ކާރު ދަށުވެ މީހަކު މަރުވި މައްސާލަގައި ދައުވާކޮށްފައިވާ ކާރު ދުއްވަން އިން މީހާ، މައުސޫމް ހަލީމް ކްރިމިނަލް ކޯޓުގެ މަޖިލިހުގައި
ކާރެއް ދަށުވެ މީހަކު މަރުވުން: ދައުވާއަށް އިންކާރުކޮށް ބުނީ ކާރު ފަހަތަށް ޖެއްސީ މީހާ ތާށިވެފައި އޮތްކަން ނޭނގި ކަމަށް
މިދިޔަ އޭޕްރީލް މަހު ހުޅުމާލެ އުރީދޫ ބިލްޑިން ހުޅަނގަށް އޮންނަ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވަން އިން މީހާއަށް އުފުލާފައިވާ ދައުވާތަކަށް މިއަދު އިންކާރުކޮށްފި އެވެ.
މައްސަލައިގެ ފެށުން - 14 އޭޕްރީލްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ސައިކަލުގައި އިން ބަންގްލަދޭޝް ދެ މީހުން ކަމަށްވާ ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މަސްއޫދު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. ކާރު ދުއްވަން އިނީ މައުސޫމް ހަލީމް، ކެތި/ކ. ކާށިދޫ އެވެ.
ދައުލަތުން މައުސޫމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.
-
މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ
-
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
-
މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ
ވީކިހިނެއް؟ - މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ތިން ދައުވާ ވެސް އިއްވައިފަ އެވެ. އޭގެ ތެރެއިން މަރުވެދިއުމުގެ ދައުވާއާއި އަނިޔާގެ ދައުވާއަށް މައުސޫމް އިންކާރުކުރި އެވެ. ތިންވަނަ ދައުވާ ކުރިއަށް ގެންދިޔުން މަޑުޖައްސާލަން ވެސް އެދުނެވެ.
ތަފްސީލް - މައުސޫމްގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި، ދައުވާތަކަށް އިންކާރުކުރާ ސަބަބަކީ މަރުވެގެން ދިޔަ މީހާ މަރުވީ މައުސޫމަށް އެ ކަން ވާނެ ކަން އެނގިހުރެ ފަރުވާ ކުޑަކުރުމުގެ ނަތީޖާއަކުން ކަމަށް ގަބޫލު ނުކުރާތީ ކަމަށެވެ.
ދެ އުޅަނދު ޖެހެން މެދުވެރިވި ސަބަބަކީ ވެސް ސައިކަލު ނުގަވައިދުން އޯވަޓޭކް ކުރުމުން ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. އަދި ކާރު ފަހަތަށް ޖެއްސީ އެކަކުގެ އަތް ކާރުގެ ދަށު ވެފައި އޮތް ކަން ފެނިގެން އެ މީހާގެ އެ ގުނަވަން ސަލާމަތް ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ.
"މީހެއްގެ އަތް ދަށުވެފައިވާ މަންޒަރު ފެނިގެން. އެ ގުނަވަން ސަލާމަތް ކުރަން ވެގެން ކާރު ފަހަތަށް ރޭސްކުރީ. އޭރަކު ނޭނގޭ ތާށިވެފައި އަދި މީހަކު ހުރި ކަމެއް. ކޮންމެ ގޮތެއް ވިޔަސް މި އެކްސިޑެންޓް ވުމަށް މެދުވިރިވީ އަޅުގަނޑުގެ މުވައްކިލު [މައުސޫމް] ކުރި ކަމަކުންނެއް ނޫން،" ދިފާއީ ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން، އޭނާ ސީންއިން ފިލައިގެން ގޮސްފައި ނުވާތީ އާއި ސީންގައި މަޑުކޮށް އަނިޔާވި ފަރާތަށް އެހީތެރިވުމަށް މަސައްކަތް ކުރުމުން ވެސް އެނގެނީ އެ މީހަކަށް އަނިޔާވުމުގެ ގަސްތު އޮވެގެން އެއްވެސް ކަމެއް ނުކުރާ ކަމެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރިއަށް ނުގޮސް މަޑުޖައްސާލަން އެދުނީ، ގެއްލުން ލިބުނު ކާރުގެ ވެރިފަރާތާއި މައުސޫމާ ދެމެދު އެއްބަސްވުމަކަށް ދެވިފައިވާތީ ކަމަށް ހަމްޒާ ވިދާޅުވި އެވެ. އެގޮތުން:
-
މި ކަން އަންގައި ކާރުގެ ވެރިފަރާތުން 19 ޖެނުއަރީގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ވެސް ވަނީ ސިޓީއެއް ފޮނުވާފައި
-
ކާރުގެ މަރާމާތަށް ހިނގި ހަރަދަކީ ގާތްގަނޑަކަށް 46،000ރ.؛ އެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައެއް ވަނީ މައުސޫމް ދައްކާފައި
ދެން އަޑުއެހުމެއް އޮންނާނީ މި މަހު 20ގަ އެވެ.
އެނގުން މުހިންމު - ޕީޖީން ބުނި ގޮތުގައި، މީގެ ތެރެއިން މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބަކީ:
-
ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ދުއްވަން އިން މަސްއޫދު ރާނާ ކާރު ދަށުގައި ތާށިވެ، އޭނާ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވުމުން
އަނެއް ދެ ދައުވާ އުފުލި ސަބަބުތަކުގެ ގޮތުގައި ޕީޖީން ބުނީ:
-
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލީ ސައިކަލު ފަހަތުގައި އިން ސޮވައިބް ޝައިހު ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުން
-
މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލީ، މައުސޫމަށް ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރަކަށް ބޮޑެތި ގެއްލުންތައް ލިބުމުން