ގއ. ވިލިނގިލި: އެ ރަށުގައި ވިހޭ އަންހެނަކާއި ދަރިފުޅު ވަނީ މަރުވެފައި

ވިހާފައި ދަރިފުޅާއި މަންމަ މަރުވެއްޖެ: ފަރުވާ ލަސްވި ކަމުގެ ތުހުމަތު

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ދިމާވި މި މައްސަލައާ ގުޅިގެން ފަރުވާ ލިބުން ލަސްވުމުގެ ޝަކުވާތަކާ އެކު ބައެއް މީހުން ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ އަޑުއުފުލާފައި

ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާ އެކު މަރުވެއްޖެ އެވެ. އެ ރަށުގެ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ބޭނުންވާ ފަރުވާ އެކަށީގެންވާ ވަގުތަކު ނުލިބުނެވެ.

ވީ ކިހިނެއް؟- ރާއްޖޭގައި މިހާރު ވަރަށް މަދުން ނޫނީ ނުހިނގާ މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ.

ހެލްތު މިނިސްޓްރީން ބުނީ ދެމައިން މަރުވި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ތަފްސީލު: 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ދަރިފުޅު ނެގީ ސިޒޭރިއަން ހެދުމަށް ފަހު އިއްޔެ ހެނދުނެވެ. އެކަމަކު އެ އޮޕަރޭޝަނަށް ފަހު ޝިއުނާ ހޭނާރާ ކަމަށް އެ މީހާ ބުންޏެވެ.

ރެއާ ހަމައަށް ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.

ދެމައިންގެ ހާލު ސީރިއަސްވެ ވީހާވެސް އަވަހަަކަށް މާލެ ގެންދަން ޖެހުނަސް އެކަން ދިޔައީ ލަސްވަމުންނެވެ. އެހެންވެ ވިލިނގިލީ ބައެއް މީހުން ވަނީ އަތޮޅު ހޮސްޕިޓަލަށް އެއްވެ އަޑުއުފުލައިފަ އެވެ.

ދެމައިން މާލެ ގެންދިޔުމުގެ މަސައްކަތް ފެށީ ރޭ ވަރަށް ލަސްވި ފަހުންނެވެ.

އެނގިފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން، ރޭ 11 ޖަހާކަންހާއިރު ޝިއުނާ ކޫއްޑުއަށް ގެންދިޔަ އެވެ. އެކަމަކު މާލެ ފުރުވާނުލެވި އުޅެނިކޮށް، އިރުކޮޅެއް ފަހުން އެ ރަށުގައި އޭނާ މަރުވީ އެވެ.

ޝިއުނާގެ ދަރިފުޅު ރޭ މާލެ ގެނަ އެވެ. ނަމަވެސް ފުރާނަ ސަލާމަތްނުކުރެވި ރޭ ފަތިހު ވަނީ މަރުވެފަ އެވެ. 

އެރަށުން ވާހަކަދެއްކި މީހުން ބުނިގޮތުގައި އިތުރު ފަރުވާއަށް އަވަހަށް މާލެ ފުރުވާލެވުނު ނަމަ، ދެމައިންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވީހެވެ. 

ދެމައިންގެ މަރާ އެކު، ވިލިނގިލީ ކައުންސިލް މެމްބަރު ޝީބާ އަހުމަދު ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައްވައިފަ އެވެ.

ތުހުމަތުގެ އިނގިލި އޭނާ ވެސް ދިއްކުރެއްވީ ލިބެން ޖެހޭ ވަގުތު އެކަށީގެންވާ ފަރުވާ ނުލިބުމާ އެކު ވިލިނިގިލީ ހޮސްޕިޓަލަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެމައިން މަރުވީ، މާބަނޑު މީހަކަށް ބޭނުންވާ ފަރުވާ ހޮސްޕިޓަލުން ނުލިބި ގިނައިރުވެ، އަދި އެއާ އެމްބިއުލާންސްގައި މަންމަ އާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުގެ ސަބަބުންނެވެ. މިއީ ހަމައެކަނި އިއްޔެއަކު ހިނގި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ތުއްތު ދެ ދަރިންނާއި ފިރިމީހާ އަދި އާއިލާއާ އެ ދެ ފުރާނަ ވަކިވެގެން ދާން ޖެހުނީ، ސިއްހީ ނިޒާމް ފެއިލްވެފައިވާތީ. ކޮންމެ އިހުމާލަކީ އަނިޔާއެއް. ފޫނުބެއްދޭވަރުގެ ގެއްލުމެއް،" ފޭސްބުކްގައި ޝީބާ ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާ ލަސްވެ، މީގެ ކުރިން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުކޮށް ދިމާވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތަށްއަރަނީ ކީއްވެހޭ އަތޮޅު ހޮސްޕިޓަލް ނަން ބޯޑު އަޅުވާފައި މި ހުންނަނީ،" ޝީބާ ވިދާޅުވި އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އަތޮޅު ހޮސްޕިޓަލުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

ކޮމެންޓް (3)

ވިރިއެއްފް

6 ފެބްރުއަރީ 2025
ދިވެހި ފުރާތަކަށް ބެލުމެއްނެތި ވެރިއެއްގެ މުޅި ހަޔާތް ވައްކަމުގައި. މިއީ ހިދުމަތްތަކުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަންދުން އަޅުވާތީ ލިބޭ ހިތާމަތައް. ހޮސްޕިޓަލްތައް ހިދުމަތެއް ޑޮކްޓަރެއް ނެތް. އެއާ އެންބިއުލެންސްގައި އޮކްސިޖަނެއް ނެތް މެޝިނަރީޒް ހަލާކުވެފަ
3 2

ލިމޮން

6 ފެބްރުއަރީ 2025
ރަށްރަށަށް އެރީމަ ބުނަނީ ތާރޭ ބޭނުމީ. ސިއްޙީ ކަންކަން އަންނަނީ އަދި އޭގެ ފަހަށް. ޢެކަމުގެ ހިތި ނަތީޖާ މިޔަކީ
10 0

ކަލަމިންޖާ

6 ފެބްރުއަރީ 2025
ރައީސް މީހާ އެއޮތީބުނެފަ އެރަށަކަށް މީހުންތިބިވަރަކަށް ބަލާފަ ސިއްޙީ ހިދުމަތް ދޭނެވާހަކަ! މިހާ ޒިމްމާދާރު ކުޑަކޮށް ރައީސްމީހާގެ ވާހަކަ ހުރީމަ ރައްޔިތުމީހާއަށްވާނެގޮތް ވިސްނަވާ!
12 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް