ސުޕްރީމް ކޯޓު. އެތަނުގެ ފަނޑިޔާރުގެ މަގާމަށް އަނެއްކާ ވެސް ވަނީ ހުޅުވާލާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަނެއްކާ ވެސް ހުޅުވާލައިފި

އިއުލާނުގައި ބުނެފައިވާ ގޮތުގައި އަލުން އެ މަގާމަށް ހުޅުވާލީ، އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލާތީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟- ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މީގެ ދެ ދުވަސް ކުރިންނެވެ. އެކަމަކު މުއްދަތު ހަމަވި އިރު ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

އެހެންވެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ 10 ޖެހިއިރު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އަލުން އެ މަގާމަށް ހުޅުވާލުމަށް ނިންމައިފަ އެވެ.

ގެޒެޓްގައި މިހާރު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި މަގާމަށް އަލުން އިއުލާން މި ކުރީ، މުއްދަތު ހަމަވި އިރު އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލާތީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 30 އަހަރު ވެފައިވުން

  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

  • ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

އެނގުން މުހިއްމު- ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ މަގާމު ހުސްވީ މިދިޔަ ހަފުތާ އަންގާރަ ދުވަހު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެއްވުމަށް ފަހު އެވެ.

މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

އެ ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަށް ކުޑަތަން ވެފައި ވަނިކޮށް މިދިޔަ މަހު 26ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް