ރަސްދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ރަސްދޫ ހާދިސާ: ފިހުނު ޒުވާނާ ވެންޓިލޭޓަރުން ނަގައި ބޭރަށް ގެންދަނީ
މިދިޔަ މަހު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާން ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ. އާއިލާއިން މިހާރު މަސައްކަތް ކުރަނީ އިތުރު ފަރުވާއަށް އޭނާ ރާއްޖޭން ބޭރަށް ގެންދެވޭތޯ އެވެ.
ވީ ކިހިނެއް؟ - އަލިފާނުގެ ހާދިސާގައި 31 އަހަރުގެ އަލީ ސާމިންގެ ހަށިގަނޑުގެ %78 ވަނީ އަނދާފަ އެވެ. އޭރުއްސުރެ އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގަ އެވެ. އެކަމަކު މީގެ ދެ ދުވަސް ކުރިން ސާމިން ވަނީ ވެންޓިލޭޓަރުން ނަގައި، ކޮޓަރިއަށް ބަދަލުކޮށްފަ އެވެ.
"ވެންޓިލޭޓަރުން ނެގިޔަސް، ހާލު އަދިވެސް ވަރަށް ކްރިޓިކަލް. އެކަމަކު ރާއްޖޭން ބޭރަށް ފުރުވާލުމުގެ ހުއްދަ މިހާރު ވަނީ ދީފައި،" ސާމިންގެ ގާތް މީހަކު ކިޔައިދިނެވެ.
ތަފްސީލް - ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރަސްދޫ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ އެ ޒުވާނާ، އިތުރު ފަރުވާއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށެވެ. މާދަމާ ފުރުވާލެވޭތޯ އާއިލާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވުމުން، ފުރާނަ ސަލާމަތް ކުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާކުރި އެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅުވުމުން، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ބޭނުންވީ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވާންދެން ރާއްޖޭން ބޭރުގައި މަޑުކުރަން ޖެހޭނެތީ، އާއްމުންގެ އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފަ އެވެ.
ސާމިންއަށް އެހީތެރިވުމަށް:
-
7721540667101 - ރުފިޔާ އެކައުންޓް
-
7770000189381 - ޑޮލަރު އެކައުންޓް
-
އެކައުންޓުގެ ނަން: ސައުދުﷲ އަހުމަދު
-
ގުޅޭނެ ނަންބަރު - 9128412
އެނގުން މުހިއްމު - މި ހާދިސާގައި ދެން ފިހުނު، ސާމިންގެ ކުރީގެ އަންހެނުން އައިޝަތު ރިފްގާ ވަނީ ފަރުވާ ދެނިކޮށް 31 މާޗުގައި މަރުވެފަ އެވެ. އޭނާގެ ހަށިގަނޑުގެ %83 ފިހުނެވެ.
އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ. އެ ދެ މީހުންގެ ފަސް އަހަރުގެ ދަރިފުޅަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާއާ ބެހޭ ތަފުސީލެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.
ކޮމެންޓް (1)
އައްމަޓޭ