އެމްޓީސީސީއިން އަލަށް ތައާރަފް ކުރާ ޓެކްސީގެ ހިދުމަތް ފެށުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސީ

ސަރުކާރުގެ ޓެކްސީ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރުން ތައާރަފުކުރާ ތިމާވެއްޓާ ރަށްޓެހި، އިލެކްޓްރިކް ޓެކްސީ ލައިން މާލޭ ސަރަހައްދުގައި ހިންގުމަށް

ސަރުކާރުން ތައާރަފުކުރާ ތިމާވެއްޓާ ރަށްޓެހި، އީވީ ޓެކްސީ ލައިން ހިންގުމަށް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. 

ވީ ކިހިނެއް؟ - 'މާލެ ފެހި' ޕްރޮގްރާމްގެ ދަށުން ތައާރަފްކުރާ މި ޓެކްސީ ލައިނަކީ އިލެކްޓްރިކް ވެހިކަލް ހިމެނޭ އީވީ ޓެކްސީގެ ހިދުމަތެކެވެ. މި ޓެކްސީ ލައިން ހިންގަން ހަވާލުކުރަން ސަރުކާރުން ނިންމާފައި އޮތީ ސަރުކާރު ކުންފުންޏަކާ އެވެ. އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ކޮންސެޕްޓަށް ދޭނެ އެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ.

ތަފްސީލް - މީރުމާ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ޓެކްސީ ލައިން ހިންގުމަށް ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމުގައި:

  • އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ 

  • ޓްރާސްޕޯޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނަރަލް އަހުމަދު ޝަމީމް

ޓެކްސީ ލައިންގެ ހިދުމަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ (ކ) އަދި ޓްރާސްޕޯޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ޝަމީމް ސޮއިކުރައްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދުމަށް މިހާރު ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް ދިމާވަނީ ޓެކްސީގެ ހިދުމަތް ބަލައި މޮނިޓާކުރެވޭނެ ގޮތެއް މިހާތަނަށް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ޓެކްސީ ލައިނެއް ތައާރަފުކުރަން ސަރުކާރުން ނިންމީ އެ ހިދުމަތް ހަރުދަނާ ކުރަން ކަމަށާއި "އެ ވިޔަފާރީގެ ތެރެއަށް ވަންނާކަށް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ:

  • މި ހިދުމަތް ދެމުން ގެންދާނީ އެމްޓީސީސީން ތައްޔާރުކޮށްފައި އޮތް ސޮފްޓްވެއާއެއްގެ ތެރެއިން

  • ޓެކްސީ ޑްރައިވަރުންނަށް ދާންވީ ތަން އިހުތިޔާރުކުރުމުގެ ބަދަލުގައި މި ހިދުމަތުގައި ދާންވީ ތަން އަންގާނީ ސްފޮޓްވެއާއިން

  • ޓެކްސީގެ ހިދުމަތަށް އެދޭތާ މިނެޓެއް ތެރޭ ހިދުމަތް ލިބިގެންދާނެ

"ސަރުކާރުން %100 އީވީ ޓެކްސީ ލައިނެއް އުފައްދައި އެ ޓެކްސީ ލައިން ހިންގުމަށް އެމްޓީސީސީއާ އެކު ސޮއިކުރެވިގެން މި ދަނީ. އީވީ ޓެކްސީ ލައިނަކީ ދުނިޔޭގެ ނިސްބަތުން ވެސް އެހާ ގިނަ ޓެކްސީ ލައިންތަކެއް އަޅުގަނޑަކަށް ގޫގަލް ކޮށްގެންނެއް ވެސް ނުފެނޭ. އެކަމަކު ބައެއް ސަރަހައްދުތަކުގައި އެބަހުރި،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ސަރުކާރުން ނިންމީ ރާއްޖޭގެ ހާލަތަށް ބަލައި އަލަށް މި ހިދުމަތް ފަށާއިރު ތިމާވެއްޓާ ރަށްޓެހިގޮތަަކަށް އެކަން ކުރަން."

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވަނީ، އެމްޓީސީސީއަށް އިތުބާރުކޮށް އެ ހިދުމަތް ދޭން އެ ކުންފުންޏާ ހަވާލުކުރީތީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ހިދުމަތް އެންމެ ފުރިހަމައަށް ދޭން އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ. 

ސައުދީ ވިދާޅުވީ:

  • މި ހިދުމަތުގައި އެމްޓީސީސީގެ ޓީމުން ހުރިހާ ވަގުތެއްގައި މަސައްކަތްކުރާނެ

  • ވަކި ވަގުތުތަކަކަށް މަސައްކަތްކުރާ މުވައްޒަފުންނަށް އުޖޫރަ ކަނޑައަޅާނީ ކޮންމެ ހަފްތާއަކު ނުވަތަ ދެ ހަފްތާއިން އެއް ފަހަރު ދެވޭނެ ގޮތަކަށް

  • މި ހިދުމަތަށް ޓެކްސީ ޑްރައިވަރުން ނަގާނީ އެ ކުންފުނިން ހުޅުވާލާ ޕޫލްއެއްގައި ބައިވެރިވެ، އެންމެ ރަނގަޅަށް ފާސްވާ ފަރާތަކަށް

ކޮމެންޓް (2)

ބާޒު

12 ފެބްރުއަރީ 2025
ބައެއް ޓެކްސީއަށް އަރާއިރު ދުވާ ނުވައިވަހުން ނޯއް ދަމާލަން ނުކެރޭ، ދެން ސީޓް އޮންނާނީ ވީދި ހަލާކުވެފައި، އެޅިފަހުންނަ ކުނި ފޮޅާ ސާފުކުރުމެއް ނޯވޭ. އެއް ދަތުރު ނުނިމެނީސް އިތުރު ޕަސިންޖަރުން އަރުވާ، އާޓެކްސީ ލައިން އުފެދުމުން މިފަދަ ކަންތައްތައް ރަނގަޅުވާނެކަމަށް އުއްމީދު ކުރަން
2 0

މިނިކާބާޒު

12 ފެބްރުއަރީ 2025
ޓެކްސީ ޑްރައިވަރުންގެ ނުބައި އާދަތަކުންނާއި، ބޭޑް އެޓިޓިއުޑުން ރައްޔިތުން ސަލާމަތް ކޮށްދެއްވަން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް