ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޓެކްސީ

ސަރުކާރުގެ ޓެކްސީ ލައިން ހިންގާނީ ސަބްސިޑީ ދީގެނެއް ނޫން: އަމީން

ސަރުކާރުގެ ޓެކްސީ ހިދުމަތާ އެކު ޒަމާނުއްސުރެ ހަމަ ގެއްލިފައިވާ ޓެކްސީ ހިދުމަތް ވަކި އުސޫލުތަކަކަށް ފެތިގެން ދާނޭ ކަމަށް މިނިސްޓަރު ވިދާޅުވި

މި ސަރުކާރުން ފަށާ ޓެކްސީ ލައިން ހިންގާނީ ބަޖެޓުން ސަބްސިޑީ ދީގެން ނޫން ކަމަށާއި އެ ހިދުމަތް ކުރިއަށް ގެންދަން ބަޖެޓަށް ބުރަކަމެއް ނާންނާނޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ. 

ތަފްސީލް - ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭ ގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަމީން ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ ޓެކްސީ ލައިން ފެށުމަށް އެމްޓީސީސީއަށް ދޭ ކެޕިޓަލް ފިޔަވާ އިތުރު ހަރަދެއް ބަޖެޓުން ކުރަން ނުޖެހޭނޭ ކަމަށެވެ. އަދި އެ ހިދުމަތަކީ އޭގެއިން ލިބޭ އެއްޗަކުން ވިޔަފާރިއެއްގެ ގޮތުގައި ހިންގޭނޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.  

"އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފައި އޮތްގޮތުން އެމްޓީސީސީއަށް ސަބްސިޑައިޒް ކުރާ ގޮތަކަށް ނޫން މިއޮތީ. ސެލްފް ސަސްޓެއިން އޮޕަރޭޝަނެއް ހިދުމަތެއް މިއީ،" އަމީން ވިދާޅުވި އެވެ. 

"އާރުޓީއެލް ބަހުގެ ހިދުމަތް ގޮތަށް މި ހިދުމަތުގައި ބަޖެޓަށް ބަރޯސާއެއް ނުވާނެ."

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ތެޔޮ ނާޅާ 100 އިލެކްޓްރިކް ކާރު ގެނެސްގެން ޓެކްސީ ލައިނެއްގެ ހިދުމަތް މާލޭގައި ފަށާށެވެ. އެކަމަށް ހިނގާނޭ ހަރަދު ވިދާޅު ނުވެ އަމީން ވަނީ އެ ޓެކްސީތަކަކީ މާލޭގެ ހަނި މަގުތަކުގައި ވެސް ދުއްވޭނޭ ސައިޒުގެ ވެހިކަލްތަކަށް ވާނޭ ކަމަށް ވިދާޅުވެފަ އެވެ.

އަމީން ވިދާޅުވީ: 

  • ދެތިން ސައިޒެއްގެ ޓެކްސީތައް ޓެކްސީ ލައިން ފަށާއިރު ބޭނުން ކުރާނެ

އަމީން ވިދާޅުވި ގޮތުގައި، ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަނީ އެ ހިދުމަތް މިހާރު ދޭ މީހުންގެ ވިޔަފާރި ހުއްޓުވާކަށް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ: 

  • އާ ޓެކްސީ ލައިނުން މިހާރު ޓެކްސީ ކުރާ މީހުންނަށް އެ ހިދުމަތް ހުއްޓާލަން މަޖުބޫރެއް ނުވާނެ އަދި ސަރުކާރުން ގެންނަ ޓެކްސީގެ އަދަދަށް ބަލާއިރު އަދިވެސް އިތުރަށް ޓެކްސީ ކުރަން މާލެ ސަރަހައްދަށް ކާރުތައް ބޭނުންވާނެ 

  • އާ ޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރަން މިހާރު ތިބި ޑްރައިވަރުންނަށް ވެސް ފުރުސަތު އޮންނާނެ 

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ބަހުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުން ވެސް ގަވައިދުން ރަނގަޅަށް މަސައްކަތް ކުރާ ޓެކްސީ ހިދުމަތެއް ނެތުމުން އެކަމުގެ ޝަކުވާ ކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބަޔަކަށް ރަނގަޅު ޓެކްސީގެ ހިދުމަތެއް ނުލިބޭތީ ޝަކުވާ ކުރާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. އަމީން ވިދާޅުވީ އާ ޓެކްސީ ލައިންއާ އެކު: 

  • މިހާރު ޓެކްސީގެ ހިދުމަތް ދޭ ވައްޓާފާޅިއަށް ޒަމާނީ ބަދަލުތައް އަންނާނެ

  • ޒަމާނުއްސުރެ ހަމަ ގެއްލިފައިވާ ޓެކްސީ ހިދުމަތް އުސޫލެއްގެ ތެރެއަށް ފެތިގެން ދާނެ 

"ޓެކްސީ ހިދުމަތް މީގެ ސަބަބުން ސްޓޭންޑަޑައިޒް ވެގެން ދާނެ. މަތިވެގެން ދާނެ ސްޓޭންޑަޑް،" އަމީން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޓެކްސީ ހިދުމަތް ފަށާތީ މަދު ބައެއްގެ ހިތްހަމަ ނުޖެހުން ހުންނަ ކަމަށާއި ނަމަވެސް އެކަމުން މިހާރު ތިބި އެއްވެސް ޑްރައިވަރެއްގެ ވަޒީފާ ނުގެއްލޭނޭ ކަމަށެވެ. އަދި މިހާރު ތިބި ޑްރައިވަރުންނަށް ވެސް އާ ޓެކްސީ ލައިނާ ގުޅެވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފްރީލާންސްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ހުރިހާ ކަމެއް ފުރިހަމަކޮށް އަލަށް ޓެކްސީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކަށް ވެސް އެ ފުރުސަތު ބަންދު ނުކުރާނޭ ކަމަށެވެ. 

"ހިދުމަތް ދޭ އަމިއްލަ ފަރާތްތަކަށް އަޅުގަނޑުމެން މިކަން ބަންދެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް (1)

ސިކުނޑި

7 މޭ 2025
ބައެއްމީހުން ދޫނި އެއްޗެހި ހިފައިގެންވެސް ވާގަނޑެއްވެސް ނާއްސައި ގެންގުޅޭ އެކަމަކު އިންނަނީ އުދުހިނުގަނެވޭވަރަށް ފިޔަ ކޮށާލާފައި! އެކަހަލަ ކަމެއްމީ! ކަންކަން ކުރަންނޭނގި ކަންކަމުގެ ތެރެއަށް ބޯމަހާލާތީ މައްސަލައަކީ! މިކަމުގައި ސަރުކާރުގެ މަގުސަދަކީ ކޮބައިކަމެއް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ، އެކަމަކީ، ޓެކްސީ ސެންޓަރުތަކާއި ސަރުކާރާ ދެމެދު އޮތް ޒަމާންވީ ދެކޮޅުވެރި ކަމުގެ ބަދަލު ހިފުމެއް ކަމުގައި ބެލެވޭ!
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް