ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ދިޔަ އަރިއާން-5 ރޮކެޓާއި ޓެލެސްކޯޕް އޮތް ބައި ވަކިވި މަންޒަރު.
30 އަހަރު، 10 ބިލިއަން ޑޮލަރު، އެންމެ ފަހުން ޖައްވަށް
ތަރައްގީކުރަން 30 އަހަރު ނެގި، ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު ހޭދަވި އެކަމަކު ޒަމާނީ ޓެކްނޮލޮޖީގެ އެންމެ މަތީ އާލާތްތަކާ އެކު އަދި އެހާމެ ފުރިހަމަ އިންޖިނިއަރިންގެ މަސައްކަތް ހިމެނޭ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ބޮޑު ރޮކެޓް ދާދި ދެންމެއަކު ޖައްވަށް ނައްޓާލައިފި އެވެ.
ހަޔާތުގެ ބޮޑު ބައެއް މި މަޝްރޫއުގައި ހޭދަކުރި ސައިންސްވެރިންނާއި އިންޖިނިއަރުން މިވަގުތު ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދުނިޔެ މަތީގައި ބުރެއް ޖަހައި، ޖައްވު ތެރެއަށް ޓެލެސްކޯޕް ދޫކޮށްލަން ބައިގަޑިއެއްހާ އިރު ނަގާނެ އެވެ. ބަރާބަރަށް އެކަން ދިޔަކަން ޔަގީންވާނީ ކެންޔާގައި ހުރި އާލާތްތަކަށް އޭގެ ސިގްނަލް ލިބުމުންނެވެ.
މީގެ ގާތްގަނޑަކަށް 13.5 ބިލިއަން އަހަރު ކުރިން ކާއިނާތު ފުރަތަމަ އުފެދުނު އިރުގެ އަލިކަން ވެސް ހޯދޭނެކަމުގެ އުއްމީދުގައި އުފެއްދި މި ޓެލެސްކޯޕަކީ މިހާތަނަށް ޖައްވަށް ފޮނުވާލި އެންމެ ބޮޑު ޓެލެސްކޯޕް ވެސް މެ އެވެ. މިހާރު ޖައްވުގައި އޮތް ހަބުލް ޓެލެސްކޯޕްގެ އުމުރު ގާތްގަނޑަކަށް ހަމަވީ އެވެ.
ލައްޕާލާފައި އޮތް ޓެލެސްކޯޕްގެ ހަށިގަނޑު އޭގެ ބޮޑުމިނަށް ދެމިލުމުގެ މަސައްކަތް، ބިމުގައި ތިބި އިންޖިނިއަރުން ފަށާނީ ރޮކެޓްގެ އެކި ބައިތަކުގެ އެހީގައި ދާންވާ ހިސާބަށް އެ ގެންގޮސްދިނުމުންނެވެ. ވަށަމިނުގައި 21 ފޫޓު ހުރި ބޮޑު ބިއްލޫރިގަނޑު ވެސް ހުޅުވެން ފަށާނީ އެހިސާބުންނެވެ. ދުނިޔެއާ ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރުގައި އޮވެގެން، މި ޓެލެސްކޯޕްގެ މަސައްކަތް އޭގެ ގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ، ކާއިނާތުގެ ވަރަށް ބޮޑެތި ސިއްރުތައް ދެނެގަނެވޭނެކަމުގެ އުއްމީދު ސައިންސްވެރިންނަށް އެބަ އޮތެވެ.
އެ ރާސްތާއަށް ޓެލެސްކޯޕް ދާން އަދި މަހެއްހާ ދުވަސް ނަގާނެ އެވެ.
އުމުރުން 30 އަހަރު ވީ ހަބުލްއަކީ ވެސް ކުރިން ހީކުރި ވަރަށް ވުރެ ބޮޑެތި ކާމިޔާބީތައް ހޯދި ޓެލެސްކޯޕެކެވެ. އެކަމަކު ވެބް ޓެލެސްކޯޕް ތައްޔާރުކުރީ ހަބުލްއަށް ވުރެ 100 ގުނަ ބާރު ގަދަކޮށެވެ. ކާއިނާތުގެ އަނދިރީގައި ފޮރުވި ހުރި އަލިތައް ވެސް، މިއަށް ނަގައިގަނެވެ އެވެ. އަދި މާ ދުރުގައި ދައުރުވަމުން ދާ ކަމަށް ބެލެވޭ ޕްލެނެޓްތަކުގެ އެޓްމޮސްފިއާ ވެސް ދެނެގަނެވޭނެ އެވެ.
އެކަމަކު އިންޖިނިއަރުންގެ ކުރިމަތީގައި ފުރަތަމަ އޮތީ، ޓެލެސްކޯޕްގެ ހުރިހާ އާލާތެއް ފުރިހަމަ ގޮތުގައި މަސައްކަތްކުރޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމެވެ.
"ވެބްއަކީ އާދަޔާ ހިލާފު މަސައްކަތެއް،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.
"މިއީ މަތީ ހުވަފެން ދެކޭ މީހުންނަށް ބޮޑެތި ކަންކަން ކާމިޔާބުކުރެވޭނެކަމުގެ އަލިގަދަ ދަލީލެއް."
ހަނދަށް އިންސާނުން ފޮނުވި ނާސާގެ އެޕޯލޯ މަޝްރޫއުގެ އެއް އާރުކާޓީ ޖޭމްސް ވެބްގެ ނަމަށް ނިސްބަތްކޮށް ނަން ދިން މި ޓެލެސްކޯޕްގެ މަޝްރޫއު 1996 ގައި ފެށީ 2007 ގައި އުދުއްސާލެވޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު ޑިޒައިން އާއި ބޭނުންވާ ބައެއް އާލާތްތައް ތައްޔާރުކުރުން ފަދަ ޓެކްނޮލޮޖީގެ ގޮތުން ވެސް އުނދަގޫ ގިނަ ކަންކަމާ ހެދި، މިހާ ދުވަހަށް ދެމިގެން ދިޔައީ އެވެ.
ނާސާއާ އެކު މި މަޝްރޫއުގައި ބައިވެރިވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީ އާއި ކެނެޑާގެ ސްޕޭސް އެޖެންސީ އެވެ.
އިތުރަށް ކިޔާލަން