ހަސަން ޝަކީލް: އޭނާ ވަނީ ރޭ އަވަހާރަވެފައި.

މަރު

ކަނޑުގެ ދިރުންތަކުގެ ބޮޑު ހިދުމަތްތެރިޔާ ޝަކީލް އަވަހާރަވެއްޖެ

އޭނާ ވަނީ ދައުލަތަށް 41 އަހަރު ހިދުމަތް ކުރައްވާފައި؛ އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތުގައި
9 ފެބްރުއަރީ 2025

ކަނޑުގެ ދިރުންތައް އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ބޮޑު ހިދުމަތްތެރިއެއް ކަމަށްވާ ހަސަން ޝަކީލް ރޭ އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަކީލް 64، ބްރީޒްވިލާ/ހދ. ވައިކަރަދޫ އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އޭނާ ވަނީ ދައުލަތުގެ ހިދުމަތުގައި 41 ހޭދަކުރައްވާފަ އެވެ.

ތަފްސީލް - އެ ހިތާމައިގައި ބައިވެރިވެ، މޯލްޑިވްސް މެރިން ރިސާޗު އިންސްޓްޓިއުޓް (އެމްއެމްއާރުއައި)ން ބުނި ގޮތުގައި:

  • މެރިން ރިސާޗު ސެކްޝަނުގެ ނަމުގައި އެ ތަން ފެށިގެން އައީ ވެސް ޝަކީލްގެ މޭސްތިރިކަމުގެ ދަށުގައި

  • ޝަކީލް ވަނީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ރަޝިޔާގައި މަތީ ތައުލީމް ހާސިލް ކުރައްވާފައި؛ އޭނާ ކިޔަވާ ވިދާޅުވީ މާސްޓާސް އިން ބަޔޮލޮޖީ

  • ކަނޑުގެ ދިރުންތައް އާލާކުރުމަށް، އަގު ނުކުރެވޭނެ ގިނަ ހިދުމަތްތަކެއް ކުރެއްވި

  • ޝަކީލްގެ މަސައްކަތްތަކުގެ ތެރެއިން، މޫދު ވިނަ އާއި އިތާމުތް އަދި ގާހަކަ އާއި މާގަނޑު މަހާއި ފާނަ ވިއްސުން އާލާ ކުރުމުގެ މަސައްކަތް ފާހަގަކޮށްލެވޭ

  • މެރިން ސައިންސްގެ ދާއިރާއަށް މީހުން ނެރުމަށް ވެސް ޝައުގުވެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކުރެއްވި

"މި ތަނުގެ ހުރިހާ މުވައްޒަފުން ވެސް ޝަކީލް ދެކެނީ ބައްޕައެއްގެ ގޮތުގައި،" އެމްއެމްއާރުއައިން އާއްމު ކުރި ޕޯސްޓެއްގައި ބުންޏެވެ.

އޭނާ އަވަހާރަވިއިރު ހުންނެވީ އެމްއެމްއާރުއައިގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގަ އެވެ. ދާއިރާ ފުޅާކުރުމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން އާ މައުލޫމާތު ހޯދުމާއި މީހުން ބިނާ ކުރުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.

އެމްއެމްއާރުއައިން ބުނި ގޮތުގައި، އަގުނުކުރެވޭނެ ގިނަ ހިދުމަތްތަކެއް ކުރެއްވި އެ ހިދުމަތްތެރިޔާގެ ހަނދާންތައް އަބަދުވެސް އެ ތަނުގައި ދެމިހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް