މަޖިލީހުގެ ކޮމެޓީއެއްގައި ހީނާ ވަލީދު މައުލޫމާތު ހިއްސާ ކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެންސްޕާ

ތެރަޕީ ފައިސާ މެދުކެނޑެނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވާތީ: އެންސްޕާ

އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހުރިހާ ބޭހެއް ވެސް އެތަނުން ހޯދައިދޭނެ ކަމަށް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފަރުވާއަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ލަސްވެ ނޫނީ މެދުކެނޑެނީ، އެކަމާ ގުޅޭގޮތުން ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާތީ ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފައިސާ ލަސްވާތީ، އެ މައްސަލަ އެންމެ ފުރަތަމަ މަޖިލީހުގެ ސަމާލުކަމަށް ގެނައީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހީމް އެވެ. އެކަމަކު އޭނާ ހުށަހެޅި އެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އެއާ އެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ 47 ބެލެނިވެރިންގެ ސޮޔާ އެކު މެމްބަރު ވަނީ ޕެޓިޝަނެއްގެ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. އެހެންވެ، މިއަދު ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް، އެންސްޕާގެ ވެރިން ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރައްވާފަ އެވެ.

ޕެޓިޝަނުގައި އޮތީ ކީކޭ؟

އެ ޕެޓިޝަނުގައި ބެލެނިވެރިންގެ މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ، މަހުން މަހަށް، ގަވައިދުން ތެރަޕީގެ ފައިސާ ނުލިބުމެވެ. އަދި އޭގެ ސަބަބުން ކުދިންގެ ފަރުވާ މެދުކެނޑޭކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން:

  • ފައިސާ ދިނުމުގައި 'ގޮތް ނޭނގޭ' މެދުކެނޑުތައް އައުން

  • ތެރަޕީގެ ކޯޓޭޝަން އެންސްޕާއަށް ހުށަހެޅުމުން އޭގެ އަގަށްވާ ވަރަށް ވުރެ މަދުން ފައިސާ ލިބުން

  • އޭޑީއެޗްޑީ އާއި އޯޓިސްޓިކް ކުދިންގެ ފަރުވާއަށް މުހިއްމު ބޭސްތައް ނުލިބުން

ބުނީ ކީކޭ؟ - އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް ތެރަޕީ ފައިސާ ދިނުމުގައި މެދުކެނޑެން ދިމާވާ މައިގަނޑު ސަބަބަކީ އެކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހެޅުމެވެ. އޭނާ ވިދާޅުވީ:

  • ތެރަޕީ ސެޝަން ފުރިހަމަކޮށްފައި އެއަށްވާ ފައިސާ ހިމެނޭ ސްލިޕްތައް އެންސްޕާއަށް ހުށަަހަޅަން ޖެހޭ

  • ފައިސާ ދެނީ އެ ސްލިޕްތަކުން، ކުރިން ދީފައި ހުންނަ ޕޭމަންޓުތައް ބަލައި ހިސާބުތަކެއް ހަދާފައި ޔަގީން ކުރުމަށް ފަހު

"އެކަމަކު ބައެއް ފަހަރު ދިމާވާ ކަމެއް އެއީ އެ އެމައުންޓް ދިމާނުވުން. ނޫނީ ބައެއް ކަހަލަ މައުލޫމާތު ފުރިހަމަ ނުވުން. ނޫނީ، ތެރަޕީ ސެންޓަރުތަކުން ހޯދަން ޖެހޭ ޑޮކިއުމަންޓް ފަދަ ތަކެތި ނުހިމެނުން،" ފައިސާ ދިނުން މެދުކެނޑޭ ސަބަބާ ގުޅޭ ގޮތުން ހީނާ ވިދާޅުވި އެވެ.

"އެހެން ވެއްޖެ ނަމަ، ފައިސާ އެޕްރޫވް ކުރަން ތަންކޮޅެއް އުނދަގޫވޭ. އެކަމަކު ލިޔެކިޔުންތައް ހަމަވާ ނަމަ، މެދުކެނޑުމެއް ނެތި ފައިސާ ދެވޭނެ."

ކޮމިޓީގައި ވާހަކަ ދެއްކެވި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެން ޒިޔާދު ވަނީ، ފައިސާ ލަސްވާ މައްސަލައިގައި ބެލެނިވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ބައެއް ފަހަރު ދެތިން މަސް ފަހުން ވެސް ފައިސާ ދޭ ކަމަށާއި އޭގެ ސަބަބުން އެ މަސްތަކުގެ ތެރަޕީ ނުހެދޭ ކަމަށެވެ. އަދި ގިނަ ތެރަޕީތައް، އަމިއްލައަށް ހަރަދު ކުރެވޭ ވަރަށް ވުރެ އަގުބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ބައެއް މީހުން މިހާރު ތެރަޕީއަށް ދިޔުން ހުއްޓާ ވެސް ލައިފި،" ޒިޔާދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހީނާ ވިދާޅުވީ މައްސަލަ ނޫޅޭ ކަމަށް ވިދާޅު ނުވާ ކަމަށާއި ބައެއް ފަހަރު ފައިސާ ދިނުން ލަސްވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯޓިސްޓިކް އަދި އޭޑީއެޗްޑީ ފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ބޭނުންވާ މުހިއްމު ބޭސް ނުލިބޭ މައްސަލަ ހީނާ ވަނީ ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ބޭހެއް ނުލިބިގެން އެންސްޕާއާ ހަމައަށް ގޮސްފި ނަމަ، އެ ހޯދައިދިނުމަށް މަސައްކަތް ކުރާނެ

  • އެ ބޭސް ދެނީ އެ ތަނުގެ މެޑިކަލް ވެލްފެއާގެ ތެރެއިން؛ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 15އާ ހަމައަށް، އެ ވެލްފެއާ އިން ދޭ އެކި ހިދުމަތްތަކަށް 1.2 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވޭ

ތެރަޕީގެ ކޯޓޭޝަން އެންސްޕާއަށް ހުށަހެޅުމުން އޭގެ އަގަށްވާ ވަރަށް ވުރެ މަދުން ފައިސާ ލިބޭ ކަމަށް ޕެޓިޝަނުގައި ބުނާ ވާހަކައަށް ވެސް ހީނާ ޖަވާބު ދެއްވި އެވެ.

އޭނާ ވިދާޅުވީ:

  • ތެރަޕީއަށް އެކި ސެންޓަރުތަކުން ނަގަނީ އެކި އަގު

  • އެކަމަކު ކޮންމެ ތެރަޕީއަކަށް ވެސް ފައިސާ ދޭނެ މިންވަރެއް އެންސްޕާއިން ކަނޑައަޅާފައި އޮވޭ

  • ފައިސާ ހޯދުމަށް ހުށަހަޅައިފި ނަމަ އެ އަދަދު ދޭނެ

"އެކަމަކު ތެރަޕީދިނުމަށް ބައެއް ތަންތަނުން އެކި އަގު މިނަގަނީ. ވަރަށް ބޮޑު އަގު ވެސް ނަގަ. އެހެންވެ، ދޭ މިންވަރަށް ވުރެ ބޮޑު އަދަދެއް ހުށަހަޅައިފި ނަމަ އަމިއްލަ ޖީބުން ވެސް ހަރަދު ކުރަން ޖެހޭނެ،" ހީނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ވަލީދު

23 އޭޕްރީލު 2025
ހުސް ދޮގު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް