މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން

މާލިއްޔަތު ކޮމިޓީގެ ނިންމުން: ސަރުކާރަށް ފައިސާ ނުދެވޭތީ އަމިއްލަ ކުންފުނިތަކަށް ލުއިދީ

އަމިއްލަ ކުންފުނިތަކުން ސަރުކާރަށް އޮތް ދަރަނިން، އެ ތަންތަނުން ސަރުކާރުން ދޭން ޖެހިފައިވާ ފައިސާ އުނިކޮށް ފައިސާ ދެއްކޭނޭ އިންތިޒާމް ހަމަޖައްސަން ލަފާދޭން ވަނީ ނިންމާފައި
23 އޭޕްރީލު 2025
1

އަމިއްލަ ކުންފުނިތަކުން، ސަރުކާރަށް ފައިސާ ދައްކާއިރު ސަރުކާރުން އެ ކުންފުނިތަކަށް ދައްކަން ހުރި ފައިސާ ކެނޑުމަށް ފަހު ފައިސާ ދެއްކޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ލަފާދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - މިއަދު  މާލިއްޔަތު ކޮމިޓީގައި މެންބަރުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަން ވެފައި ހުރި ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރުމުން ކުންފުނިތައް ދަށް ހާލަތަކަށް ގޮސްފައި ވާތީ އެވެ. އެކަމާ ގުޅިގެން ކޮމިޓީން މިއަދު ވަނީ ގޮތްތަކެއް ނިންމައިފަ އެވެ. އެގޮތުން، ބައެއް މެންބަރުން މިއަދު ވިދާޅުވީ: 

  • އަމިއްލަ ކުންފުނިތަކަށް ޓެކްސްތަކާއި އަދި ސަރުކާރަށް ދައްކަން ޖެހިފައިވާ ބައެއް ފައިސާ ނުދެއްކި ވަނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކަށް ވިއްކި ބައެއް ތަކެއްޗާއި ދިން ހިދުމަތްތައް އަދި މަސައްކަތްތަކަށް ސަރުކާރުން އެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޖެހިފައި ހުރުމުން ކަމަށް 

ތަފްސީލް - ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ ވަރަށް ގިނަ ކުންފުނިތަކަށް މީރާއަށް ދައްކަން ޖެހޭ ޓެކްސްތައް ވެސް ނުދެއްކިފައި ހުރީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހިފައި ހުރި ފައިސާގެ އަދަދު ގިނަވެގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތައް ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ކުންުފުނިތަކުން ސަރުކާރަށް ނުދައްކާ މި ހުންނަ ފައިސާ ހޯދަން ބުނާއިރު ސަރުކާރުން އެބައޮވޭ އެތައް މިލިއަން ރުފިޔާއެއް ނުދީ. މިދިޔަ ސަރުކާރުގައި މަސައްކަތް ކުރުވާފައި ފައިސާ ނުދީ ދިޔައީ. އެހެންވީމާ، [ސަރުކާރަށް] ފައިސާ ދައްކަން ބުނާއިރު ސަރުކާރުން ދޭންވެފައި އޮތް ބަޔަށް ވެސް ބަލަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

އެ ކަންބޮވުމާ ގުޅިގެން ކޮމިޓީގެ މެންބަރުން މިއަދު މަޝްވަރާކުރެއްވުމަށް ފަހު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ އަމިއްލަ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހިފައި ހުރި ފައިސާގެ ތެރެއިން ސަރުކާރުން އެ ތަންތަނަށް ދޭން ޖެހޭ އަދަދު އުނިކުރުމަށް ފަހު ފައިސާ ދެއްކޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއަށް ލަފާދިނުމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ. 

އެނގުން މުހިންމު - ސަރުކާރުން ކުންފުނިތަކަށް ދޭން ވެފައި ހުރި ފައިސާގެ އަދަދު 5-6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފައިސާ މިއަހަރު ތެރޭ ދެވޭނޭ އިންތިޒާމް ހަމަޖައްސަވާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

އާލަމް

23 އޭޕްރީލު 2025
ސަރުކާރަށް ފައިސާދައްކަންހުރި ބިލްތަށް ދެފުއްފެންނަގޮތަށް މަޖިލީހުން ބަލާ ޗެކުކޮއްދީބަލަ ހަމައަޞްލަށްވެސް އެބިލްތަކުގައިވަނީ ސަރުކާތަށް ލިބިފައިވާ މުދަލަށް ނުވަތަ ދީފައިވާ ޚިދްމަތަށްތޯ ބިލްކޮށޤފައިވަނީ! ވ. ގިނައިން ނުދޭޚިދްމަތަށް އަދި ނުވިއްކާ ތަކެއްޗަށް ބިލްކޮށްފައިވާކަމަށް އިވެމުންދޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް