ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)ގައި ފެހުރިއްސަކާ އެކު މީހަކު ސްނޯކަލް ކުރަނީ.
ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
އދ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު، ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުން މިއަދު އާންމުކޮށް، މި ޕްލޭނުގެ ދަށުން އެ ތަނަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އެޅުން މަޖުބޫރުކޮށްފި އެވެ.
އެނގުން މުހިންމު - 2009ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި ދިރިއުޅޭ ސަރަހައްދެވެ.
ތަފްސީލް - އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު އާންމުކޮށް، ކުރިއަށް އޮތް ތިން މަސް ތެރޭގައި އަމަލުކުރަން ފަށާ ޕްލޭނުގެ ދަށުން:
-
ފެހުރިހި ބެލުމަށް ސަމްޕާއަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑެއް އަޅަން ޖެހޭނެ
-
ފެހުރިއްސެއް ފެނިއްޖެ ނަމަ، އެ ބަލަން މޫދަށް މީހުންނަށް ފޭބޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދުން
-
މޫދުގައި އެއްފަހަރާ އެންމެ ގިނައިން ތިބެވޭނީ 60 މީހުންނަށް
މި ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލަން ޖެހޭ ކޮމިޓީގައި ތިބެން ޖެހެނީ:
-
އެންވަޔަރަންމަންޓް މިނިސްޓްރީ
-
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)
-
ޑިފެންސް މިނިސްޓްރީ
-
ފިޝަރީޒް މިނިސްޓްރީ
-
ފުލުހުން
-
އދ. އަތޮޅު ކައުންސިލާއި އެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތައް
-
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ޖަމިއްޔާތައް
އެ ސަރަހައްދު ހިމާޔަތްކޮށް، އުސޫލުތަކަށް މީހުން ބޯލަނބާ މިންވަރު ބެލުމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް، އެ ސަރަހައްދު މޮނިޓާކުރުމަށް ވެސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.
ގުޅުން ހުރި - މި ޕްލޭން އާންމުކުރުމާ އެކު، އީޕީއޭން ވަކިން ނެރުނު އިއުލާނެއްގައި ވަނީ، ސަމްޕާއަށް ދާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ވެސް ތިން މަސް ދީފަ އެވެ.
އެނގުން މުހިންމު - ސަމްޕާ އަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު އެއް ސަރަހައްދެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ފެހުރިހި ފެންނަ ސަރަހައްދުތަކުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ތަނެކެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަމްޕާ ގެޒެޓުކޮށްފައިވަނީ 2009ގަ އެވެ.
ނަމަވެސް، ދޯނި ނުވަތަ ލޯންޗުގެ ބުރަފަތީގައި ޖެހިގެން ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ދޭތެރެދޭތެރެއިން ދަނީ ހިނގަމުންނެވެ.