މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކްވަނީ (ފޮޓޯ/ މަޖިލިސް)

އިޒްރޭލްގެ ޑުއަލް ޕާސްޕޯޓު ކަށަވަރު ނުކުރެވޭނެ ކަމަށް އިިމިގްރޭޝަނުން ބުނުމަކީ ޖޯކެއް: މީކާއިލް

މީކާއިލް ވިދާޅުވީ ޑުއަލް ޕާސްޕޯޓު ހޯލްޑަރެއްތޯ ކަށަވަރު ކުރަން އެންޓްރީ ކާޑުގައި ބައެއް ގައުމުތަކުގައި ލިޔެފައި ހުންނަ ކަމަށާއި އެވަރު ނުކޮށްލެވޭނެ ކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ކަށަވަރުކުރެވޭނެ ގޮތެއް ރާއްޖޭގައި ނެތްކަމަށް އިމިގްރޭޝަނުން ބުނުމަކީ ޖޯކެއް ކަމަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރަން މީކާއިލް ބިލެއް ހުށަހެޅުއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެގޮތުން:

  • މީކާއިލް ހުށަހެޅުއްވީ އިޒްރޭލް މީހުންނާއި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެެރެވުން މަނާ ކުރުމަށް 

  • އެކަމަކު ބިލު ދިރާސާކުރެއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ މި ބިލު ފާސްކުރެއްވީ ހަމައެކަނި އިޒްރޭލް ޕާސްޕާޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް 

  • މިގޮތަށް ކޮމިޓީން ނިންމީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށް އިމިގްރޭޝަނުން ކޮމިޓީގައި ބުނެފައިވާތީ

  • މިގޮތަށް މިއަދު މަޖިލީހުން އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ ވޯޓާއެކު؛ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

ބުނީ ކީކޭ؟ - އިޒްރޭލަށް ނިސްބަތްވާ ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށްވާއިރު ހަމައެކަނި އިޒްރޭލް ޕާސްޕާޓުގައި ރާއްޖެ އެތެރެނުވެވޭގޮތަށް އެ ބިލު ފާސްކުރުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެބޭފުޅުން ވަރަށް ބޮޑަށް އެބަ ފާހަގަކުރައްވާ އިމިގްރޭޝަނުން އެބަ ބުނެޔޭ ތިމަންމެނަކަށް ނެތޭ ޑުއަލް ޕާސްޕޯޓް ހޯލްޑަރުން ކަށަވަރުކުރެވޭކަށް. އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޖޯކު ވާހަކައެއް،" މީކާއިލް ވިދާޅުވި އެވެ.

"އެންޓްރީ ކާޑުގައި ހަމަ ރީތިކޮށް ބައެއް ގައުމުތަކުގައި ހުރޭ ލިޔެފައި ޑުއަލް ޕާސްޕޯޓު ހޯލްޑަރެއްތޯ ކަށަވަރު ކުރަން. އެ މިންވަރަށް ރާއްޖޭގެ އިމިގްރޭޝަނުން މި މައްސަލާގައި ކަންކަން ނުކުރެއްވޭނެ ކަމަށް ވިދާޅުވީމާ އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭ،"

މަޖިލިސް ކުރިމަތީގައި ބޭއްވި އެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ އަހަރެއް ފަހުން އެ ބިލުގެ މަގުސަދު ގެއްލޭގޮތަށް ސަރުކާރުގެ މެޖޯރަޓީ އޮތް މަޖިލީހަކުން މިއަދު ފާސްކުރީ ހަމައެކަނި ރައްޔިތުން އެކަމާ ގުޅުވައި ސަރުކާރަށް ކުރަމުންދާ ޕްރެޝަރުން ނެއްޓެންވެގެން ކަމަށެވެ. އަދި އެއީ ހެޔޮ ނިޔަތެއްގައި ކުރެއްވި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަމަކު ބިލުގެ މަގުސަދު ގެއްލޭގޮތަށް މަޖިލީހުން އެ ބިލު ފާސްކުރި ވޯޓުގައި މިއަދު އެމްޑީޕީން ބައިވެރިވީ އެއީ އެ ޕާޓީގެ ފަރާތުން ހުށަހެޅި ބިލަކަށްވާއިރު، އެ ބިލުގެ މަގުސަދާމެދު ރައްޔިތުންގެ ހިތުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ފިތުނަ އުފައްދާނެތީ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ވިދާޅުވީ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ދެނެގަނެވެން ނެތްކަމަށް އިމިގްެރޭޝަނުން ބުންޏަސް، އިމިގްރޭޝަނުން ބޭނުންވާނަމަ ރާއްޖެ އެތެރެވާ މީހުންގެ ކިތަށް ޕާސްޕޯޓު އޮވޭތޯ ޔަގީންކުރެވެން އޮންނަ ކަމަށެވެ. 

ނާޒިލް ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށްފަހު މިއަދު ޕީޖީ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށާއި އެ ބައްދަލުވުމުގައި މި މައްސަލާގައި އިތުރަށް ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ކުރިއަށްދާނެ ގޮތަކާމެދު ޕީޖީން މަޝްވަރާކުރުމަށްފަހު މަޖިލީހަށް ހުށަހަޅަންޖެހޭ ހުށަހެޅުންތަކެއް އޮތްނަމަ އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް