މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރު ސައީދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފައިލް ފޮޓޯ/ މަޖިލިސް)

ޗައިނާ އެފްޓީއޭގެ ދަށުން ސިނގިރޭޓު އެތެރެއެއް ނުކުރެވޭނެ: ސައީދު

މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން އެތެރެކުރާ މުދަލުގެ އަގަށް ކަމަށާއި އެ އަދަދު އެނގޭނީ އެ މުއާމަލާތް ހިނގާ ނިމުމުން ކަމަށް

ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެފްޓީއޭގެ ދަށުން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ސިނގިރޭޓުން ޑިއުޓީ ނެގުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ސިޓީގައި ސައީދު ވިދާޅުވީ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ ދުންފަތާއި ސިނގިރެޓުން ޑިއުޓީ ނަގާނީ އެހެން ގައުމުތަކުން އެތެރެކުރާ އެފަދަ ބާވަތްތަކުން ނަގާ ރޭޓުގައި ކަމަށެވެ.

އެ ބާވަތްތަކުން ލިބޭ އާމްދަނީއާ ގުޅޭ ސުވާލަށް ދެއްވި ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައިވަނީ އާމްދަނީ ބިނާވަނީ ޗައިނާ އިން ރާއްޖެއަށް ދުންފަތާއި ސިނގިރޭޓު އެތެރެކުރާ ނިސްބަތަށް ކަމަށެވެ.

މީގެ އިތުރުން، އެފްޓީއޭއަށް އަމަލު ކުރަން ފެށުމާ އެކު ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވާނެ ކަމަށް މީގެ ކުރިން ސައީދު ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރައްވާ މެންބަރު ވަނީ އެފްޓީއޭގެ ފުރަތަމަ ފަސް އަހަރު އިމްޕޯޓު ޑިއުޓީން ގެއްލޭނެ މިންވަރާ ގުޅޭ ގޮތުން ވެސް ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން އެތެރެކުރާ މުދަލުގެ އަގަށް ކަމަށެވެ. އެ އަދަދު އެނގޭނީ އެ މުއާމަލާތް ހިނގައި ނިމުމުން ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

އެނގުން މުހިއްމު - ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 7 ޑިސެމްބަރު 2017ގަ އެވެ. އެ އެއްބަސްވުމަށް އަމަލު ނުކޮށް އޮންނަތާ ހަތް އަހަރު ފަހުން އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވަނީ މި އަހަރުން ފެށިގެންނެވެ.

ކޮމެންޓް (1)

ސިކުނޑި

3 މާރިޗު 2025
އުފެއްދުންތެރިކަމެއް ނެތް، 2 އައިޓަމެއް އެކްސްޕޯޓްކުރާ ބަޔަކު އެފްޓީއޭގައި ސޮއި ކުރާއިރު ވާނީ ގެއްލުންތޯ ފައިދާތޯ ބަލަން ޕްރޮޖެކްޝަންތައް ހެދިފައި ހުންނަން ޖެހޭނީ! ރާއްޖެއަށް ޗައިނާއިން މުދާ އެތެރެކުރާތާ އެތައް ޒަމާނެއް ވެއްޖެ! ބަންކަރިންގ ސާރވިސް ގޮތަށް ހުރިހާ ކަމެއް ކޮށްގެން ކަމަކުނުދާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް