ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ޕްރީ ސްކޫލެއްގެ ދަރިވަރުންތަކެއް ސަގާފީ ހެދުމުގައި

ދިވެހި ބަސް

އާއްމުކޮށް އިވޭ 160 ލަފްޒެއް ދިވެހިކޮށްފި

މިދިޔަ ދެ އަހަރު އެކެޑެމީއިން އުފެއްދި ލަފުޒުތައް އިއްޔެ ވަނީ ފާސްކޮށްފައި
19 ފެބްރުއަރީ 2025
7

މިދިޔަ ދެ އަހަރު، ދިވެހިބަހުގެ އެކެޑެމީއިން އަލަށް އުފެއްދި ދިވެހި ލަފުޒުތައް އެ ތަނުން އިއްޔެ ފާސްކޮށް އާއްމުކޮށްފި އެވެ. މި ހުރިހާ ލަފްޒަކީ ވެސް މިހާރު އާއްމުކޮށް ބޭނުންކޮށް އުޅޭ ބޭރު ލަފްޒުތަކެވެ.

ވީ ކިހިނެއް؟- ދިވެހި ބަހުގެ ތެރެއަށް އަލަށް ވައްދާ ލަފުޒުތަކާއި އޭގެ މާނަ ކަނޑައަޅަނީ އެކެޑެމީގައި އޮންނަ ބަސް ކޮމިޓީއިންނެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު، އެ ކޮމިޓީއިން ވަނީ 160 ބަހެއް އުފައްދައިފަ އެވެ.

އެކެޑެމީގެ އާ ލަފުޒުތައް، އެތަނުގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ސޮއިކުރައްވައި އިއްޔެ ވަނީ ފާސްކުރައްވައިފަ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް، މި ފަހަރު އަލަށް ނެރުނު ބަސްތަކުގެ ތެރޭގައި ބޭރު ބައެއް ލަފުޒުތައް 'ދިވެހިކޮށްފައި'ވެ އެވެ. ނޫނީ 'ލޯނުލަފުޒު'ގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ. އެގޮތުން ބައެއް އަރަބި ބަސްތައް ކަމުގައިވާ ސުހޫރާއި ތަންޒީމު، ޒައުޖު އަދި އަމީދު އޭގެ ހަގީގީ މާނައިގައި މިހާރު ދިވެހި ބަހެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ. ހާރުކެއުމަށް މިހާރު ވެސް ސުހޫރު ބޭނުންކޮށް އުޅެ އެވެ. ޒައުޖަކީ ބައިވެރިޔާ އެވެ. އަމީދަކީ ކޮލެޖް/ޔުނިވަސިޓީގެ ވެރިޔާ އެވެ.

އޭގެ އިތުރުން:

  •  މިހާރު އާއްމުކޮށް ބޭނުންކުރާ ބައެއް އިނގިރޭސި ބަސްތައް ވެސް ދިވެހި ލަފްޒެއްގެ ގޮތުގައި ހިމަނާފައިވޭ

  • އެކަމަކު އޭގެ ތެރެއިން ބައެއް ބަސްތައް 'ދިވެހި ކުރީ' ފަހަތަށް އުބުފިލި އިތުރުކޮށްގެން

  • މިސާލަކަށް ވޭޕްގެ ބަދަލުގައި ވޭޕު، މޮޕްގެ ބަދަލުގައި މޮޕު، ލެބްގެ ބަދަލުގައި ލެބު ބޭނުންކޮށްފައި ވޭ

  • ހިންދީ ބަހުން ކުޑަކަމުދިޔުމަށް ބޭނުންކުރާ 'މޫތުރަ'އިގެ ބަދަލުގައި އޭގެ ދިވެހި ލަފްޒަކަށް ހަދާފައި އޮތީ 'މޫތު' 

ޝައުގުވެރި އެހެން ލަފްޒުތަކަށް ބަލާއިރު:

  • އިނގިރޭސިން 'ޕީޕްހޯލް'ގެ ގޮތުގައި ބުނާ ލަފްޒަށް އުފެއްދީ 'ދޮރުކަޅި'

  • ރެސިޕީއަށް ހެދީ 'ރަހަފަތް'

  • ތަނެއްގައި ގަވައިދާ ހިލާފަށް ހިނގާކަމެއް ފަޅާއަރުވާލުމަށް ހެދި ލަފުޒަކީ 'ފާށާ'

  • ތަގައްޔަރުވުން ނުވަތަ ޕޮލިއުޝަންގެ ދިވެހި ބަހަކީ 'ވިސަޑު'

  • ޓޮލަރެންސްގެ ދިވެހި ލަފުޒަކީ 'ސަމާހާތް'

  • ނާޖާއިޒް ނަފާ ހޯދުމަށް ދެން ބޭނުން ކުރާނީ 'އަނަފާ'

  • އެއާޓެކްސީއަށް 'ކަނދުބޯޓު'

  • އަމިއްލަ ނަފްސަށް ވުރެ އެހެން މީހުންނަށް އިސްކަން ދިނުމަށް 'އީސާރު'

  • ނަސްލުނައްތާލުން ނުވަތަ ޖެނޮސައިޑަށް 'ނަސްލުހޭދު'

  • ކެމިކަލްއަށް 'ކީދު'

  • ލެޓިއުސްގެ ބަދަލުގައި 'ސަލާދުފަތް'

އެނގުން މުހިއްމު- މީގެ ކުރިން ވެސް މި ފަދަ ގިނަ ލަފްޒުތަކެއް ދިވެހި ބަހުގެ އެކެޑެމީއިން ހަދައި، ދިވެއްސަށް ބަދަލު ކުރި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރަނީ މަދު ލަފުޒެކެވެ. އޭގެ ބަދަލުގައި ގިނަ މީހުން ބޭނުން ކުރަނީ އޭގެ އަސްލު ލަފްޒެވެ.

ކޮމެންޓް (7)

ހައްޕު

20 ފެބްރުއަރީ 2025
ގިނައީ ނުގުޅޭ ބަސްތަކެއް. މިއީ މުއިއްޒު ބުނެގެން " ޅެންފަރުވާ" އަތްބާނާފަ ހުރި ބަސްތަކެއް. ދެން މިކަހަލަ ބަސްތައް ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވާލާނީ ކަންކަން.
0 1

ގޮގޮޑި

19 ފެބްރުއަރީ 2025
އައްޑޫ ބަހުން ބުނަނީ މާކުރީއްސުރެންވެސް ވިސަޑަށް ކިސަޑު، އަދި އެއީ ދިވެހިރާއްޖޭގައި މީހުން ވާހަކަދައްކައި އުޅޭ ބަހަކަށް ވުމާއެކު ބުނެލީ
3 0

މުސްލޭ

19 ފެބްރުއަރީ 2025
އާންމުކޮށް ކޮންތާކުން އިވޭ؟ މަށެއް އަޑެއް ނާހަން މިއިން ޒަމާނަކުވެސް މީގެ ބަހެއް
10 0

އިބުރާހީމު

19 ފެބްރުއަރީ 2025
ހާދަހާ ޖޯކޭ ދޯ. ދިވެހިބަހަށް ލަފްޒު އިތުރުކުރުމަށްވެސް މުސާރަދީފަ ބަޔަކު ބަހައްޓާތަ؟ މިކަމެއް ކުރާ މީހާއަށް ހުވަފެނަކުން ނުވަތަ ހިތަށް އެރުމުން ދެން ވީ އެންމެން އެގޮތަކަށް ވާހަކަދައްކަން. ދެއަހަރުގެ ފުރިހަމަ މަސައްކަތޯ ދޯ؟
10 0

ޏާއްކޮ

21 ފެބްރުއަރީ 2025
@އިބުރާހީމު އެކަޑަމީ އަކީ ޖޯކު ތަނެއް އާން. އެކަމު އެހެން ގައުމުތަކުގަ ވެސް ބަހުގެ އެކަޑަމީ ހުރޭ. ކުރަނީ ހަމަ މިކަހަލަ މަސައްކަތް. ރާއްޖޭގަ އެކަނި ކުރާ ކަމެއް ނޫން.
0 0

ވަނުވާ

19 ފެބްރުއަރީ 2025
ހެޔޮ ނުވާނެ . ތިކަން ހުއްޓާލާ
13 0

އަލިފު

19 ފެބްރުއަރީ 2025
ތި ލަފުޒުތައް ފެންނާނީ ކޮންތާކުން؟
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް