11 ޑިސެމްބަރު 2024: ހުޅުމާލޭގައި ޓެކްސީ ޑަރައިވަރުން ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސީ

ސަރުކާރުން ޓެކްސީ ހިދުމަތަށް ވަނުމުން 10،000 މީހުންނަށް އަސަރު ކުރާނެ: އަވަސް ރައިޑް

އަވަސް ރައިޑުން ބުނީ ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފްކުރުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ކުދި ވިޔަފާރިތަކަށް ގެއްލުންވެ މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް ކަމަށް
16 ފެބްރުއަރީ 2025
9

ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަނުމުން 10،000 މީހުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފުޅާ ދާއިރާގައި ޓެކްސީ ހިދުމަތް ދެމުން އަންނަ އަވަސް ރައިޑުން ބުނެފި އެވެ.

ވީ ކިހިނެއް؟ - 'މާލެ ފެހި' ޕްރޮގްރާމްގެ ދަށުން، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ހިމެނޭ، އީވީ ޓެކްސީގެ ހިދުމަތެއް ދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ހިންގާ އާރުޓީއެލް ބަހުގެ ކޮންސެޕްޓަށް ތައާރަފްކުރާނީ 24 ގަޑިއިރުގެ ޓެކްސީ ހިދުމަތެކެވެ.

ތަފްސީލް - އެކަމާ ކަންބޮޑުވުން ފާޅުކޮށް އަވަސް ރައިޑް އެޕްއިން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފްކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ކުދި ވިޔަފާރިތަކަށް ގެއްލުންވެ، މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ:

  • ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުގެ ކުރިން އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތައް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ކަމަށް؛ ނަމަވެސް އެ ނިންމުން ސަރުކާރުން ނިންމީ ޓެކްސީ ސެންޓަރުތަކާއި މަޝްވަރާނުކޮށް ކަމަށް

  • މިނިސްޓްރީއަށް ހުށަހެޅި އާރުޓީއައިއަށް ދިން ޖަވާބުގައި ވެސް ސަރުކާރުގެ ޓްކެްސީ ފްލީޓް ހިދުމަތުގެ އެއްވެސް ތައްޔާރީތަކެއް، އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް

  • ޓެކްސީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ރަނގަޅުކުރަންޖެހޭ ކަންކަމާއި އިސްލާހު ކުރަންޖެހޭ ދާއިރާތައް ޓްރާންސްޕޯޓް މިނިސްޓްރީން އަދި މިހާތަނަށް ސާފުކޮށް އަންގާފައިނުވާ ކަމަށް

  • ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް

  • ބައެއް ދަތުރުތައް ނުކުރާކަމުގެ ޝަކުވާ އުފުލޭއިރު އޭގެ އަސްލު ސަބަބު ދެނެގަންނަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށް؛ މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތް ކުރުމެއްނެތި ޑްރައިވަރުންނާ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް

  • މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހިފައިވާއިރު ވަކި ފަރާތްތަކަކަށް ދައުލަތުގެ ބިންތަކުގައި ނުހަނު ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީކުރަން ފުރުސަތު ދީ، އާންމުންނަށް ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ ކަމަށް

  • އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރިޔަސް، އެ މުއައްސަސާއިން ޒިންމާދާރު ގޮތެއްގައި އެއްބާރުލުންދީފައިނުވާ ކަމަށް

"އަހަރުތަކެއްވަންދެން ކުރެވުނު މަސައްކަތުން ބިނާކުރެވުނު މި ދާއިރާއަށް އަމާޒުކޮށް އެޅެމުންދާ އިންސާފުވެރިނޫން ފިޔަވަޅުތަކާ ދެކޮޅަށް އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. މިނިވަން ޓެކްސީ ޑްރައިވަރުގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނިން އަޅާނެކަން ކަށަވަރުކޮށްދެމެވެ،" އަވަސް ރައިޑުން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ - ސަރުކާރުގެ ޓެކްސީ ހިދުމަތް ދިނުމަށް އެމްޓީސީސީ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދުމަށް މިހާރު ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް ދިމާވަނީ ޓެކްސީގެ ހިދުމަތް ބަލައި މޮނިޓާކުރެވޭނެ ގޮތެއް މިހާތަނަށް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ޓެކްސީ ލައިނެއް ތައާރަފުކުރަން ސަރުކާރުން ނިންމީ އެ ހިދުމަތް ހަރުދަނާ ކުރަން ކަމަށާއި "އެ ވިޔަފާރީގެ ތެރެއަށް ވަންނާކަށް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (9)

މަދިރި

16 ފެބްރުއަރީ 2025
މަދު ޓެކްސީ ޑްރައިވަރެއްގެ އަމަލު ހުންނަ ގޮތަކީ އެންމެން އެކަން ކުރާ ގޮތެއް ނޫން. މުޅިން އެކަންކަން ޖެނެރަލައިޒުކޮށް އާންމުވެގެންވާ އުގޫބާތެއް އެ މީހުންނަށް ދިނުމަކީ އިންސާފެއް ނޫން. އަދި ބުނަންތަ، މި ގައުމަށް ލިބޭ ޓެކްސް ލާރިއަކީ ޕާޓީ މީހުންނަށް މުސާރަ ދޭން އޮންނަ އެއްޗެއް ނޫން. އެހެން މީހުން ވެސް ދިރިއުޅެންވާނެ. ސަރުކާރުން ކުރަން ޖެހޭ ކަމަކީ ބާ ޓެކްސީތައް ނައްތާލައި އިލެކްޓްރިކް ކާރުތައް ޓެކްސީ ޑްރައިވަރުންނަށް ލޯނެއްގެ ދަށުން ފޯރުކޮށްދީ އެ މީހުން ބާރުވެރި ކުރުވުން. އެ މީހުން މަރާލުމެއް ނޫން. ތިޔަހެން ކުރާ ކަންކަމުގެ ކޮސްޓް ވަރަށް ބޮޑު ވާނެ. ކޮބާތޯ މާލޭ މޭޔަރަކަށް މުއިއްްޒު ހުރި އިރު މަގުތައް ވިއްކާލި ގޮތަށް ހުރިހާ ކަމެއް ކަރަޕްޝަނަށް ދުއްވާލުމަކީ ހަމަޖެހޭ ކަމެއް ޏޫން. ކޮބާތޯ ޕާކިންނަށް ކުރާ އިންވެސްޓްމަންޓަކީ؟ ކޮންމެ ކަމެއް ކަރަޕްޝަނަށް ތިޔަ ދުއްވާލަނީ.
1 1

ހަސަން ފުތާ

16 ފެބްރުއަރީ 2025
ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ހިންގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން. ނަމަވެސް އެއް ކަމަކީ ތިޔަ ކުރަން އުޅޭ ކަމަކުން މާލޭގެ ތޮއްޖެހުމަށް ހައްްލެއް ލިބޭތޯ، ނުލިބޭ. ދެވަނަ ކަމަކީ ތިޔަ ކާރުތަކަކީ ތެލާ ނުލައި ދުއްވޭ ކާރުތޯ، ނޫން. އިލެކްޓިރިކް ކާރު ވިޔަސް އެ އެއްޗެތި ޗާޖު ކުރެވޭނެ ގޮތެއް ނެތުން. އަނެއް ކަމަކީ މިހާތަނަށް ސަރުކާރުން ކުރާ އެއްވެސް ވިޔަފާރިއެއްް ކަރަޕްޝަން ނެތް ގޮތަކަށް ކުރެވިފައެއް ނެތް. މި ސަރުކާރުގައި އެކަން އަދި އޮތީ އިންތިހާ މައްޗަށް ގޮސްފައި.އެހެންވީމާ ބުނެވޭނީ ތިޔައީ ވެސް ކަރަޕްޝަނަށް ހުޅުވާ އިތުރު ދޮރެކޭ. ސަލާމް
1 0

ޞައްދާމު

16 ފެބްރުއަރީ 2025
ދިރާސާއިން ދައްކާ ގޮތުގައި ސަރުކާރު ޓެކްސީ އިން 200000 އަށް ވުރެ ގިނަ މީހުންނަށް ފައިދާ ކުރާނެ!
7 0

ސިކުނޑި

16 ފެބްރުއަރީ 2025
ދަތުރު ފަތުރަކީ އަސާސީ ޚިދުމަތެއް! ވިޔާފާރިއެއްނޫން!! ޓެކްސީ ސެންޓަރުތައް ހުއްޓާލަން ސަރުކާރުން ނާންގާހާ ހިނދަކު ޓެކްސީލައިނެއް ހިންގުމަކީ މައްސަލައެއްނޫން!! ސަރުކާރުން އެ ހޯދައިދިނީ ރައްޔިތުންނަށް އެފޯރޑް ކުރެވޭ އޮޕްޝަންއެއް! ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް! ޓެކްސީ ޑިމާންޑް ބޮޑުވެ ރަނގަޅު ފައިދާއެއް ލިބޭތީ، ކޮންމެ މީހަކުވެސް އުޖާލާ ކާރު ނަގަނީ! އެއްގަމު އުޅަނދު މަދުކުރުމަށް މިކަމުން އެހީތެރިވެދޭނެ! ސަރުކާރުގެ ގިނަ ސިޔާސަތުތަކާއި ދެކޮޅު ނަމަވެސް މިކަމަށް ތާއީދު ކުރެވޭ!
6 0

ހުސެން ސައިދު

16 ފެބްރުއަރީ 2025
10ރ އިތުރަށް ނުދީގެން އިހަކަށް ދުވަހު އަންހެނަކަށް ޑްރައިވަރަކު ފުރައްސާރަކޮސް ފާރަލި ވާހަކަ ފޭސްބުކްގަ އޭނާ ހިއްސާކުރި. އަވަސް އިން އެކަމާ ދެކޮޅަށް ބަހެއް ނުބުނޭ. އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ތިވާ ކަންބޮޑުވުން 10،000 އެއްނޫން ލައްކައެއްހާ މީހުން ކަންބޮޑުވޭ. ސަރުކާރުން ކުރަން ތާއީދެއްނޫން އެކަމަކު އެނޫން ގޮތެއް ނެތް މިވަގުތު
5 1

އާމިނަތު1

16 ފެބްރުއަރީ 2025
10،000 މީހުނަށް ވުރެއް ގިނަ ބަޔަކަށް މިހާރު އަސަރު ކުރޭ ޓެކްސީ ޑްރައިވަރުން ބުނިހާ އަގެއް ކިޔާލައިން އުޅޭއިރު
5 0

އާދަނު123

16 ފެބްރުއަރީ 2025
10،000 މީހުންނަށް ގެއްލުން ވާއިރު 300،000 މީހުންނަށް ފައިދާވާނެ، ވ ގިނަ ގޮތް ގޮތަށް މަޝްވަރާކޮށް ރަނގަޅު ނުކުރީމަ ސަރުކާރުން ބަސް ޚިދުމަތް ދޭން ފެށީ އެވަރުންވެސް ރަނގަޅު ނުކުރީމަ ޓެކްސީ ޚިދުމަތަށް އެނުކުންނަނީ، ދެން ބޮޑާ ހާކާނެކެމެއްނެތް
8 0

ސަނީ

16 ފެބްރުއަރީ 2025
ހުޅުލެއިން ހުޅުމާލެއަށް ދަތުރުގެ އަގަކީ 75 ރުފިޔާ އޭ ސަރުކާރުން ބުނީމަ ބައެއް މީހުން އަތުން 100 ރުފިޔާ ނަގަނީ ކޮން ސަބަބެއްް އޮވެގެންތޯ؟ މާލޭގެ ޓްރެފިކް ބޮޑުކަން އެންމެންނަށްވެސް އެނގޭ. ޑްރައިވަރުން ބޭނުންވަނީ މާލޭގަ ދަތުރަކަށް ގިނަވަގުތު ހޭދަ ކޮށްގެން 30 ރުފިޔާ ހޯދުމުގެ ބަދަލުގަ މާލޭން ހުޅުމާލެއަށް 100 ރުފިޔާ ލިބޭނެ ދަތުރެއް ނަގަން. ހުޅުމާލޭ ހޮސްޕިޓަލުން ކާރަކަށް އަރަނީ އަލީ ކިޔާ މީހަކާ ހުސޭނު ކިޔާ މީހެއް.ނުދަންނަ ދެމީހުން.އެކަމަކު ދެމީހުންވެސް ބޭނުންވަނީ އެތަނުން ހުޅުލެއަށް ދާން. އަލީ ކާރަށް އަރުވާފަ އަލީގެ ހުއްދައާއެކު ޑްރައިވަރު މިއެރުވީ ހުސޭނު ވެސް.އެކަމަކު ދަތުރު ނިންމާފަ އަލީ އަތުން 100 ހުސޭނު އަތުން 100 ޖުމްލަ 200 ރުފިޔާ ދަތުރަކަށް ޑްރައިވަރަށް ލިބުނީމަ މިއީކީ ނުކުރާވަރު ކަމެއް ނޫން ދޯ. ކިރިޔާވެސް އެހެން މީހުންނާ މެދު ވިސްނާލާ ނަމަ އެދެމީހުން އަތުން ކޮންމެ މީހަކު 50 ރުފިޔާ ދޭށޭ ބުނިނަމަ ޑްރައިވަރު އިހްލާސްތެރި ކަމަށް ބެލިދާނެ.
6 0

ހަސަން1343

16 ފެބްރުއަރީ 2025
އަވަސް އެޕަށް ކޮންމެ މަހަކު ޓެކްސީ ދުއްވާ މީހުން ފައިސާދޭތީ ބުނާއެއްޗެއް ތީ ،، މާލެގެ ޑިމާންޑާއި އެއްވަރަށް ޓެކްސީ ނުކުރެވޭ . އަދި މުސްތަގުބަލުގައި ގުޅީފަޅު ، ތިލަފުށި އައީމަ ޑިމާންޑް ބޮޑުވާނެ ، ޓެކްސީ ކުރަން އެމްޓީސީސީއިން ފަށަން އަޅުގަނޑު ތާއީދު
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް