އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ (ކ)، އަދި އި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު (ވ)

އަދާލަތު ޕާޓީ

އިމްރާން އެދިވަޑައިގަތީ ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވާ ނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް

މި އަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޝަހީމް މިއަދު ވަނީ ހާމަކުރައްވާފައި

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވާ ނަމަ، މި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކިބައިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް މިއަދު ޝަހީމް ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭނާ ވިދާޅުފައިވަނީ މި އަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން މިރޭ އިމްރާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލުން އަދާލަތު ޕާޓީގެ ލީޑާޝިޕަށް ޝަހީމް ވާދަކުރައްވަނީ ކެބިނެޓުން ވަކިވެ، ގައުމު ވެއްޓިފައި އޮތް ހާލަތުން ސަލާމަތް ކުރަން، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ނަމަ އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ރައީސް މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ހާލިސްކަމާ އެކު ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާ ނަމަ އެކަމަށް އުފަލާ އެކު މަރުޙަބާ ދަންނަވަން،" މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާންގެ ޕޯސްޓުގައި ވެއެވެ.

އެނގުން މުހިންމު - ޝަހީމް އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ފެއްޓެވި އަދާލަތު ޕާޓީން އޭނާ ވަކިވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ. އެ ޕާޓީގެ އެއް މުއައްސިސުގެ ގޮތުގައި ހުންނެވި ޝަހީމް އެ ޕާޓީން އޭރު ވަކިވެވަޑައިގަތީ ވެސް އިމްރާންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ. އޭރު ވެސް އިމްރާން ހުންނެވީ ޕާޓީގެ ރައީސްގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް