ސްޓެލްކޯ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

ރޯދަމަހުގެ ފަހު ދުވަހު މާލެ ސަރަހައްދުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެއްޖެ

ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މެންދުރު 2 އަކާއި 4އާ ދޭތެރޭގައި؛ އެދޭތެރޭގައި 104 މެގަވޯޓާއި ގާތްކުރާ އަދަދަަކަށް ކަރަންޓު ބޭނުންކޮށްފައިވޭ

ރޯދަމަހުގެ ފަހު ދުވަހު މާލެ ސަރަހައްދުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން މިހެން ބުނީ ރޯދަމަހުގެ ފަހު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ ގޮތް ދައްކުވައިދީ 'އެކްސް'ގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގަ އެވެ. އެ ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމައަށް އެކި ގަޑިތަކުގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތް އެ ޕޯސްޓުން ދައްކުވައިދީފައިވެ އެވެ.

ބުނީ ކީކޭ؟ - ސްޓެލްކޯއިން ބުނީ މާލެއާ ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އޭގެ ކުރީ ދުވަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ޕީކް ގަޑީގައި 104 މެގަވޯޓާއި ގާތްކުރާ އަދަދަަކަށް ކަރަންޓު ބޭނުންކުރެވިފައިވާ ކަމަށް ބުންޏެވެ.

ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މެންދުރު ފަހު 2 އާއި 4އާ ދޭތެރޭގަ އެވެ. އެ ޕޯސްޓުން ފެންނަ ގޮތުން:

  • ހޮނިހިރު ދުވަހުގެ ދަންވަރު 12 ޖެހިއިރު 89،567 މެގަވޯޓުގެ ކަރަންޓު ބޭނުންކޮށްފައިވޭ

  • އެއަށް ފަހު ކަރަންޓު ބޭނުންކުރާ ވަރު ދަށްވަމުން ގޮސް ހެނދުނު 6 އިން ފެށިގެން 11އާ ހަމައަށް ބޭނުންކޮށްފައިވަނީ 72،384 މެގަވޯޓާއި 94،902އާ ދެމެދު މެގަވޯޓުގެ ކަރަންޓު

  • ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މެންދުރު ފަހު 2 އާއި 4އާ ދޭތެރޭގައި

  • މި ދޭތެރޭ ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 101،818 މެގަވޯޓާއި 103،801އާ މެގަވޯޓާ ދެމެދުގައި

  • އިރުއޮއްސި 5 އާއި 7އާ ދޭތެރޭގައި ކަރަންޓު ބޭނުންކުރި އަދަދު 93،833 މެގަވޯޓަށް ދަށްވި

  • ކަރަންޓު ބޭނުންކުރި މިންވަރު 103 މެގަވޯޓާ ގާތްކުރާ މިންވަރަކަށް އަނެއްކާވެސް މަތިވެފައިވަނީ ރޭގަނޑު 9 އާއި 11އާ ދޭތެރޭގައި

ފާހަގަކޮށްލެވޭ ކަމެއް - ސްޓެލްކޯއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފްސީލުތަކުން ފެންނަ ގޮތުން، ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި ނިސްބަތް އެހެން އަހަރުތަކާ އަޅާބަލާއިރު ދަށެވެ.

އެ ދުވަހު މާލެ ސަރަހައްދުގައި އެންމެ ޕީކު ގަޑީގައި ބޭނުންކޮށްފައިވަނީ 78 މެގަވޮޓުގެ ކަރަންޓެވެ. ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް އުޅެނީ 100 މެގަވޮޓުގަ އެވެ.

ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން %10ގެ ޑިސްކައުންޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް