އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ(ފޮޓޯ/އެމްޑީޕީ)

އަބްދުﷲ ޝާހިދު

ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ: ޝާހިދު

ޝާހިދު ވަނީ ފައްޔާޒާއި މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާ ކުރައްވާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައި

ފޮނުވާލާ ޗިޓަކުން އަދި ކޮށްލާ ދައުވާއަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ސަރުކާރަށް ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޝާހިދު އެގޮތަށް ރައްދު ދެއްވީ، ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުންނެވެ. އޭނާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދައުވާ ކުރަން ވެސް ވަނީ ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • އެމްޑީޕީގެ ޗެއާޕާސަން އާއި އިސް ހަރަކާތްތެރިންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލަނީ ބިރުދެއްކުމަށް

  • އެއީ، ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް

"ތިޔަ ގޮތަށް ކޮށްލާ ދައުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ،" ޕޯސްޓުގައި ޝާހިދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަރިޔަމް ޒުބައިރު ތުހުމަތުކުރި މައްސަލާގައި ދައުވާކުރައްވާނެ ކަމަށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ މައްސަލަ ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އެކަމަނާގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް