ފަލަސްތީނާ އެކުގައި ތިބިކަން ހާމަ ކުރުމުގެ ގޮތުން އިއްޔެ ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި 'ފަލަސްތީނުގެ މަންޒަރެއް' ސިފަކޮށްދީފައި
މި ރަށުން ދެއްކި މަންޒަރާއި ބުނެދިން ވާހަކަ ވެސް ތަފާތު
އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނާ އެކުގައި ތިބިކަން ދައްކުވައިދިނުމަށް މުޅި ދުނިޔެ އަންނަނީ އަތުގުޅާލަމުންނެވެ. އެކި ގައުމުތަކުގައި، އެކި ކަހަލަ އެއްވުންތައް ދަނީ ބާއްވަމުންނެވެ.
އެކަމަކު ހދ. މަކުނުދޫގެ މި ހަރަކާތް ތަފާތެވެ. ފަލަސްތީނާ އެކު ތިބިކަން ދައްކުވައިދިނުމަށް މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި އެ މީހުން ދައްކުވައިދިނީ ފަލަސްތީނުގެ މިހާރުގެ ހާލަތެވެ. އެ މީހުން ތަހައްމަލުކުރާނެ ބިރުވެރިކަމާއި ނިކަމެތިކަން ފެންނާނެ ގޮތަކަށެވެ. އަދި އިޒްރޭލާ ދެކޮޅަށް ތެދުވާނެ ގޮތް ވެސް އެ މީހުން ކިޔައިދިނީ އެންމެ ކުޑަކުއްޖާއަށް ވެސް ދޭހަވާނެ ފަދަ ގޮތަކަށެވެ.
އިއްޔެ ހަވީރު ރަށުގެ އަތިރިމަތީގައި ބޭއްވި މި އެއްވުމަކީ މަކުނުދޫ ޔޫތު މޫވްމެންޓާއި ކައުންސިލާއި ރަށުގެ ގިނަ ބަޔަކު އިންތިޒާމްކޮށްގެން ބޭއްވި އެއްވުމެކެވެ. އެ ހަރަކާތް ފެށީ ވެސް ތަފާތު ގޮތަކަށެވެ.
އެންމެ ފުރަތަމަ ބޭއްވީ ސޯޝަލް މީޑިއާ ކެމްޕޭނެކެވެ. 'ދެން ނުފެންނާނެ' ކަމަށް ބުނަމުން އެންމެންގެ ފޭސްބުކް ޕޭޖު ކަޅުކޮށްލީ އެވެ. ދެތިން ދުވަހު އެގޮތުގައި ތިބުމަށް ފަހު، ޕިކަޕެއްގައި ރަށުތެރެއަށް ނުކުމެ، ބާއްވާ ބޮޑު ހަރަކާތް އިއުލާން ކުރި އެވެ. އަޑުގަދަ ކުރާއިން ރަށުތެރޭގައި ދުއްވަމުން، އޭގައި ތިބި މީހުން އެދުނީ ފަލަސްތީނަށްޓަކައި ރަށުގެ ކުދިބޮޑު އެންމެން ތެދުވުމަށެވެ.
އެ އެދުމާ އެއްގޮތަށް، ހަވީރު 4 ޖަހާކަންހާއިރު ގިނަ ބަޔަކު އެ ރަށު އަތިރިމައްޗަށް ނުކުތެވެ. އެ މީހުންނަށް އެތަނުން ފެނުނީ ހިތަށް ތަދުވާ މަންޒަރެކެވެ. އަތިރިމަތީގައި ހުރި އިމާރާތެއް ހަލާކުވެ، ފުނޑުފުނޑުވެފައިވާ ތަނާއި އެތަނުގައި ޒަހަމްވެފައި ތިބި ކުޑަކުދިންތަކެވެ. އެ މަންޒަރުން ސިފަކޮށްދީފައި ހުރީ ގާޒާގެ މިހާރުގެ ހާލަތާއި ޒަހަމްވެ، ބިކަވެފައިވާ ކުޑަކުދިންނެވެ.
މަކުނުދޫގެ އާޓިސްޓުންގެ ޓީމަކުން އިމާރާތުގެ ފާރުގައި ކުރަހާ ކުލަ ޖައްސާފައި ހުރީ ބޮން އަޅައި ހަލާކުކޮށްލާފައި ހުންނަ ކަހަލަ ގޮތަކަށެވެ. އިމާރާތުގެ ފާރުން ފެންނަން ހުރީ ގާޒާގެ ފުނޑުފުނޑު ވެފައިވާ އިމާރާތްތަކެވެ. އެތަނުގެ ކައިރީގައި ލެއިން ފޯވެފައި ތިބި ކުދިން ތިބީ އެހީއަށް އެދޭ ފަދަ ގޮތަކަށް ފަލަސްތީނުގެ ދިދަތައް ހިފައިގެންނެވެ. އިމާރާތުގެ ފުރަގަހުން އަލިފާނާއި ދުން އަރާތަން ފެނެ އެވެ. ބަޑި ޖަހައި ބޮން އަޅާ އަޑު އިވެ އެވެ.
އަތިރިމަތީ ބިންމަތީގައި ފަލަސްތީނުގެ ޗާޓު ކުރަހާފައި އޮތެވެ. އަދި އެތަން ފުރާލާފައި އޮތީ ކުދިކުދި، ގިނަ މަހާނަތަކުންނެވެ. ރަމްޒުކޮށްދޭން ބޭނުންވީ އެ ގައުމުގެ ޗާޓުގެ %80 ނައްތާލާފައިވާ ކަމެވެ. އެތަނުގައި ހުއްޓި ރަށުގެ އެކި އުމުރުގެ މީހުން މައިކުން އެ މީހުންގެ ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެވެ.
އެ މަންޒަރަށް ދެން އިތުރުވީ އިޒްރޭލަށް އެހީވާ ނުވަތަ ނިސްބަތްވާ ކުންފުނިތަކުން އުފައްދާ ތަކެއްޗާ މެދު ހޭލުންތެރިކުރުވުމުގެ ހަރަކާތެވެ. ރަށުގެ ފިހާރަތަކުން ލިބެން ހުންނަ، 'ބޮއިކޮޓް ކުރަން ޖެހޭ' ތަކެތި ހުރީ އެތަނަށް ނެރެފަ އެވެ. ދިވެހިން އާއްމުކޮށް ބޭނުން ކުރާ ގިނަ ތަކެތި އެތަނުން ފެންނަން ހުއްޓެވެ.
"އަޅުގަނޑުމެންގެ މަގްސަދަކަށްވީ، އެންމެ ކުޑަކުއްޖާއަށް ވެސް ދޭހަވާނެ ފަދަ ގޮތަކަށް މި ހަރަކާތް ކުރިއަށް ގެންދަން. ކުދިންނާއި މީހުން މިކަމަށް ހޭލުންތެރިކުރުވުން،" ހަރަކާތް އިންތިޒާމު ކުރުމުގައި އުޅުނު މަކުނުދޫ ޔޫތު މޫވްމެންޓުގެ ރައީސް އަދި ރަށުގެ އިސްލާމް ޓީޗަރު އަޝްފާގު އާދަމް ބުންޏެވެ.
"އިޒްރޭލުގެ އެ ޕްރޮޑަކްޓުތަކާއި ބުއިންތައް ބޭނުން ނުކުރަން ކުދިން އެއްބަސްވެގެން ގެއަށް ދިޔައީ."
އޭނާ ބުނި ގޮތުގައި، 'ދެން ނުފެނިދާނެ' ނަމުގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ އެއީ މިހާރު ފަލަސްތީނުގެ ބަސް ކަމަށް ވާތީ އެވެ. މުސްލިމް އުއްމަތް އެއްބައިވެ އެކުގައި ނުތެދުވެއްޖެ ނަމަ، ފަލަސްތީނު 'ދެން ނުފެނިދާނެ' ކަމުގެ ބިރު އޮތް ކަމަށް ބުންޏެވެ.
މި އިވެންޓު ނިންމާލީ ފަލަސްތީނަށް އެހީވުމަށް ފައިސާ އެއްކުރުމަށް ރަށުގެ ޒުވާނުންގެ މަހަށް ގޮސްގެންނެވެ. މަހާއި ސޫފިލަނޑާ ފަދަ ތަކެތި އެ މީހުން ހޯދި އެވެ.
ފަލަސްތީނާ އެކު ތިބުމަށް މީގެ ކުރިން ވެސް މި ފަދަ ހަރަކާތްތައް މީގެ ކުރިން މަކުނުދޫގައި ކުރިއަށް ގެންދިޔަ އެވެ. ކޮންމެ ހަރަކާތެއް ވެސް ތަފާތެވެ. ބުނެދޭ ވާހަކަތަކާއި ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތް ވެސް ތަފާތެވެ.
ކޮމެންޓް (3)
ކޮސް
އަލިބެ...
ކޮއްކޮބެ