20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން (ކ) - (ފޮޓޯ/ މަޖިލިސް)

ސުޕްރީމް ކޯޓު

މެންބަރު ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ސިނާން ހިމެނޭ ގޮތަށް ތިން މީހެއް ބައިވެރިވެގެން ނަގާފައިވާ ލޯނަށް ފައިސާ ނުދައްކާތީ، ހަ މަސް ތެރޭ ކޮންމެ މަހަކު ވެސް އެ ފައިސާ ދެއްކުމަށް އައްޑޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރުގައި ހުކުމްކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

ވީ ކިހިނެއް؟ - ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ.  

އޭރު އެ ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމް އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ މިހާރު ބަލައިގަތް ކަމުގެ ލިޔުން ވަނީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލު، ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސައިނަށް ފޮނުވައިފަ އެވެ.

ތަފްސީލު - ގާލިބު ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިތަދޫ ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ފައިސާ ދައްކަމުން ނުދެ އެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގައި ހަވާލާދީފައި އެވެ. އެ މާއްދާގައި ބުނަނީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް

"އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު، ހުޅުދޫއާގެ/އައްޑޫ ހިތަދޫ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެކެވެ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ - މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ދަރަނި ދައްކައިފަ އެވެ.

ހުކުމާ އެއް ގޮތަށް ފައިސާ ނުދައްކައިފި ނަމަ އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ މުދާ ނެގުމުގެ ބާރު އެމްއައިބީއަށް ލިބިގެންވާ ކަމަށް ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ރަހުނުގެ ގޮތުގައި ސިނާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 'ރޯދި' ނަމަކަށް ކިޔުނު ދޯނި، އަދި ގޯއްޗަކާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ހިމަނައި، ރަހުނުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް