ރާއްޖެ އާއި މެލޭޝިއާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު އެ އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-މެލޭޝިއާ

ރާއްޖެ އާއި މެލޭޝިއާއިން ސިއްހީ އަދި ފަތުރުވެރިކަން ހިމެނޭ ގޮތަށް 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމާ ބެހޭ ދެ އެމްއޯޔޫގައި ވެސް ސޮއިކުރި
28 އޭޕްރީލު 2025

ރައީސް މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ޕުޓްރަޖާޔާގައި ބޭއްވެވި ރަސްމިއްޔާތަށް ފަހު، ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގެ ކުރިންނެވެ.

ތަފްސީލް - ދެ ގައުމުން ސޮއިކުރި ފަސް އެމްއޯޔޫއަކީ:

  • 1-

    ކުޅިވަރުގެ ދާއިރާ ކުރިއެރުވުން - ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވިއިރު، މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ހަންނާ ޔިއޯ

  • 2-

    ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރެއްވިއިރު، މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޑރ. ހާޖީ ޒުލްކިފްލީ އަހްމަދު

  • 3-

    ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހިކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

  • 4-

    ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުން: ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަރްޔަމް ޝަބީނާ އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

  • 5-

    ހާރިޖިއްޔާގެ މުވައްޒަފުން ތަމްރީނުކުރުން - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސަފީރު މަރްޔަމް ޝަބީނާ؛ މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމީން

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަޅާ ބިންގަލެއް ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން މެލޭޝިއާއާ އެކު މަސައްކަތްކުރުމުގެ އުއްމީދު އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރައީސް އޮފީހުން އިއްޔެ ބުނި ގޮތުގައި، މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ. އެ ބައްދަލުވުމުގައި:

  • އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ 

  • ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދު ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދަވާނެ

  • ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދަވާނެ

މި ދަތުރުފުޅުގައި:

  • އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ 

  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެ

  • މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި އެ ފަރާތްތަކަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯއްދަވާނެ

މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް