ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝިއޭޓިވް ލޯންޗުކޮށްދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
އެހީތެރިކަން ބޭނުންވާ މީހުންނަށް 250 މިލިއަންގެ އިސްލާމިކް ފައިނޭންސް މަޝްރޫއެއް ފަށައިފި
ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަކީ މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްލާމިކް ފައިނޭންސްގެ ޒަރީއާއިން އެހީތެރިވެދޭ ތަނަކަށް ހެދުމުގެ އަމާޒުގައި މަރުކަޒީ ބޭންކް، އެމްއެމްއޭއިން 250 މިލިއަން ރުފިޔާގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - 'މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝިއޭޓިވް' ނުވަތަ 'މިސްފީ'ގެ ނަމުގައި މި މަޝްރޫއު މިއަދު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސަރުކާރުން ބުނި ގޮތުގައި، މިއީ މެލޭޝިޔާގެ ބޭންކެއް ކަމަށްވާ، ބޭންކް އިސްލާމްގެ ސަދަގާތު ހައުސްއިން ކޮށްފައިވާ ދިރާސާތަކަކަށް ފަހު ފަށާ ބޮޑު މަޝްރޫއެކެވެ.
ތަފްސީލް - މިފްސީ މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ބައިވެރިވެ އެވެ. އެގޮތުން، މުޖުތަމައުގައި ތިބި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި:
-
200 މިލިއަން ރުފިޔާގެ ފައިސާ ބީއެމްއެލްއިން ދޫކުރާނެ
-
އެމްއައިބީން ދޫކުރާނީ 30 މިލިއަން ރުފިޔާ
-
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް 20 މިލިއަން ރުފިޔާ ދޫކުރާނެ
ބުނީ ކީކޭ؟ - ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ގައުމުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި:
-
ރާއްޖޭގެ އެއްބައިވަންތަކަމުގެ އަސާސަކީ އެކުވެރިކަމާއި އިންސާފާއި އަދި އިޖްތިމާއީ ހަމަހަމަކަން
-
މިއީ އިސްލާމީ އިޖްތިމާއީ މާލިއްޔަތުގެ ވެސް އަސާސްތައް
-
އެހެންވެ، މި މަޝްރޫއުގެ ދަށުން ވެސް މި އަސާސްތައް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ
"އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން، މާލީ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާ ދެމެދު މުހިއްމު ގުޅުންތަކެއް ގާއިމުވެ، މުޖުތަމައުގެ އެކި ބޭނުންތައް ފުއްދުމަށް މަގުފަހިވާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖެއަކީ ސަރަހައްދީ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ހެދުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
މިއީ އެމްއެމްއޭގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަމެއް
-
މި މަޝްރޫއުގެ ސަބަބުން އެންމެންގެ އިގްތިސޯދީ ބައިވެރިވުން އިތުރުކުރެވޭނެ
-
މަޝްރޫއުގެ މައިގަނޑު އަމާޒަކީ، މުޖުތަމައުގެ ކޮންމެ މީހަކީ ވެސް ގައުމުގެ އިގްސޯދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން
ކޮމެންޓް (1)
ތެފައާސާ.