ފުލުހުންތަކެއް މަގުމަތީ ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޭންގު ކުށްތައް

ގޭންގު ކުށްތަކާ ބެހޭ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި

މި ބިލުގައި މީހަކު މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވޭ
12 ފެބްރުއަރީ 2025

މީހަކު މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު' މިއަދު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުސްތަފާ ހުސައިން އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ދެވަނަ ދައުުރު ނިންމާލި ދުވަހު އެވެ. އެހެންވެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ އާ ދައުރު މިހަފްތާގައި ފެށުމަށް ފަހު އެވެ.

ތަފްސީލް - ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ އެ ބިލު ބަލައިގަންނަން ފާސްކުރީ:

  •  މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އަގުލަބިއްޔަތުން 

  • އެއާ އެކު، މި ބިލު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި

މި ބިލު ގާނޫނަކަށް ވުމުން، މިހާރު އަމަލު ކުރަމުން އަންނަ 'ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނު' އަދި 'ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުމުން މަނާކުރާ ގާނޫނު' އުވުނީ އެވެ. މި ބިލު ގާނޫނަކަށް ވުމުން، އެ ވާނީ އެ ދެ ގާނޫނުގައިވާ ކަންކަން އިތުރަށް ހަރުކަށިކުރާ ގާނޫނަކަށެވެ. 

ބިލުގެ ތިން ވަނަ މައްދާގައި 'އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށް'ތައް މައިގަނޑު ހަ ބާވަތަކަށް ބަހާލާފައިވެ އެވެ. އެއީ:

  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް

  • މީހުން ޓްރެފިކްކުރުމުގެ ކުށް

  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް

  • ވަގު ފައިސާ ނުވަތަ އެފަދަ ފޮތި ނުވަތަ ނޫޓުގެ ގޮތުގައި އުފެއްދުމުގެ ކުށް

  • ނުރައްކާތެރި ކުށް؛ އޭގެ ތެރޭގައި ހިމެނެނީ، މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން

  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު އަންނަ ހުރިހާ ކުށެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް