ޔުމްނު އާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް

ޔުމްނު ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކޮށްފި

އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނީ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު އެ ގޭގައި އެވަގުތު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ ރައުދު ހައްޔަރުކުރީ މިރޭ 6:20 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތަފްސީލް - ރައުދު ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ، ފުލުހުން މިއަދު ބުނިގޮތުގައި، އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ އެވެ.

"ރެއާ ހަމައަށް އަޅުގަނޑުމެން މި ކުރި މަސައްކަތުން ފާހަގަކުރަނީ، ކޮރޮބަރޭޝަންގެ މައްސަލަ އެބައުޅޭ ރައުދުގެ ފަރާތުން. ރައުދު އަލުން ހައްޔަރުކުރުމަށް އަޅުގަނޑުމެން މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފައި،" އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، ނޫސްވެރިންނަށް ވިދާޅުވި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައުދު އާއި ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

މައްސަލާގައި ހިމެނޭ އިތުރު ހަތް މީހެއްގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ކޮމެންޓް (1)

ބޯހަލާކު

24 އޭޕްރީލު 2025
އެންމެ ފަހުން ރައްޔިތުންގެ ޕްރެޝަރުއައިމަ މަޖުބޫރުވީދޯ އެއްޗެކޭ ކިޔާފައި ހައްޔަރުކުރަން! ފުލުހުންގެ މަސައްކަތަށް ސާބަސް! ތި ޔުނީފޯމް ބާލާފައި ކޮމެޑީ ސަރކަސްއަކަށް އަރަންފެނޭ! އޭރަށް ތިކުރާ ފެންވަރުގައި މަސައްކަތް ކުރަމުން ދޮގުހަދާކަށްވެސް ނުޖެހޭނެ!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް