މަގޫދޫގައި ފޮތިނެޕީ ބޭނުން ކުރުމާ ގުޅޭގޮތުން ހިންގި ޕްރޮގްރާމެއްގައި ބައިވެރިވި މަންމައަކު އޭނާގެ ދަރިފުޅު އުރާލައިގެން

ކުނީގެ މައްސަލަ

މަގޫދޫގައި ކުޑަކުދިންގެ ފޮތިނެޕީ އަލުން އިއާދަކޮށްފި

މިއީ ރަށުގައި އުފެދޭ ކުނި މަދު ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން ކުރަން ފެށި ކަމެއް
12 ފެބްރުއަރީ 2025
2

ތިމާވެއްޓާ ރައްޓެހި އަދި އުކާލާ ކުނީގެ ނިސްބަތް މަދުކުރުމުގެ ގޮތުން ނ. މަގޫދޫގައި ފޮތިނެޕީ ތައާރަފްކޮށް، ތުއްތު ކުދިން އެ ނެޕީ ބޭނުން ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކުނި އުފެދޭ މިންވަރު މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ސޮނެވާ ނަމޫނާ އާއި މަގޫދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެ ރަށު ސިއްހީ މަރުކަޒު ގުޅިގެން މިހާރު މި ޕްރޮޖެކްޓު ގެންދާތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ތަފްސީލް - މިވީ ދުވަސްތަކުގައި ބޮޑަށް މަސައްކަތް ކޮށްފައިވަނީ، އެ ރަށު ކައުންސިލުން ބުނިގޮތުގައި މީހުން އެ ފަދަ ނެޕީއާ މެދު ހޭލުންތެރިކުރުވުމަށެވެ. އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ނެޕީއަކީ ރަށުގައި އެންމެ ގިނައިން އުކާލާ އެއް ބާވަތެވެ. އެހާމެ އަގުބޮޑެވެ.

އެހެންވެ، ކުރީގައި ބޭނުން ކުރި ގޮތަށް، ކުޑަކުދިންނަށް އަލުން ފޮތިނެޕީ ބޭނުން ކުރުމަކީ އެ ރަށު މީހުންނަށް މާ އުނދަގޫކަމަކަށް ނުވި އެވެ. އެ ނެޕީއަށް އެ ރަށު މީހުން ދިން ނަމަކީ 'ބުޑުފޮތި' ނެޕީ އެވެ.

'ބުޑުފޮތި' ނެޕީއަކީ ގިނަ ދުވަހު ބޭނުން ކުރެވޭ އެއްޗެކެވެ. އެ ބޭނުން ކުރާ ބައެއް މީހުން ބުނިގޮތުގައި:

  • އެތައް މަހެއްް ވަންދެން މިފަދަ ނެޕީ ބޭނުން ކުރެވޭނެ

  • ނެޕީ ހަޑިވުމުން ކުޑަކޮށް ސާފުކޮށްލާފައި، މެޝިނަށް ލައިގެން ދޮވެލެވޭ

  • ރޯނުގައި އަޅުވައިގެން ވެސް ފަސޭހައިން ހިއްކާލެވޭ

"މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން އެންމެ ފުރަތަމަ މީހުން އެވެއާ ކުރަން ފެށީ. ދެން ބެލީ ފޮތިނެޕީ ދީފިއްޔާ އެ ބޭނުން ކުރާނެ ޕޭރެންޓުން ތިބިތޯ،" އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި، މަގޫދޫ ކައުންސިލްގެ ނައިބު ރައީސް މުދުރިކަތު އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މި ޕްރޮގްރާމްގައި ރަށުގައި ތިބި ތުއްތު ކުދިން ގެންގުޅޭ ހުރިހާ މައިން ވެސް ބައިވެރިވި؛ އެއީ 33 މީހުން

  • ޓެސްޓެއްގެ ގޮތުގައި ހަތަރު މަސް ވަންދެން، މި މައިން ފޮތިނެޕީ ބޭނުން ކުރި

  • އޭގެ ފަސޭހަތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަތް

  • ނެޕީ ހުންނަނީ، އާއްމުކޮށް ނެޕީ ހުންނަ ގޮތަށް އެކަމަކު ފޮތިން ފަހާފައި

މީގެ ދެ ދުވަހެއްވަރު ކުރިން މި ޕްރޮގްރާމް ވަނީ ނިންމާލާފަ އެވެ. އަދި އެއްކޮށް ފޮތިނެޕީއަށް ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ އިހްތިޔާރުދީ ފޮތި ނެޕީ ފޯރުކޮށްދިނެވެ.

މަގޫދޫގެ މައިންނަށް ފޮތިނެޕީ ފޯރުކޮށްދެނީ 'ޒީރޯ ވޭސްޓް މޯލްޑިވްސް' ޖަމިއްޔާއިންނެވެ. ނެޕީ ގެންނަނީ ރާއްޖެއިން ބޭރުންނެވެ. ކައުންސިލްގެ އަމާޒު ހުރީ، މެދުކެނޑުމެއް ނެތި ނެޕީ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އެ ފަދަ ފިހާރައެއް ހުޅުވާށެވެ.

"މިކަމާ ގުޅޭ ގޮތުން މި ރަށުގެ ރައްޔިތުން މިހާރު ވަރަށް ހޭލުންތެރިވާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މި ރަށުގެ ހުރިހާ ކުދިން ވެސް ބުޑުފޮއްޗަށް ބަދަލުކުރުން،" މުދުރިކަތު ވިދާޅުވި އެވެ.

ކޮމެންޓް (2)

ބުދުފޮތި

12 ފެބްރުއަރީ 2025
ތި ހަޑިވީމަ ދޮންނަ ގޮތް ވެސް ކިޔައިދީބަލަ؟
3 0

ލޮލްސް

14 ފެބްރުއަރީ 2025
@ބުދުފޮތި ޙަބަރު ނުކިޔާކަން ތި ފަޅާ އެރީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް