ހުޅުމާލޭ ސެންޓްރަލް ޕާކު ވަޝައިގެންވާ ރައުންޑަބައުޓް: ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއްގައި ދައުވާކޮށްފި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަރު

ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވަން އިން މީހާއަށް ދައުވާކޮށްފި

ކާރު ދުއްވަން އިން މައުސޫމުގެ މައްޗަށް ތިން ދައުވާއެއް އުފުލި. އޭގެ ތެރޭގައި މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ވެސް ހިމެނޭ
23 ސެޕްޓެމްބަރު 2024

މިދިޔަ އޭޕްރީލް މަހު ހުޅުމާލެ އުރީދޫ ބިލްޑިންެ ހުޅަނގަށް އޮންނަ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވަން އިން މީހާއަށް ދައުލަތުން ޖިނާއީ ދައުވާކޮށްފި އެވެ.

މައްސަލައިގެ ފެށުން - އޭޕްރީލް 14ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ސައިކަލުގައި އިން ބަންގްލަދޭޝް ދެ މީހުން ކަމަށްވާ ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މަސްއޫދު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. ކާރު ދުއްވަން އިނީ މައުސޫމް ހަލީމް ކ. ކާށިދޫ، ކެތި އެވެ.

ވީ ކިިހިނެއް؟ - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ ކާރު ދުއްވަން އިން މައުސޫމުގެ މައްޗަށް ތިން ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާތަކަކީ:

  • 1-

    މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ

  • 2-

    އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ

  • 3-

    މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ

ޕީޖީން ބުނި ގޮތުގައި، މީގެ ތެރެއިން މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބަކީ:

  • ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ދުއްވަން އިން މަސްއޫދު ރާނާ ކާރު ދަށުގައި ތާށިވެ، އޭނާ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވުމުން

އަނެއް ދެ ދައުވާ އުފުލި ސަބަބުތަކުގެ ގޮތުގައި ޕީޖީން ބުނީ:

  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލީ ސައިކަލު ފަހަތުގައި އިން ސޮވައިބް ޝައިހު ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުން

  • މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލީ، މައުސޫމަށް ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރަކަށް ބޮޑެތި ގެއްލުންތައް ލިބުމުން

ގުޅުން ހުރި - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި މި މަހު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. ސްޕޯޓްސް ކާރަކުން ޖެހި، ސައިކަލެއް ދުއްވަން އިން ހަސަން ސަމާހު ވަނީ މަރުވެފަ އެވެ.

މި އަހަރު، ހާއްސަކޮށް މި މަހު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ކުޑަކަމުގެ ޝަކުވާ ވެސް ބޮޑުވެފައިވެ އެވެ.

މިއިން ބައެއް އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތައް ބަންދުކޮށް، ތަހުގީގު ކުރަމުން ވެސް އެބަ ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް