އެމްއެންޑީއެފް އަށް އަލަށް ގެނައި އާމްޑް ވެހިކަލްތައް (ފޮޓޯ/ރައީސް އޮފީސް)
ވޭތުވެ ދިޔަ 20-25 އަހަރު އޮތީ އަސްކަރިއްޔާ އެއްފަރާތްކޮށްފައި؛ އެކަމަށް އިންވެސްޓުކުރަނީ އެހެން ކަންތައް ހުއްޓާލާފައެއް ނޫން: ރައީސް
ވޭތުވެ ދިޔަ 20- 25 އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އޮތީ އެއްފަރާތްކޮށްފައިވާ ކަމަށާއި އެ ދާެއިރާ ވަރުގަދަ ކުރުމަށް އިންވެސްޓުމެންޓުތައް ކުރަނީ ކޮންމެހެން ކުރަން ޖެހޭ އެހެންކަންތައް ހުއްޓާލާފައި ނޫން ކަމަށާއި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމަކަމަށް ވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު ނޫސްވެރިންގެ ބައްދަލުވުން ފެށީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކުންނެވެ.
ތަފްސީލް- އެ ޕްރެޒެންޓޭޝަނުގައި އަސްކަރީ ދާއިރާ އިން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތެއް ނުކޮށް އޮންނަތާ 20-25 އަހަރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މުހިއްމު ކަމަކާ އެކީގައި ކުރަންޖެހޭ މުހިއްމު ކަމެއް ދިފާއީ ބާރު ވަރުގަދަ ކުރުމަކީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރެއް ވިއްޔާ ޒިންމާއަކަށް ވާނެ އެ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަ ކުރުން. އަޅުގަނޑުމެން މި އުޅެނީ ހަނގުރާމައެއް ކުރާކަށް ނޫން. އަޅުގަނޑުމެންނަކީ ސުލްހަވެރި ގައުމެއް، އަޅުގަނޑުމެންގެ މި ސަރަހައްދު ވެސް އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރިކޮށް އޮންނަން. އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށް ވީމާ އަޅުގަނޑުމެންގެ ދިފާއީ ބާރުގައި ވަރު ހުންނަން ޖެހޭނެ. ކެޕޭސިޓީ ހުންނަން ޖެހޭނެ."
ރައީސް ވިދާޅުވީ އެމްއެންޑީއެފް އަށް ޓޭންކަރުތަކެއް ހޯދީ ހަނގުރާމައެއް ކުރަން ނޫން ކަމަށާއި ކުރިން ހުރި ޓޭންކަރުތައް 'ނުވެސް ދުވަނީ' ކަމަށެވެ.
މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް ވެސް އިންވެސްޓު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.
"ކޯސްޓުގާޑުގެ ކެޕޭސިޓީ އިތުރުކުރަނީ ވެސް އަޅުގަނޑުމެންގެ ޓެރިޓަރީ ބަލަހައްޓަން. އަޅުގަނޑުމެންގެ އީއީޒެޑު ވަރަށް ބޮޑު، އިރާދަކުރެއްވިއްޔާ، ވަރަށް މަދު ގައުމެއްގައި މިހާބޮޑު އީއީޒެޑެއް އޮންނާނީ ވެސް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ވަގަށް ވަދެ މަސްބޭނުން ފަދަ ކަންތައް ކުރާ ކަމަށާއި މި ސަރަހައްދު ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންގެ ސަރަހައްދު އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ހިމާޔަތް ކުރެވެނީ. އަޅުގަނޑުމެންގެ ސްޓްރެންތު އަޅުގަނޑުމެންގެ އަމިއްލަ ސަރަހައްދު ބެލެހެއްޓުން އޮތީ ކިހާވަރަކަށްތޯ. އެ ކެެޕޭސިޓީ ހުރިވަރު ބަލައި، މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަންތައް،" ރައީސް ވިދާޅުވި އެވެ.
ޔޫއޭވީގެ އެހީގައި އެމްއެންޑީއެފް އަށް ޑްރޯން ގެނައީ ވެސް އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ބެލެހެއްޓުމުގެ ކަންތައް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަސްކަރީ ގާބިލުކަން އިތުރުކުރަނީ އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމަކަށްވާތީ އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް." ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ރާއްޖޭގެ އަސްކަރިއްޔާ އަށް މި ފަހުން ވަނީ އާމްޑް ވެހިކަލްތަކެއް ގެނެސްފަ އެވެ. އެއްގަަމުގެ ސަރަހައްދުތަކަށް ހާއްސަކުރެވިފައި އަދި މަޑު ފަސްގަނޑުތަކުގައްޔާއި ހަރުކޮށް ހުންނަ ތަންތަނުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ޒަމާނީ މި ވެހިކަލްތައް ގެނައުމަށް ކުރި ހޭދައެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން ތުރުކީ އިން މި ފަހުން ވަނީ މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ހާމަކޮށްފަ އެވެ.
ކޮމެންޓް (2)
ތެފައާސާ.
ސިކުނޑި