ރަސްދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އއ. ރަސްދޫ

ރަސްދޫ ހާދިސާ: ރޯވި ގޮތެއް ފުލުހުން ނުބުނޭ، ހާލު ސީރިއަސް

އެ ދެ މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި

އއ. ރަސްދޫގައި މިދިޔަ ބުދަދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރީގައި ރޯވި ގޮތް އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. 

ވީ ކިހިނެއް؟- އެ ރޭ 10:30 ހާއިރު ހިނގި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 31 އަހަރުގެ ދެމަފިިރިންނެވެ. އަލިފާނުގައި އެ މީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާއިރު ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.

ތަފްސީލު- އަލިފާނުގެ ސަބަބުން މީހުންނަށް ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް މި ހާދިސާ ހިނގި ކޮޓަރިއަކަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަނދާފައިވަނީ ދޮރުފޮތިގަނޑާއި ކޮޓަރިން ތަންކޮޅެކެވެ. އެހެންވެ، ހާދިސާ ހިނގި ގޮތާ މެދު އަދި ވަނީ ސުވާލު އުފެދިފަ އެވެ.

"އަޅުގަނޑުމެން އަދިވެސް މި ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި:

  • ގައިގައި ރޯވުމާ އެކު، ފިރިހެން މީހާ ވަނީ ގެއިން ނުކުމެ އެހީއަށް އެދިފައި

  • މަގުމަތިން އޭނާއާ ދިމާވި މީހުން ކައިރީ، އަނބިމީހާ ސަލާމަތް ކޮށްދިނުމަށް އެދުނު

  • ސައިކަލެއްގައި އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ފިރިހެން މީހާ؛ އޭރު ވެސް އޭނާގެ ގައިގައި އަލިފާން ހިފާފައި ހުރި

  • އަންހެން މީހާ އޮތީ ސައިކަލަކަށް އެރުވޭ ވަރަށް ވުރެ ބޮޑަށް ފިހިފައި ކަމަށްވުމުން، އޭނާ ގެންދިޔައީ އެމްބިއުލާންސްގައި

މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހިފައިވާއިރު ފިރިހެން މީހާގެ ގައިގެ %78 ވަނީ ފިހިފަ އެވެ. މިއީ ފުރާނަ ސަލާމަތް ކުރެވުން ނާދިރު މިންވަރަކަށް ވުމުން، ހަމަ އެ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުންނާ މެދު އުއްމީދު ކަނޑާލައިފަ އެވެ.

އެ މީހުންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި، އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް