މި އިސްލާހު ދިރާސާ ކުރި މަޖިލީހުގެ އާންމު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމަށް ދޭ ނޯޓިސްގެ މުއްދަތު 3 ދުވަހަށް ކުރުކޮށްފި

މީގެ ކުރިން އޮންނަ ގޮތުން ކޮމިޓީއަށް މީހަކު ހާޒިރު ކުރެވެނީ ބަންދު ދުވަސްތައް ނުލައި ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު؛ މި އިސްލާހާ އެކު ދެން މުއްދަތު ގުނަން ޖެހެނީ ބަންދު ދުވަސްތައް ވެސް ހިިމަނައިގެން

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމަށް ދޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރުކުރަން މަޖިލީހުގެ ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު އެ ގޮތަށް އިސްލާހުކުރަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނަސީރެވެ. އޭނާ ގަވައިދަށް ހުށަހެޅުއްވި މައިގަނޑު ދެ އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ގޮތަށް ފާސް ކުރުމަށް މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެގެ ބައްދަލުވުމުގައި އޮތީ ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހެޅި އެވެ.

ތަފްސީލު - އަހްމަދު ނަސީރު އިސްލާހު ހުށަހެޅުއްވީ ގަވައިދުގެ 180 ވަނަ މާއްދާގެ (ރ) އަދި (އ) އިސްލާހު ކުރުމަށެވެ. އެގޮތުން:

  • އެ ދެ މާއްދާ ކުރިން އޮންނަ ގޮތުން ކޮމިޓީއަށް މީހަކު ހާޒިރު ކުރުމަށާއި މައުލޫމާތެއް ސާފު ކުރުމަށް ނުވަތަ ލިޔުމުން ޖަވާބުދާރީވުމަށް މީހަކަށް އަންގާ ނަމަ، ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭ؛ އެ ފަސް ދުވަސް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުހިމަނާ

  • ނަސީރު އިސްލާހު ހުށަހެޅުއްވީ، އެ ދެ ކަމަށް ވެސް ދޭން ޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުރު ކުރުމަށް؛ އެ ތިން ވެސް ގުނަނީ ބަންދު ދުވަސް ހިމެނޭ ގޮތަށް 

މި އިސްލާހުތައް މަޖިލީހަށް ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނަސީރުމަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ކޮމިޓީން ވެސް ނިންމި ގޮތަށް މި މުއްދަތުތަކަށް ބަދަލު ގެނައުމަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ތަޅުމުން ފާސްވީ 50 މެންބަރުންގެ ތާއީދާ އެކު އެވެ. މިއަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހިމެނިވަޑައިގެންވަ އެވެ. އެ ޕާޓީގެ އެހެން މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މި އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ކޮމިޓީތަކުގެ މަސައްކަތްތައް އަވަސް ކުރުމުގެ ބޭނުމުގަ އެވެ. މި ބަދަލާ އެކު، މަޖިލީހުން ޖަވާބުދާރީކުރަން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުމަށް އިތުރަށް ފަސޭހަވެގެން ގޮސް، "މަޖިލީހުގެ މަަސައްކަތްތަކުގެ ޓްރާންސްޕޭރެންސީ އިތުރުވާނެ" ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި އިސްލާހު ދިރާސާ ކުރި އާންމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުން

ކޮމެންޓް (1)

ތެފައާސާ.

18 މާރިޗު 2025
ބޮޓުންގެ މަޖިލީހަކަށް ރައްޔިތުންގެ މަޖިލީހޭ ކީމާ ކުޑަކޮށް ހަގީގަތާއި ދުރު "އޮޑު" ގޮތެއް އެބަ ހުރޭ. އަހަރެމެން ކުޑައިރު މުސްކުޅިންވެސް ބުނާނެ، "ކޯލް އަ ސްޕޭޑް ސްޕޭޑް" އޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް