އާރުޓީއެލް ހިދުމަތުގައި ބޭުނުން ކުރާ ލޯންޗް ފެރީއެއް: އެ ހިދުމަތުގެ ހަރަދުގެ %80އާ ހަމައަށް މިހާރު ވެސް ސަރުކާރުން ސަބްސިޑީ ދޭން ޖެހި އެކަމުގެ ބުރަ ބަޖެޓަށް ވަނީ ބޮޑުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާރުޓީއެލް ފެރީ

އާރުޓީއެލް ފެރީތައް ހަލާކުވެ، ދަތުރުތައް ހުއްޓޭކަމުގެ ޝަކުވާ

މިނިސްޓަރު އަމީން ވިދާޅުވީ ކުރީ ސަރުކާރުގައި ހިދުމަތް ފަށާފައި ވަނީ ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ ދަތުރުތައް ކުރާނޭ ބެކަޕް ލޯންޗެއް ނުބާއްވާތީ މަރާމާތަށް ލޯންޗެއް ގެންދިޔުމުން ދަތުރުތަކަށް ބުރޫއަރާ ކަމަށް

އަތޮޅުތަކުގައި ދެމުން އަންނަ އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތުގައި ބޭނުން ކުރާ ގިނަ ލޯންޗުތަކެއް ހަލާކުވެ، އެ ހިދުމަތަށް ބުރޫ އަރާފައިވާތީ މަޖިލީހުގެ މެންބަރުން މިއަދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފި އެވެ. 

ވީ ކިހިނެއް؟ - މިއަދު އަމީން މަޖިލީހަށް ހާޒިރުކުރީ ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ. އަދި މެންބަރުންނަށް އިތުރު ސުވާލަށް ފުރުސަތު ހުޅުވާލުމުން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ އެ މެންބަރުންގެ ދާއިރާތަކުގައި ދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތާ މެދު އެވެ. އެގޮތުން:

  • ފެރީ ޝެޑިއުލް ރޭވިފައިވާ ގޮތުން އާންމުންނަށް އުނދަގޫވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި 

  • ބައެއް އަތޮޅުތަކުގައި އާރުޓީއެލް ފެރީތައް ހަލާކުވެ ހިދުމަތަށް ބުރޫއަރާކަން 

ތަފްސީލް - ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ސުވާލު ކުރެއްވީ އުތުރުގެ އަތޮޅުތަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗްތައް ހަލާކުވެ ދަތުރުތައް ރަނގަޅަށް ނުކުރެވޭ މައްސަލައިގަ އެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • އުތުރު ޒޯން (ހއ.، ހދ. އަދި ށ.)ގައި އާރުޓީއެލް ދަތުރުކުރާ 13 ލޯންޗުގެ ތެރެއިން 8 ލޯންޗެއް ވަނީ ހަލާކުވެ މަރާމާތަށް ގެންގޮސްފައި

  • އެކަމާ ގުޅިގެން ގިނަ ދަތުރުތައް ކެންސަލްވާކަން އޭނާ ފާހަގަކުރެއްވި 

މީގެ އިތުރަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ސުވާލު ކުރެއްވީ: 

  • ދެކުނުގެ އަތޮޅުތަކުގެ ވަރަށް ގިނަ އާރުޓީއެލް ފެރީތައް ހަވާކުވެފައިވާތީ އެކަށީގެންވާ ހިދުމަތެއް ނުދެވޭ މައްސަލައިގައި

މިނިސްޓަރުގެ ބަސް - އެ ކަންބޮޑުވުންތަކާ ގުޅިގެން އަމީން ވިދާޅުވީ އާރުޓީއެލް ފެރީތަކަކީ ވަކި ފެންވަރެއްގައި، ވަކި ސަޕްލަޔަރެއްގެ އަތުން ގަނެފައިވާ އުޅަނދުތަކަކަށް ވާތީ އެ ލޯންތަކުގައި މައްސަލައެއް ދިމާވުމުން މަރާމާތުކުރަން ވަގުތު ނަގާ ކަމަށެވެ. އެމްޑީޕީން އެ ހިދުމަތް ފަށާފައި ވަނީ މައްސަލައެއް ޖެހިއްޖެ ނަމަ، ދަތުރުތައް ކުރަން ބެކަޕް ލޯންޗްތަކެއް ބާއްވައިގެން ނޫންކަން އަމީން ފާހަގަ ކުރެއްވި އެވެ. 

އެހެންވުމުން ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އޭގެ ބަދަލުގައި ބޭނުން ކުރާނޭ އުޅަނދެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެއީ ވަކި ފެންވަރެއްގައި، ވަކި ސާޓިފިކޭޝަނެއް ފުރިހަމަ ކޮށްގެން ބަދެފައި ހުންނަ އެއްޗެހި. އެއީ ފިހާރައެއްގެ ޝެލްފެއްގައި ހުންނަ ގޮތަށް މިހެން ގޮސް ލިބެން ހުންނަ އެއްޗެއް ނޫން،" އަމީން ވިދާޅުވި އެވެ.

"ބެކަޕް އުޅަނދެއް ނެތީމާ މި މައްސަލަ މި ދިމާވަނީ. މަރާމާތަށް ވަގުތު ނަގާ." 

އޭނާ ވިދާޅުވީ އާރުޓީއެލް ހިދުމަތަށް ހުރި ގޮންޖެހުންތަކާ އެކު ވެސް އެ ހިދުމަތް އިތުރަށް ފުރިހަމަ ކުރަން މިސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • އެމްޑީޕީން ރާވާފައި އޮތީ 2027ގައި އާރުޓީއެލް ހިދުމަތް މުޅި ރާއްޖޭގައި ފަށަން 

  • ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަަލަށް މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރަން 

  • އެކަން ކުރަން ވެސް ލަސްވަނީ ލޯންޗުތައް ބަނުމުގައި ލަސްތަކެއް ކުރިމަތިވާތީ 

"އަޅުގަނޑުމެން މި ބަލަނީ އަމާޒަށް ވާސިލް ވެވޭތޯ. ނަމަވެސް ވަކި ފެންވަރެއްގައި ބަދެގެން ނެރެން ޖެހޭ ތަކެތި ވީމާ މި ލަސްތައް މި އުޅެނީ،" އަމީން ވިދާޅުވި އެވެ.

އާރުޓީއެލް ހިދުމަތަށް ދޭ ސަބްސިޑީގެ ބުރަ ބޮޑުވެއްޖެ

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް މިނިސްޓަރާ ސުވާލު ކުރެއްވީ ރޯދަ މަހަށް ފަހު އުތުރު ޒޯންގެ އާރުޓީއެލް ފެރީ ހުކުރު ދުވަހު ނުބާއްވާތީ އެވެ. 

އެ ސުވާލާ ގުޅިގެން އަމީން ވިދާޅުވީ:

  • ހަފްތާއަކު ހަތް ދުވަހު އާރުޓީއެލް ފެރީން މީހުން ދަތުރު ނުކުރާ ކަމަށް 

  • އެހެންވެ، ތަފާސްހިސާބުތަކަށް ބެލުމަށް ފަހު ހުކުރު ދުވަހު މީހުން ދަތުރު ނުކުރާތީ ފެރީ ދަތުރުތައް ބައެއް ރޫޓްތަކުގައި ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި

"އެހެން ނަމަވެސް ރައްޔިތުން ޑިމާންޑް ކުރައްވައިފިއްޔާ ރީސްޓާޓް އެބަ ކުރަން،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އާރުޓީއެލް ފެރީއަށް ހިނގާ ހަރަދުގެ %80 ސަރުކާރުން ޖެހެނީ ސަބްސިޑައިޒް ކުރަން ކަމަށެވެ. އަދި އެއީ ދައުލަތަށް ވަރަށް ބޮޑު ބުރައެއްކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ އެ ބުރަ ވީހާ ވެސް ކުޑަވާނޭ ގޮތަށް އާރުޓީއެލް ލޯންޗް ފެރީގެ ހިދުމަތް ބައްޓަން ކުރަން މި ސަރުކާރުން ވިސްނާ ކަމަށެވެ.

"ގާތްގަނޑަކަށް ހަރަދުގެ %20 މި އިންނަނީ އެ ހިދުމަތުން [އާމްދަނީއަށް] ލިބިފައި. އެހެން ވީމާ ވަރަށް ބޮޑު ބުރައެއް ބަޖެޓަށް އަންނަ މިއީ،" އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް (1)

ސިކުނޑި

7 މޭ 2025
ވައުދުފޮތް ބަލައިގެން ރައްޔިތުންގެ އުންމީދުތަކާއި ޑިމާންޑްތައް ބޮޑުވީތޯ ނުވަތަ ސަރުކާރާއި ކުންފުނި ތަކުގެ ގާބިލުކަމެއް ނެތީތޯ މިހާރު ބަލަންވެއްޖެ ނޫންތޯ! ސަރުކާރު ވަޒީފާތަކުގައި ތިބި މީހުން ފިޔަވައި އެންމެންވެސް މިހާރު ކުރަނީ ޝަކުވާ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް