މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް. (ފޮޓޯ/ރައީސް އޮފީސް)
އިޒްރޭލް ޕާސްޕޯޓު މަނާކޮށްގެން ޓޫރިޒަމަށް އަދި ގެއްލުމެއް ނެތް: ތޯރިގު
އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކޮށްގެން ފަތުރުވެރިކަމަށް އަދި މާ ބޮޑު ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރީ 15 އޭޕްރީީލުން ފެށިގެންނެވެ.
އެކަމާ ގުޅިގެން އެ ދުވަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިކުރި ހަބަރުގައި ބުނެފައިވާ ގޮތުގައި:
-
އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން
-
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި ތަންތަނުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'ދައުރު'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އެއްވެސް އަސަރެއް ކުރޭތޯ ބަލަމުން އަންނަ ކަމަށެވެ.
ބުނީ ކީކޭ؟ - ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ރާއްޖެ ނައުމަށް ގޮވާލާ ބޮޑު ކެމްޕޭނެއް ހިންގާތަން ނުފެންނަ ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް މޮނީޓާ ކުރަމުން މި ދަނީ ކޮބައިތޯ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް (ދަށްވުމެއް) އުޅޭތޯ،" ތޯރިގު ވިދާޅުވި އެވެ.
"އެގޮތަށް ބަލަމުންދާއިރު މޭޖާ އިމްޕެކްޓެއް ނުވަތަ އަންނަ ފަތުރުވެރިން މަދުވެ އެކަހަލަ ކަމެއް ނެތް އަދިއެއް. ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅާ، ރާއްޖެ ނާންނަން ގޮވާލާ މާސްކޮށް އެނގިފައެއް ނެތް. އެކަމަކު އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ."
ތަފްސީލު - ސަރުކާރުގެ ނިންމުމާ އެކު ރާއްޖެއަށް ގެއްލުންވާނެ ނުވަތަ ވެދާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ތޯރިގު ވިދާޅުވީ އެ ނިންމުން ރަނގަޅުކަމަށް ބުނާ ހަބަރުތައް ވެސް ވަރަށް ގިނަ އެވެ.
ތޯރިގު ވިދާޅުވީ ސަރުކާރުން އެ ނިންމުން ނިންމި ސަބަބު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޔޫރަޕިއަން ޔޫނިއަންއަށް ވެސް ބުނެދެމުން އަންނަ ކަމަށެވެ.
ތޯރިގު ވިދާޅުވީ ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓުން އައި ފަތުރުވެރިއެއް މިވަގުތު އުޅޭހެން ހީނުވާ ކަމަށާއި އުޅުނު ނަމަވެސް އުޅޭނީ ވަރަށް މަދު ބަޔަކު ކަމަށެވެ.
ކޮމެންޓް (2)
އިއްސޭ
ފައިސަލް