ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މެންބަރު ފަލާހު

ގަރާރަށް ބަހުސްކުރަން ފެނޭތޯ ވޯޓު ނަގަން ގަވައިދު ބަދަލު ކުރަން ފަލާހުގެ ހިޔާލެއް

ފަލާހު ވިދާޅުވީ އެގޮތަށް ހިޔާލު ހުށަހަޅުއްވަނީ "ކުރިއަށް އޮތް ތަނުގައި ތަނަކުން ތަނަކު ނުޖެހޭ" ގަރާރުތައް ގިނަވެދާނެތީ ކަމަށް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ފެށުމުގެ ކުރިން ގަރާރަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އަހަން މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭ އިން ހުޅުމާލޭން ބިމެއް ގަތުމަށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުުނާ މައްސަލައާ ގުޅިގެން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އިދިކޮޅުން އުޅެނީ ގަރާރުތައް ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ކަމަށެވެ.

ތަފްސީލް - އަމިއްލަ ހިޔާލެއްގެ ގޮތުގައި އެ ހިޔާލު ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ އެގޮތަށް ހިޔާލު ހުށަހަޅުއްވަނީ "ކުރިއަށް އޮތް ތަނުގައި ތަނަކުން ތަނަކު ނުޖެހޭ" ގަރާރުތައް ގިނަވެދާނެތީ ކަމަށެވެ.

"އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފައި މި މަޖިލީހުގައި އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް އެ ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފަހު ބަހުސަކަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައި ތިބީ ތާކުންތަކު ނުޖެެހޭ ކަންތައް ކުރަން ނޫން ކަމަށާއި މެންބަރުން މަޖިލީހުގައި ތިބެނީ ދާއިރާގެ މެންބަރުން އެދޭ ގޮތަށް، ދާއިރާގެ ތަރައްގީއާ ގުޅޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.

އެނގުން މުހިއްމު - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ގަރާރުގެ މައްޗަށް ހިނގާނެ އުސޫލަކީ ބިލުގެ މައްޗަށް ވެސް ހިނގާނެ އުސޫލެވެ. ނަމަވެސް ކުއްލި މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލައަކަށް ބަހުސް ކުރާނީ އެކަމަށް މެންބަރުންގެ ވޯޓެއް ނެގުމަށް ފަހު ފާސްވެގެން ކަމަށް ގަވައިދު ބުނެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

8 އޭޕްރީލު 2025
ކޮންމެދުވަހަކު އިދިކޮޅު މެމްބަރުން މަޖިލީހަށް ވައްދަން ފެނޭތޯވެސް ފަލާހުމެން ވޯޓަކަށް އަހަންވީއެއްނު؟
1 0

ޞައްދާމު

7 އޭޕްރީލު 2025
މަޖިލީހަށް ޤަރާރެއް ބަލައިގަންނަން ފެނުމަަކީ، އެ ޤަރާރަކަށް ބަހުސް ކުރަން ފެނުމެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް