ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ބްރޯޑްކޮމްއިން ރާއްޖެ ޓީވި ޖޫރިމަނާ ކުރުމުން ހިންގި ފަންޑްރައިސިން ހަރަކާތެއްގެ ތެރެއިން (ފައިލް ފޮޓޯ/ މިހާރު)
ސަރުކާރަށް ފާޑުކިޔައި ރާއްޖެ ޓީވީއިން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ
ސަރުކާރަށް ފާޑުކިޔައިގެން ހަދާފައިވާ ލަވައެއް ރާއްޖެ ޓީވީން ދެއްކި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުމާ ދީމާކޮށް ރާއްޖެ ޓީވީން ދެއްކި 'ދިވެހިން ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ' ނަމުގައި ހަދާފައިވާ އެ ލަވައިގެ މައްސަލަ ބަލަމުންދާކަން ބްރޯޑްކޮމްއިން އިއްޔެ ރާއްޖެ ޓީވީއަށް ފޮނުވި ސީޓީއެއްގައި ވަނީ އަންގައިފަ އެވެ.
ތަފްސީލު- ބްރޯޑްކޮމްގެ ލީގަލް ޑިރެކްޓަރު އާއިޝަތު ހާދިޔާ މުހައްމަދު ސޮއިކޮށް ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މިދިޔަ މަހު 26ގައި އެ ޓީވީން ބްރޯޑްކަސްޓު ކުރި ލަވައިގެ ކޮންޓެންޓްގެ މައްސަލަ ބެލުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެހެންވެ ސިޓީގައި އެދިފައި ވަނީ، އެ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ލަވަ "ރައްކާކޮށްފައި" ބެހެއްޓުމަށެވެ.
މި މައްސަލަ ބަލަމުން ދަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ސިޓީގައި ނެތެވެ. ޕްރެޒެންޓަރު އާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ އެ ލަވައިގައި ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުކިޔުމާއި ބައެއް ކަހަލަ ތުހުމަތުތަކެއް އަމާޒުކޮށްފައިވެ އެވެ. އަދި ލަވައިގެ ވީޑިއޯގައި ވެސް ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ މަންޒަރުތައް ހިމަނާފައިވެ އެވެ.
މިދިޔަ މަހު 26ގައި ބްރޯކޮމްއިން ވަނީ، ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވެގެން ކޮންޓެންޓް ގެނެސް ދިނުމަށް އެދި ރާއްޖެ ޓީވީއަށް ސިޓީއެއް ފޮނުވާފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވެގެން ދެ ބޭފުޅަކު އެ ކޮމިޝަނަށް މިފަހުން އައްޔަންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ކުރީގެ ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ. މި ފަހުން ރައީސް އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސަށް މަރުހަބާ ދެންނެވުމަށް މުހައްމަދު އަބްދުﷲ ހުންނެވި އެވެ.