްވެސް ކަމެއް ނުވި،" އޭނާ ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނިގޮތުގައި ދަރިފުޅު ގެންދަނީ އެކަނި ނަގައިދޭ ތެރަޕީ ސެޝަނަކަށް ނަމަވެސް، އެ ސެޝަނުގައި ދެތިން ކުދިން އެ މީހުން ބައިވެރި ކުރެ އެވެ. ޕޯސްޓުގައި އޭނާ އެދުނީ، އެތަނުގެ މަގްސަދަކީ ފައިސާ ހޯދުން ކަމުގައި ވިޔަސް، މީހުންގެ ދަރިންނަށް އިހާނާތްތެރިކޮށް ނުހިތައި އެކަން ކުރުމަށެވެ.

ވީޑިއޯގެ މައްސަލަ ފެންމަތިވުމާއެކު ފިޒިއޯ ކްލިނިކުން ބުނީ، އެ ތަނުން ހިދުމަތްދޭ މާހައުލަކީ ރައްކާތެރި، އަދަބުވެރި މާހައުލަކަށް ހެދުމަކީ އެ ކުލިނިކުގެ ޒިންމާއެއް ކަމަށެވެ. އަދި ބެލެނިވެރިންނަށް ވެސް ފެންނަ ގޮތަށް ތެރަޕީ ރޫމްތަކުގެ ލައިވް ވީޑިއޯ މޮނީޓަރިން އެ ކުލިނިކުން އަބަދުވެސް ހަމަޖައްސައިދީފައިވާނެ ކަމަށް ބުންޏެވެ.

އެކަމަކު ބައެއް ބެލެނިވެރިން އެކަން ދޮގު ކުރެ އެވެ.

ކޮމެންޓް (1)

ދޮގުމާކަނާ

12 މޭ 2025
ލައިވް ކޮށް ބެލޭ ގޮތަށް ހުންނަ ނަމަ މައްސަލައެއް ނާންނާނެ! ފަރުވާ ކުޑަވީމާ ތިހެން ދިމާވާނީ! ދެން ބޮލުން ނައްޓާލަން ބުނަންވީ މާކަނައޭ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް