ދިއްދޫގައި ހުންނަ އަމާންވެށި. ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ގިނަ ކުދިން މިހާރު ވަނީ ރަށްރަށުގެ އަމާންވެށިތަކަށް ބަދަލުކޮށްފައި.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު މަދުވެއްޖެ

މިދިޔަ ދެތިން އަހަރުގެ ތެރޭގައި، ދައުލަތަށް ނަގާ ކުދިންގެ އަދަދު %23 އަށް ވަނީ ދަށްވެފައި
13 ފެބްރުއަރީ 2025

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުޑަކުދިންގެ އަދަދު މި ފަހަކުން މަދުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އަޅާލާނެ މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 139 ކުދިން ކަމަށެވެ. މީގެ ހަތަރު އަހަރު ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުދިންގެ އަދަދު 200އަށް ވުރެ ވެސް ގިނަވި އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ:

  • 2022 ވަނަ އަހަރާ ބަލާއިރު، މިދިޔަ އަހަރު ދައުލަތަށް ނެގި ކުދިންގެ އަދަދު %23އަށް ދަށްވެފައިވޭ

  • އެ މުއްދަތުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު ވެސް %19އަށް ދަށްވެފައިވޭ

އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި، އެ އަދަދު މަދުވެގެން ދިޔުމަކީ މުޖުތަމައުގެ ތެރޭގައި އެހީތެރިކަމާއި އަޅާލުން ބޮޑުވެފައިވާކަން އަންގައިދޭ ކަމެކެވެ.

އޭނާ ވަނީ ފޯސްޓާކުރާ ކުދިންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • 'ކޮންމެ ކުއްޖަކަށް އާއިލާއެއް'ގެ ނަމުގައި ސަރުކާރުން ފެށި ފޯސްޓާ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 67 ކުއްޖަކު ވަނީ އާއިލާއަކާ ހަވާލުކޮށްފައި

  • މިހާރު ވެސް 35 އާއިލާއަކުން އެދިގެން އަންނަނީ ކަންކަން ބަލަމުން

  • ފޯސްޓާ އާއިލާތަކުން ކުދިން ބަލަހައްޓަނީ ވަރަށް ރަނގަޅަށް

އައިޝަތު ޝިހާމް ކުރިން ވިދާޅުވި ގޮތުގައި، ކުރީގައި މީހުން އާއްމުކޮށް ފޯސްޓާ ކުރަން ބޭނުން ވަނީ އެންމެ ތުއްތު ކުދިން ނަމަވެސް، މިހާރު ބޮޑެތި ކުދިން ވެސް އަންނަނީ ފޯސްޓާ ކުރަމުންނެވެ. މިއީ ވަރަށް ހެޔޮ ބަދަލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ.

އެނގުން މުހިއްމު - ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ކުރިން ބަލަހައްޓަމުން އައީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ. އެކަމަކު މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި، 'އަމާން ވެށީ'ގެ ނަމުގައި ހަދާފައި ހުންނަ ސެންޓަރުތަކުގައި ކުދިން ބައިތިއްބަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް