ޔޫއެސްއެއިޑްގެ ދިދަ: ދުނިޔޭގެ އެންމެ ބޮޑު އެހީގެ އެއް ޕްރޮގްރާމް ޔޫއެސްއެއިޑް ދެން ކުރިއަށް ގެންދާނޭ ކަމާ މެދު ވަނީ ސުވާލު އުފެދިފައި

ޔޫއެސްއެއިޑް

ޔޫއެސްއެއިޑުން ރާއްޖެއަށް 15 މިލިއަން ޑޮލަރު ދީފައިވޭ؛ ކޮން ބަޔަކަށް؟

ޔޫއެސްއެއިޑުން އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ ސިއްހީ ދާއިރާ އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ އެކި މަސައްކަތްތަކަށް
14 ފެބްރުއަރީ 2025
1

ގައުމުތަކަށް ހިލޭ އެހީދޭ އެމެރިކާގެ މައި އިދާރާ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަގުތީ ގޮތުން ބަންދުކޮށް މިހާރު މުވައްޒަފުން ވަނީ ގެއަށް ފޮނުވާލައިފަ އެވެ. ޔޫއެސްއެއިޑް ހުއްޓާލުމުން އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެއަށް ވެސް އެ އިދާރާއިން ދެމުން އައި އެހީތައް ވަނީ ހުއްޓިފަ އެވެ. އަދި ބައެއްގެ ވަޒީފާތައް ވެސް ވަނީ ކުއްލިއަކަށްހެން ގެއްލިފަ އެވެ. 

މީގެ އިތުރަށް ޔޫއެސްއެއިޑުން އެކި ގައުމުތަކަށް ދިން އެހީތަކާ މެދު ރައީސް ޓްރަމްޕުގެ ސަރުކާރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

މިހާތަނަށް ޔޫއެސްއެއިޑުން ރާއްޖެއަށް ހަރަދުކުރީ ކިހާ އަދަދެއްގެ ފައިސާއެއް ހެއްޔެވެ؟ 

ޔޫއެސްއެއިޑްގެ ރަސްމީ ވެބްސައިޓަށް މިހާރު ނުވަދެވޭ ގޮތް ހަދާފައިވީ ނަމަވެސް އެމެރިކާއިން ބޭރުގެ އެކި ގައުމުތަކަށް ދޭ ހިލޭ އެހީތައް އާންމުކޮށް ފެންނަން ހުންނަ ސްޓޭޓް ޑިޕާޓްމަންޓުގެ ފޮރިން އެސިސްޓަންސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ޔޫއެސްއެއިޑުން ރާއްޖެއަށް ހަރަދުކޮށްފައި ވަނީ 15 މިލިއަން ޑޮލަރެވެ. އެގޮތުން: 

  • އެންމެ ބޮޑު އަދަދެއް ހަރަދުކުރީ 2021 އަދި 2022 ގައި؛ އެއީ 6 މިލިއަން އަދި 5 މިލިއަން ޑޮލަރު 

  • މިދިޔަ އަހަރު ތެރޭ ޑިސެމްބަރު 19އާ ހަމައަށް ހަރަދުކޮށްފައިވާ ކަމަށް ދައްކަނީ 2 މިލިއަން ޑޮލަރު 

ޕޯޓަލްގެ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ 10 އަހަރު ތެރޭ ސީދާ ޔޫއެސްއެއިޑުން ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ސިއްހީ ދާއިރާގެ ޕްރޮގުރާމްތަކަށެވެ. އެގޮތުން އެޗްއައިވީ އެއިޑްސްއާ ދެކޮޅަށް މަސައްކަތް ކުރުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުން އަދި ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން ވެދީފައިވާ އެހީތައް ހިމެނެ އެވެ. އެގޮތުން: 

  • ސިއްހީ ދާއިރާއާ ގުޅޭ ކަންކަމަށް 8 މިލިއަން ޑޮލަރުގެ އެހީ ދީފައިވޭ 

ދެން އެންމެ ބޮޑު އެހީއެއް ޔޫއެސްއެއިޑުން ދީފައި ވަނީ އެންމެން ޝާމިލްވާ ފަދަ ހަރުދަނާ ޑިމޮކްރަސީއެއް ރާއްޖޭގައި ގާއިމްކުރުމުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށެވެ. 'ސްޓްރޯންގް އެންޑް އިންކްލޫސިވް މޯލްޑިވިއަން ޑިމޮކްރަސީ (ސިމްޑް)ގެ ނަމުގައި 2020ގައި ފެށި އެ ޕްރޮޖެކްޓަށް 3.06 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޮންލައިންކޮށް ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު:

  • އެ ޕްރޮޖެކްޓުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ރާއްޖޭގައި އޮފީސް ގާއިމްކޮށްފައިވާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި) އަދި އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއޭޓިވް (އަބާރޮލި) ފަދަ ޖަމިއްޔާތަކާ ހަވާލުކޮށްގެން 

  • އެ ޕްރޮގްރާމްގެ ދަށުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާއި އަންހެނުން ބާރުވެރި ކުރުވުން އަދި ޒުވާނުންނަށް ހާއްސަކޮށް ހަރަކާތްތައް ހިންގާފައިވާ ކަމަށް މައުލޫމާތުތަކުން އެނގޭ 

މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ވެސް ޔޫއެސްއެއިޑުން އެހީ ދީފައިވެ އެވެ. އެގޮތުން، އެ ދާއިރާގެ އެކި ކަންކަމަށް 2.3 މިލިއަން ޑޮލަރު ޔޫއެސްއެއިޑުން އެހީގެ ގޮތުގައި ރާއްޖެއަށް ދިނެވެ. އެފަދަ ގިނަ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ރާއްޖެއަށް ދީފައި ހުރީ  އދ.ގެ އެކި އެޖެންސީތައް މެދުވެރިކޮށެވެ. 

ޔޫއެސްއެއިޑްގެ އެހީތަކުގެ ތެރެއިން މަދަނީ ޖަމިއްޔާއަކަށް އެންމެ ގިނައިން އެހީ ދީފައި ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްއަށެވެ. އެގޮތުން:

  • ޕްރޮމޯޓިން ރެސިލިއަންސް އިން މޯލްޑިވްސް (ޕްރައިމް)ގެ ނަމުގައި ޕްރޮޖެކްޓެއް ހިންގުމަށް 19 ޑިސެމްބަރު 2024އާ ހަމައަށް 834،830 ޑޮލަރު ޔޫއެސްއެއިޑުން ދީފައިވޭ 

  • އެ ޕްރޮޖެކްޓަކީ ޒުވާނުން ބާރުވެރިކުރުމާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އަމާޒުކޮށްފައިވާ ޕްރޮޖެކްޓެއް 

ޔޫއެސްއެއިޑުން ނޫން ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭ އެހީގެ އެކި ޕްރޮގްރާމްތައް ވެސް ރާއްޖޭގައި ހިންގަ އެވެ. އެގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ދޭ އެހީތައް ހިމަނައިގެން އެމެރިކާއިން ރާއްޖެއަށް މިދިޔަ އަހަރު އެހީގެ ގޮތުގައި ޖުމްލަ 4.8 މިލިއަން ޑޮލަރު ދީފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ގިނަ އެހީތަކަކީ ދިވެހި އަސްކަރިއްޔާއަށް ދީފައިވާ އެހީތަކެވެ. 

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔޫއެސްއެއިޑްގެ ޕްރޮގްރާމްތައް ހުއްޓާލުމުން މި އަހަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭނޭ ކަމަށް ޖަހާފައިވާ އަދަދު ދަށަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ. 

އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ސިޔާސަތު ބޮޑަށް ބިނާވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ދުރުވެ، އެމެރިކާ އެކަހެރިވުމުގެ މައްޗަށެވެ. އެމެރިކާގެ މައި ސަރުކާރުގެ ހަރަދުތައް މާ ބޮޑު ކަމަށް ބުނެ އެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން ހަވާލުކޮށްފައި ވަނީ ކުރިން ޓްވިޓާ މިހާރު، އެކްސްގެ ވެރިޔާ މަހުޖަނު އިލޯން މަސްކްއާ އެވެ.

ރައީސް ޓްރަމްޕް ވެސް އަދި މަސްކް ވެސް ބޭނުން ވަނީ ޔޫއެސްއެއިޑް އެކީ ހުއްޓާލާށެވެ. 

ކޮމެންޓް (1)

ސިކުނޑި

15 ފެބްރުއަރީ 2025
ޔޫއެސްއޭއައިޑީ އިން ދޭ އެހީތަކަކީ، އެމީހުން ދުނިޔޭގެ ސުޕަރ ޕަވަރގެ ގޮތުގައި ދެމިއޮންނަން ހަންފަތުރަންވެގެން ދޭއެއްޗެއް! ވިޔާފާރިވެރިން ވެރިކަމާ ހަވާލުވީމާ ފެންނާނީ ނަންބަރު އެކަނި! އެ ހުއްޓާލުމުން، ގައުމުތަކަށްވެސް އަދި ޚުދު އެމެރިކާއަށްވެސް ގެއްލުންވާނެ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް