މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުށްކުރުން

'ވާނުވާ' ގުޅިފައިވަނީ ކޯޓުގެ ޖާގައާ، މައްސަލަ ހައްލުކުރެވޭތޯ އެބަ ބަލަން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ވާނުވާގެ ބަންދުގައި 350އަށް ގިނަ މީހުން ތިބި އިރު ގިނައީ ބޮޑެތި ތުުހުމަތުތައް ކުރެވޭ މީހުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުން ނުވަތަ 'ވާނުވާ' ބަންދުގެ އަސްލު ގުޅިފައިވަނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ޖާގައާ ކަމަށާއި އެހެންވެ، އެތަންތަނަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ވާނުވާ ބަންދު އުވާލުމަށް ގޮވާލައި މިދިޔަ ހަފުތާ ތެރޭގައި މާލޭގައި މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ. އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާގެ މައްޗަށް، ކުށް ސާބިތު ނުވަނީސް މުއްދަތެއް ނެތި އެގޮތަށް ބަންދުކޮށްފައި ބެހެއްޓުމެވެ. އެގޮތަށް ބަންދުކޮށްފައި ތިބޭތާ، ބައެއް މީހުންގެ ދެތިން އަހަރުވެފައިވާ ކަމަށާއި އެއީ އިންސާނިއްޔަތާ ވެސް ހިލާފުކަމެއް ކަމަށް އެ މީހުން ބުނެ އެވެ.

ތަފްސީލު- މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވާނުވާގެ މައްސަލައަކީ ބޮޑު، އަދި އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިހާރު ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއީ ގާނޫނީ މައްސަލައެއް ނޫން. ހަގީގަތުގައި އަސްލު މައްސަލައަކީ ކްރިމިނަލް ކޯޓުގައި ޖާގަނެތިގެން މައްސަލަތައް ދިގުވެގެން ދިޔުން. އިމާރާތުގެ ހާލަތު ހުރިގޮތުން ފަންކްޝަނަލް ނުވެފައި ހުރިތަނެއް އެއީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށް ހައްލެއް ގެނައުމަށް ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކުރިން ހުޅުމާލޭގައި ކޮވިޑް ފެސިލިޓީ ހިންގި ތަނަށް ކޯޓު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ނިމުމުން އެއް ފަހަރާ ގިނަ މައްސަލަތައް ބެލޭވަރަށް ކޯޓުގެ ޖާގަ ތަނަވަސް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަދި ޕީޖީ އޮފީހުގެ ޖާގަ އާއި މުވައްޒަފުންގެ ދަތިކަން ހުރުމުން، އެކަމަށް ބަޖެޓް ކަނޑައަޅައި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގައި މި ވަގުތު 354 މީހުން އެބަތިއްބެވެ. އެއީ:

  • މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިބި 70 މީހުން

  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ ތުހުމަތުގައި 108 މީހުން

  • ޓެރަރިޒަމްގެ ތުހުމަތުގައި 17 މީހުން

  • މަސްތުވާތަކެތީގެ 110 މީހުން

  • އެހެނިހެން މައްސަަލަތަކުގައި ހިމެނޭ 40 މީހުން

ރައީސް ވިދާޅުވީ މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ވަރަށް ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށާއި އެއީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރިޔަސް، އަފޫއާއްމެއްގެ ދަށުން ވެސް ދޫކޮށްނުލެވޭވަރުގެ މީހުން ކަމަށެވެ.

"އަޅުގަނޑު ފުލުހުންނާ ވެސް ބައްދަލުކުރިން މިކަމުގައި. އަޅުގަނޑު ދެންނެވިން ކުށް ސާބިތުވަންދެން ވެސް ގެއަށް ނަމަވެސް ދޫކޮށްލެވޭނެ ގޮތެއް އޮތްތޯ ބެލުމަށް. އެކަމަކު ފުލުހުން ވެސް ދެންނެވީ މިހިރީއޭ މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް." މުޖުތަމައަށް ދޫކޮށްލެވޭ ވަރަށް ވުރެ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބޮޑެތިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ޖުލައި މަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އޭރުން ގިނަ މައްސަލަތަކެއް އެއް ފަހަރާ ބެލި، ވާނުވާގެ މުއްދަތު އަވަސް ވާނެ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި އެ މަނިކުފާނު އެ ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ހަނދޭގިރި

5 މޭ 2025
މެޖިސްޓްރޭޓް ކޯޓް ތަކުން ބަލާ މައްސަލަ ތައް ލަސް ވަނީ ކީއްވެގެންބާ؟ ޚާއްސަކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް 4 އަހަރު ވީ އަދިވެސް ނުނިމޭ މައްސަލަ ގިނައީ. ކަމާ ގުޅޭ މައުލޫމާތު ރައީސް އައް ލިބިފައި ނެއް ކަން ފާހަގަ ކުރެވޭ ..
0 0

ސިކުނޑި

3 މޭ 2025
ވަޒީރުންނާއި ކަމާގުޅުންހުރި އިދާރާތަކުން ރައީސަށް ސައްހަ މައުލޫމާތު ނާރުވާ މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލަން އެބަޖެހޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް