10 ޖެނުވަރީ 2024: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސްޓެލްކޯ

މާލޭގައި ކަރަންޓު ބޭނުންކުރާވަރު އިތުރުވާތީ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މިއީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާ ކަމަށް؛ އެހެންކަމުން ކަރަންޓު ބޭުނުންކުރުމުގައި އިސްރާފު ނުކުރުމަށް އިލްތިމާސްކުރެއްވި

މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ފަހުމީ މިގޮތަށް އިލްތިމާސްކުރެއްވީ މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު އަދި މިއަދު ވެސް ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޕޯސްޓުގައި ވާގޮތުން:

  • މިއަހަރުގެ މިހާތަނަށް މާލެ ސަަރަހައްދުގައި އެންމެ ގިނަައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު

  • އެ ދުވަހުގެ މެންދުރު ފަހު 3 ޖަހާ އެހާކަންހާއިރު 114 މެގަވޯޓުގެ ކަރަންޓު ބޭނުންކޮށްފައިވޭ

  • އަދި މިއަދުގެ 1 ޖެހިއިރު މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި 

"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައު އާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،" ފަހުމީގެ ޕޯސްޓުގައިވެ އެވެ.

ބުނީ ކީކޭ؟ - ފަހުމީ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިލްތިމާސްކުރެއްވީ:

  • އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށް 

  • ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް 

ފާހަގަކޮށްލެވޭ ކަމެއް - މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ބުނެ ސްޓެލްކޯއިން މިފަހުން އަންނަނީ ކަރަންޓު ބޭނުންކޮށްފައިވާ ގޮތުގެ އަދަދުތަކެއް އެކްސްގައި ހިއްސާކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހުގެ ފަހު ދުވަހު ވެސް ކަރަންޓު ބޭނުންކޮށްފައިވާލެއް އިތުރުވެފައިވާތީ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެ އެވެ.

އޭގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް އުޅެނީ 100 މެގަވޮޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް