ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)ގައި ފެހުރިއްސަކާ އެކު މީހަކު ސްނޯކަލް ކުރަނީ.
'4 މީހުންނަށް ސަމްޕާ ނުބެލެހެއްޓޭނެ؛ އަވަސް، އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ'
އދ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު، ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ ހަތަރު ރޭންޖަރުންނަށް ބެލެހެއްޓޭ ވަރަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށާއި އެ މަސައްކަތުގައި ދާއިމީކޮށް އުޅޭނެ އިތުރު މީހުންނާއި ވަސީލަތްތަކާއި ޓެކްނޮލޮޖީ ވެސް ބޭނުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެމްބަރު މުހައްމަދު އިބްރާހިމް އެހެން ވިދާޅުވީ ސަމްޕާގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި އެ މަސައްކަތް އަވަސްކުރަން ކަމާބެހޭ ފަރާތްތައް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަން އެދި ފޮނުވި ސިޓީއެއްގަ އެެވެ.
އެ ސިޓީގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ އިސް މީހުން ހާޒިރުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ތަފްސީލު - އެ ސިޓީގައި މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ވަކި އުސޫލެއްގެ ތެރެއިން އީޕީއޭއިން ސަމްޕާ ބަލަހައްޓަމުން އައި ނަމަވެސް، އޭގެ ތެރެއިން އެއްވެސް އުސޫލެއް އެ ސަރަހައްދުގައި ނުހިނގާ ކަމަށާއި ދުވަހެއް ދުވަހަކަށް ހާލަތު ދަނީ ގޯސްވަމުން ކަމަށެވެ.
މޯލްޑިވްސް ވޭލް ޝާކް ރީސާޗު ޕްރޮގްރާމުން ހަދާފައިވާ ދިރާސާއަކަށް ރިއާޔަތްކޮށް ސަމްޕާގައި ދިމާވާ މައްސަލަތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
-
ފަތުރުވެރިން ތޮއްޖެހުމުގެ އިތުރުން ފެހުރިއްސަށް އަނިޔާވުން
-
ސަފާރީބޯޓުފަހަރު ރޭގަނޑު ސަމްޕާއަށް ވަދެ، އަލިކޮށް، ފެހުރިހީގައި އަތްލައި އަނިޔާކުރުން
-
2014-2019އާ ދެމެދު އަރިއަތޮޅުގެ ވޭލް ޝާކް ޕޮއިންޓުން ފެހުރިހި ފެންނަ މިންވަރު %48 އިން %35އަށް ދަށްވުން
-
އެކި ކަހަލަ އަނިޔާ ލިބިފައިވާ ފެހުރި ފެނުން 2006-2019އާ ދެމެދު %24 އިން %45އަށް އިތުރުވުން
-
އެންމެ ގިނައިން ފެހުރިއްސަށް އަނިޔާ ލިބިފައިވަނީ އުޅަނދުފަހަރުގެ ބުރަފަތީގައި ޖެހިގެން
މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި، 31 ޖެނުއަރީން ފެށިގެން އީޕީއޭ އާއި ސަމްޕާ ރޭންޖާސްއިން އެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާން ފެށި ނަމަވެސް، އެ ސަރަހައްދުގެ ބޮޑުކަމުން އެތަން ރަނގަޅަށް ބެލެހެއްޓޭނެކަން ޔަގީންކުރުން ދަތި ކަމަށެވެ.
ހަމައެކަނި އެ ފިޔަވަޅުތަކުގެ ބަދަލުގައި ސަމްޕާއަށް ބޭނުންވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެޑެޕްޓިވް މެނޭޖްމަންޓް ސްޓްރެޓަޖީ އެކެވެ.
"މީގެ ބޭނުމަކީ އުޅަނދުފަހަރުގެ އަދަދު މަދުކުރުމާއި މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމާއި ފެހުރިހި ބެލުމަށް ހަރަކާތްތެރިވާ ފަތުރުވެރިކަމުގައި އުޅޭ އޮޕަރޭޓަރުންނަށް އިގްތިސާދީ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކަށަވަރުކުރުމެވެ،" އެ ސިޓީގައިވެ އެވެ.
ސަމްޕާއަށް ދިމާވާ މައްސަލަތައް ހައްލުކުރަން އެޅިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެއް ކަމަކީ މެދުނުކެނޑި ރޭންޖަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވުމެވެ. މިގޮތަށް ސްޕޮޓް ޗެކިން ކުރުމުން ޓޫރިސްޓޫ އޮޕަރޭޓަރުންނާއި ފަތުރުވެރިންގެ އަމަލުތައް ވެސް ބަދަލުވާނެކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި އެއީ ވަގުތުން ޖޫރިމަނާ ކުރުމަށްވުރެ ވެސް ފައިދާހުރި ކަމެކެވެ.
"އެހެންކަމުން، ސަމްޕާއަށް މިވަގުތު އެންމެ މުހިންމީ ދާއިމީކޮށް ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވެވޭ ރޭންޖަރުންނާއި އެ މީހުންނަށް ބޭނުންވާނެ ވަސީލަތެވެ. މިވަގުތު 4 ރޭންޖަރުން ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވިޔަސް މިއީ ސަމްޕާ ސަރަހައްދާ އަޅާބަލާއިރު މާ ބޮޑަށް ވެސް މަދު އަދަދެކެވެ،" އެ ސިޓީގައި މެމްބަރު ވިދާޅުވި އެވެ.
"ދޮޅު އަހަރު ދުވަހުގެ މޮނީޓަރިންއަށް ފަހު ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަމްޕާ ސަރަހައްދު ބެލެހެއްޓުން ދެން ވާނީ ފަސޭހަ ކަމަށެވެ."
ގުޅުންހުރި ކަމެއް - ސަމްޕާ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުން ވަނީ 1 ފެބްރުއަރީގައި އާންމުކޮށްފަ އެވެ.
ކުރިއަށް އޮތް ތިން މަސް ތެރޭގައި އަމަލުކުރަން ފަށާ ޕްލޭނުގެ ދަށުން:
-
ފެހުރިހި ބެލުމަށް ސަމްޕާއަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑެއް އަޅަން ޖެހޭނެ
-
ފެހުރިއްސެއް ފެނިއްޖެ ނަމަ، އެ ބަލަން މޫދަށް މީހުންނަށް ފޭބޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދުން
-
މޫދުގައި އެއްފަހަރާ އެންމެ ގިނައިން ތިބެވޭނީ 60 މީހުންނަށް
އެ ސަރަހައްދު ހިމާޔަތްކޮށް، އުސޫލުތަކަށް މީހުން ބޯލަނބާ މިންވަރު ބެލުމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް، އެ ސަރަހައްދު މޮނިޓާކުރުމަށް ވެސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.