ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-މެލޭޝިއާ

މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަނީ

މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ހަލާލް ޓޫރިޒަމްގެ ތަޖުރިބާ ހިއްސާކުރަން އެ ގައުމުން އޮތީ ތައްޔާރަށް

މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށާއި އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރީ މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި މަޝްވަރާތަކުގަ އެވެ.

ތަފްސީލު - މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ހަލާލު ޓޫރިޒަމް އެވެ.

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

އަންނަ އަހަރު ބާއްވާ 'ވިޒިޓް މެލޭޝިއާ އެކްސްޕޯ'ގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ހަލާލް ޓޫރިޒަމްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ހަލާލް އިންޑަސްޓްރީގައި އެ ގައުމުގެ ތަޖުރިބާ ހިއްސާކުރަން އެ ގައުމުން ތައްޔާރަށް އޮތް ކަމަށެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި އެކި ދާއިރާތަކުން އިންވެސްޓުކުރަން ހުރި ގިނަ ފުރުސަތުތައް ފާހަގަކުރައްވައި، އެ ފުރުސަތުތައް ބަލައިލަން މެލޭޝިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ގުޅުންހުރި ކަމެއް - ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި އިތުރު ކަންތައްތަކަކީ:

  • 1-

    ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮންޖެހުންތަކަށް ގުޅިގެން ކުރިމަތިލުން

  • 2-

    ސުލްހަމަސަލަސްކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް އދ.ގެ ޖަމިއްޔާތަކާއި އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި އެހެނިހެން ބައިނަލްއަގްވާމީ ފްރޭމްވޯކްތަކުގައި ގުޅިގެން މަސައްކަތްކުރުން

  • 3-

    ރާއްޖެ - މެލޭޝިއާ ދެމެދުގައި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތައް އިތުރުކުރުން

  • 4-

    ދަރިވަރުންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ވިސާ ހޯދުން ފަސޭހަކޮށްދިނުން

  • 5-

    މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ފުޅާކުރުން

  • 6-

    މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ގުޅިގެން މަސައްކަތް ކުރުން

  • 7-

    ފަލަސްތީން މައްސަލަ ހައްލުކުރުމާއި ބިންހެލުމުގެ ސަބަބުން މިޔަންމާއަށް ކުރިމަތިވެފައިވާާ އިންސާނީ ކާރިސާއާ ބެހޭގޮތުން މަޝްވަރާކުރެއްވި

  • 8-

    ޓެރަރިޒަމްގެ އެންމެހައި އަމަލުތައް ކުށްވެރި ކުރައްވައި، ޓެރަރިޒަމް ހުއްޓުވަން މިހާރު ވެސް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ދެމެހެއްޓުމަށް އެއްބަސްވި

ރައީސްގެ މެލޭޝިއާ ދަތުރުފުޅު ކުރިއަށްދާނީ 30 އޭޕްރީލްގެ ނިޔަލަށެވެ.

ކޮމެންޓް (1)

ތެފައާސާ.

28 އޭޕްރީލު 2025
ސުބުހާނަﷲ އެހެންވީމާ މިއޮތްހާދުވަހު ފުޅާވެފައިމިއޮތީ ހަރާމް ޓޫރިޒަމްބާ؟ ހުކުރު ޚުތުބާގައިވެސް ޓޫރިޒަމް ސިނާއަތުގެ ވާހަކަ ނުގެންނަނީ މިހެންވެގެންދޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް