ރައުދު އަހުމަދު ޒިލާލް: ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރޭ

ރައުދު އިތުރު 5 ދުވަހަށް ބަންދުކޮށްފި

މިއީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރު

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 5 ދުވަސް މިއަދު ޖަހައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ފުލުހުން ރައުދު، 21، ގ. އެރިޔަދޫ، ހައްޔަރުކުރީ 25 އޭޕްރީލްގަ އެވެ.

ހައްޔަރު ކުރުމަށްފަހު މުއްދަތު ޖެހި މިއީ ތިން ވަނަ ފަހަރެވެ. ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ. އަދި އެ މުއްދަތު ހަމަވުމުން އޭޕްރީލް 30ގައި ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފަ އެވެ.

ތަފްސީލު - ރައުދަކީ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.

ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ.

ނަމަވެސް ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.

ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް