އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ގައްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އައްޑޫ ގަމުގެ އެއާ ސްޓޭޝަން ސަރަހައްދަކީ ޓޫރިޒަމަށް އެކަށީވެންވާ ތަނެއް ނޫން: ގައްސާން
އައްޑޫ ގަމުގައި އެއާ ސްޓޭޝަން ގާއިމް ކުރާ ތަނަކީ އެމްއެންޑީއެފްގެ ސަދާން އޭރިއާ ކޮމާންޑް ސެންޓަރު ހުންނަ ސަރަހައްދު ކަމަށާއި އެ ތަނުގައި ޓޫރިޒަމަށް ތަރައްގީ ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައްސާން މިގޮތަށް ވިދާޅުވީ، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - ގައްސާންއަށް ސުވާލު އަމާޒު ކުރައްވަމުން މެންބަރުގެ އަހްމަދުދީދީ ވިދާޅުވީ:
-
އެމްއެންޑީއެފްއިން އަސްކަރީ ބޭނުމަށް އައްޑޫގައި ޑްރޯން ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި
-
އެ ސްޓޭޝަން ގާއިމް ކުރާ ސަރަހައްދަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިގްތިސާދީ ބޭނުމަށް ކަނޑައަޅާފައިވާ ސަރަހަދެއް
"އައްޑޫ ސިޓީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް [އެ ތަނުގައި ޑްރޯން ސްޓޭޝަން ގާއިމް ކުރުން] އެއީ. އެ ސަރަހައްދަކީ އިގްތިސާދީ ބޭނުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް [ވާތީ]،" މެންބަރު އަހްމަދުދީދީ ވިދާޅުވި އެވެ.
އެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ ވެސް ރައްޔިތުންނާއި އެއާޕޯޓާ ވެސް މަޝްވަރާ ކުރުމެއް ނެތިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން އައްޑޫގެ އިގްތިސާދީ ކުރިއެރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް ކަމަށެވެ. އެހެންވެ، މިކަމުގައި މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ރައްޔިތުންނަށް ފައިދާވާ އިގްތިސާދީ އެއްވެސް މަސައްކަތެއް ކުރާކަށް މި ސަރުކާރުން ހުރަހެއް ނާޅާނެ. އިއްޒަތްތެރި މެންބަރު ތިޔަ އިޝާރާތް ކުރެއްވި ސަރަހައްދަކީ، މިހާރު ވެސް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ މައި މަރުކަޒު ގާއިމްކުރެވިފައި ހުރި ތަން. އެ ތަނަކީ ތަމްރީންތަކުގައި ލައިވް ވަޒަން ޖަހާ ތަނެއް. [މެންބަރު] ތި ވިދާޅުވި ގޮތަށް އަޅުގަނޑަކަށް ނުފެނޭ ޓޫރިޒަމް މަސައްކަތް އެތާ ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމުގައި،" ގައްސާން ވިދާޅުވި އެވެ.
އެއާ އެކު، ގައްސާން ވިދާޅުވީ:
-
ސަދަން އޭރިއާ ކޮމާންޑުގެ ދެ ފަރާތުގައި އޮތް ޖާގަ އިގްތިސާދީ ބޭނުމަށް ކަނޑައަޅާފައިވާކަން ކުރީގެ މާސްޓާޕްލޭނެއްގައި އޮތްކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވޭ
-
އެމްއެންޑީއެފްގެ ޑްރޯން ސްޓޭޝަން ނުވަތަ އެއާ ސްޓޭޝަން ގާއިމް ކުރިޔަސް އިގްތިސާދީ ބޭނުމަށް އެއް ފަރާތުގައި އޮތް ޖާގަ އަދިވެސް އޮންނާނެ؛ އޭގެ އަނެއް ފަޅިއަކީ ހަތިޔާރު ބޭނުން ކުރާ ފަޅި
"އެ ފަޅީގައި [ހަތިޔާރު ބޭނުން ކުރާ ފަޅީގައި] އެއާ ސްޓޭޝަން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ. އެއްވެސް ގޮތަކުން ސިނާއީ މަސައްކަތަކަށް ނުވަތަ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭ ގޮތަކަށް ނޫން. އެއީ، އެ ތަނުގައި އެއާ ސްޓޭޝަން ގާއިމް ނުކުރި ކަމުގައި ވިޔަސް ހަތިޔާރު ބޭނުން ކުރަމުން އަންނަ ތަނެއް ކަމުގައިވާތީ، ފަތުރުވެރިކަމުގެ މަސައްކަތް އެ ތަނުގައި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެތީ،" ގައްސާން ވިދާޅުވި އެވެ.
ކޮމެންޓް (1)
ޙސސަނު