ރަސްފަންނު: މި ތަން ތަރައްގީކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ރަސްފަންނާއި ސަލްޓަން ޕާކަށް އަލުން އާރޯކަން ގެނެސްދޭނަން: ރައީސް
މިހާރު ވީރާނާވަމުންދާ ރަސްފަންނާއި ސަލްޓަން ޕާކަށް އަލުން އަނބުރާ އާރޯކަން ގެނެސްދިނިމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ތަރައްގީކުރި ރަސްފަންނު އާއި ސަލްޓަން ޕާކް ވީރާނާވަމުންދާތީވެ، އެކަމާ ހިތާމަކޮށް އެމަނިކުފާނު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "ރަސްފަންނާއި ސަލްޓަން ޕާކްގެ ހާލަތު ފެނިފައި ހިތާމަކުރަން. ދެ ތަން ވެސް ދަނީ ވީރާނާވަމުން. މި ދެ ތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން،" ރައީސް ލިއުއްވި އެވެ.
"މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށް ވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން."
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
ސަލްޓަން ޕާކާއި ރަސްފަންނު އޮންނަނީ މާލޭ ސިޓީ ކައުންސިލްގެ ދަށުގަ އެވެ.
ސިޓީ ކައުންސިލުން މިހާރު އަންނަނީ އާޓިފިޝަލް ބީޗު ސަރަހައްދުގެ އާބާތުރަފިލުވުމުގެ މަސައްކަތްކުރަމުންނެވެ.