ސްޓެލްކޯގެ މާލޭ އިންޖީނުގެ (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)
ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓު އިގްތިސޯދު ކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި
ރޯދަ މަހު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ވަގުތުތައް ފާހަގަކުރެވިފައިވާ ކަމަށާއި އެ ވަގުތުތަކުގައި ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯ އިން އިއްޔެ އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނިން ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރުގެ ބައެއް ހިސާބުތައް ރޭ އާންމުކޮށްފަ އެވެ.
ތަފްސީލް - ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު ހުރީ އެއް ގޮތެއްގައި ކަމަށެވެ.އެގޮތުން:
-
ރޭގަނޑު 12 އިން ހެނދުނު 6އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށް
-
ހެނދުނު6 އިން 9އަށް ކަރަންޓު ބޭނުންކުރާ ވަރު އެއްވަރަކަށް މަތިވަމުންދޭ
-
ހެނދުނު 9 އިން މެންދުރު 1އަށް ކަރަންޓު ބޭނުންކުރާ ވަރު އިތުރު؛ މިއީ އޮފީސް ގަޑި އަދި ހޫނު ގަދަވަމުންދާ ވަގުތުކަން ސްޓެލްކޯ އިން ފާހަގަކުރޭ
-
މެންދުުރު 1 އިން ހަވީރު 5އަށް ކަރަންޓު ބޭނުންކުރާ ވަރު އިތުރުކަން ފާހަގަވޭ؛ މިއީ ހޫނު ގަދަ ވަގުތުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ބޭނުންކުރާ ވަގުތު
-
ހަވީރު 5 އިން ރޭގަނޑު 7އާ ހަމައަށް ކަރަންޓު ބޭނުންކުރާ ވަރު މަދު
-
އޭގެ ފަހުން ދަންވަރު 12އާ ހަމައަށް މެންދުރުގެ ލޯޑާ އެއްވަރަކަށް ކަރަންޓު ބޭނުން ކުރާކަން ފާހަގަވެފައިވޭ
ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ. އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ކާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9… pic.twitter.com/8CVgn9EbkJ
— STELCO (@STELCOMALDIVES) March 8, 2025
ސްޓެލްކޯ އިން ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަމަށް ފާހަގަވެފައިވާ ވަގުތުތަކުގައި ކަރަންޓު އިގްތިސޯދު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި - ސްޓެލްކޯ އިން އާންމުކޮށްފައިވާ ބައެއް ހިސާބުތަކަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ގަޑީގައި މާލެ ސަރަހައްދުގައި 97 މެގަވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ.
ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑަން ނުޖެހޭ ވަރަށް ސްޓެލްކޯ އިން ވަނީ ރޯދައަށް ތައްޔާރުވެފަ އެވެ. މީގެ އިތުރުން، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން %10ގެ ޑިސްކައުންޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.